އައިފޯން 5އެސް، އަންނަ ޖުލައިމަހު އަތު ޖެހޭވަރުވާނެ!

އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ގިނަ ފަރާތްތަކެއް އެ ކުންފުނީގެ ސްމާޓްފޯނުގެ އެންމެ ފަހުގެ މޮޑެލް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ތިބޭނޭކަން ޔަގީނެވެ. އެފަދަ ފަރާތްތަކަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނޭފަދަ ވާހަކަތަކެއް މިހާރު މިވަނީ މީޑިޔާގައި ފެންމަތިވެފަ އެވެ. އެއީ އެޕަލް "އައިފޯން5"ގެ ފަހުގެ މޮޑެލް އައިފޯން 5 އެސް އަންނަ ޖުލައި މަހުގެ ތެރޭގައި އެޕަލްގެ ފޭނުންގެ އަތްތިލަ ބީއްސާލެވޭ ހިސާބައް ތިލަވާނެ ވާހަކައެވެ.

ބުނެވޭ ގޮތުގައި އަންނަ ޖޫންމަހުގައި އޮންނަ އެޕަލްގެ "ވޯލްޑްވައިޑް ޑެވެލޮޕާސް ކޮންފަރެންސް" (ޑަބްލިޔުޑަބްލިޔުޑީސީ)ގައި އައިފޯން 5އެސް ދުނިޔެއަށް ނޭވާލާނެއެވެ. އަދި ޖޫންމަހުގެ 10-14އަށް އޮންނަ ޑަބްލިޔުޑަބްލިޔުޑީސީގެ "ޕްރީ އޯޑަރު" ބަލައިގަންނަން ވެސް ފަށާނެ އެވެ. މިފަދަ ވާހަކަތަކެއް އައިފޯން 5އެސްއާ ބެހޭގޮތުން ފެތުރިގެން ގޮސްފައި މިވަނީ، އެ ފޯނުގެ ޕްރިއޯޑަރާ ބެހޭ ލިޔުންތަކެއް ޖަޕަނީޒް ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ކޭޑީޑީއައި)ގެ ތެރެއިން ލީކުވުމާ ގުޅިގެންނެވެ.

ކޭޑީޑީއައިގެ ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އައިފޯން 5އެސްގެ ޕްރީއޯޑާސް ޖޫން 20ގައި ފަށާއިރު އެ ފޯނު ޖުލައިމަހުގެ ކޮންމެވެސް ހިސާބެއްގައި އޯޑަރު ކުރި ފަރާތްތަކަށް ލިބޭވަރުވާނެއެވެ. އަދި އެ ލިޔުންތަކުން އެނގުނު ގޮތުގައި އައިފޯން 5އެސްގައި 13 މެގަޕިކްސެލްސްގެ ކެމެރާއަކާއި، ފިންގާޕްރިންޓް ރީޑަރެއް ހިމެނޭއިރު އެ ފޯން ބާޒާރަށް ނެރޭނީ އައިއޯއެސް 7 އާއެކުގައެވެ.

އަންނަ ހޫނު މޫސުމުގައި އައިފޯންގެ ފަހުގެ މޮޑެލް ބާޒާރަށް ނެރެވިއްޖެނަމަ، ބާޒާރުގައި މިހާރުވެސް ވަކި ހިއްޕަމުންދާ ވާދަވެރި ސެމްސަންގު ގެލެކްސީ އެސް4 އާއި އެޗްޓީސީ ވަން ސްމާޓްފޯން އަށް އެޕަލްގެ ފަރާތުން ދެވޭނެ ރަނގަޅު ރައްދެއްގެ ގޮތުގައި ސްމާޓްފޯންގެ މާކެޓް ދިރާސާކުރާ ފަރާތަކުން ލަފާކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު