ވެލިދޫ ދާއިރާގެ މެންބަރު އަލިބެ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވާ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ޓިކެޓުގައި ވެލިދޫ ދާއިރާ އަށް ކުރިމަތިލައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު 2011 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެންނެވި އަލިބެ، މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެކަމުގެ އުފަލުގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އަލިބެ އެމްޑީޕީއަށް މިއަދު ގުޅިވަޑައިގަތުމުން އޭނާ ސޮއިކުރައްވާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދަށްފަހު އެމްޑީޕީގެ ޖަލްސާތަކުގައި އަލިބެ ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެ ކަމަށެވެ.

"އަލިބެއަކީ ވަރަށް ގާބިލް ކުޅަދާނަ ބޭފުލެއް. އަޅުގަނޑު އުންމީދު ކުރަނީ އެމަކުފާނު މި ޕާޓީއާ ގުޅިވަޑައިގަތުމުން ޕާޓީއަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔަ ކަމަށް. އެ އެ މަނިކުފާނުގެ ދާއިރާއިން ވެސް އެ މަންޒަރު ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން،" އިބޫ ވިދާޅުވި އެވެ.

އެމްޑީއަށް އަލިބެ ސޮއި ކުރި ކަމަށް ބުނެ ކުރިން އަޑުފެތުރިފައި ވަނިކޮށް އޭނާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ނަމަވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެތޯ އޭރު ސުވާލު ކުރުމުން އަލިބެ ވިދާޅުވެފައި ވަނީ ކަމަށް ދެކެވޭ ވާހަކަތަކެއް ވަނިކޮށް އަލިބެ ވިދާޅުވެފައި "އެކަން އެނގިގެންދާނެ" ކަމަށެވެ.

comment ކޮމެންޓް