ބޮޑު ކޯލިޝަނެއް ލީޑުކުރާނީ ޑރ. ވަހީދާއި ގާސިމް

މިއަހަރު ސެޕްޓެމްބަރ މަހު ބާއްވާ ރިއާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ފަސް ޕާޓީއަކުން ފަސްބޭފުޅަކު ވިދާޅުވެފައި ވިޔަސް ވަގުތު އައިސް ޖެހޭއިރު ކުރިމަތިލައްވާނީ ތިން ކެންޑިޑޭޓުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޑީ.އާރު.ޕީ ގެ ތަސްމީނު އާއި ޖުމްހޫރީ ޕާޓީ ގެ ގާސިމް ވިދާޅުވިއަސް ކޯލިޝަން ހެދުމަށްޓަކައި ޕާޓީ ތަކުން މިހާރު ދައްކަމުން އަންނަ ވާހަކަ ތަކަށް ފަހު ގާސިމް އާއި ތަސްމީނު ވެސް ކޮންމެވެސް ކޯލިޝަން އަކާ ގުޅިވަޑައިގަންނަވާނެ ކަމަށް ފެނެއެވެ.

ފުރަތަމަ ކެންޑިޑޭޓެއްގެ ގޮތުން އެމް.ޑީ.ޕީ ގެ މުހައްމަދު ނަޝީދުއަށް ބަލައިލާނަމެވެ. 2008 ވަނަ އަހަރު ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނަޝީދަށް ލިބިވަޑައިގަތީ 25 އިންސައްތަ އެވެ. އެބުރުގައި މައުމޫނު އަބްދުލްޤައްޔޫމް އަށް 40 އިންސައްތަ ލިބިވަޑައިގަތެވެ. އެބުރުގައި ޑރ. ހަސަން ސައީދަށް 16 އިންސައްތަ އަދި ގާސިމް އިބްރާހީމަށް 15 އިންސައްތަ ލިބިވަޑައިގަތެވެ.

ދެހާސް އަށްވަނަ އަހަރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. ހަސަން އާއި ގާސިމުގެ ތާއީދު ނަޝީދަށް ދެއްވުމުން ދެވަނަ ބުރުގައި ނަޝީދަށް ކާމިޔާބު ލިބިވަޑައިގަތީ 53 އިންސައްތަ ވޯޓު ހޯއްދަވައިގެން ކިރިޔަ ކިރިޔާއެވެ. އެހެންކަމުން 2013 ގެ އިންތިހާބުގައި އެއްވެސް ބަޔަކާ ކޯލިޝަން ނުހައްދަވައި ނަޝީދު ނިކުމެވަޑައިގަތުމުން 30 އިންސައްތައަށް ވުރެން ގިނައިން ލިބިވަޑައިގަންނަވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ޕީ.ޕީ.އެމް ގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ގެ ސަޕޯޓަރުންނަކީ ހަގީގަތުގައި މައުމޫނުގެ ސަޕޯޓަރުންނެވެ. އެހެންކަމުން 2008 ގެ ހިސާބުތަކަށް ބަލާއިރު މައުމޫނަށް ނެންގެވޭނީ އެންމެ ގިނަވިއަސް 40 އިންސައްތަ ވޯޓެވެ. ނަމަވެސް ސިޔާސީ މަސްރަހަށް މިހާރި އައިސްފައިވާ ބަދަލުތަކަށް ބަލާއިރު މައުމޫނާ އެކު އެއިރު ތިއްބެވި ތަސްމީނު ފަދަ ބައެއް ބޭފުޅުން މިހާރު މައުމޫނާ އެކު ނެތުމާއި، އިލްޔާސް އިބްރާހިމް ފަދަ ބޭފުޅުންގެ ތާއިދު ވެސް ފަހަރުގައި މައުމޫނުގެ ކެންޑިޑޭޓަށް ލިބިވަޑައިނުގަންނަވާނެތީ، މިއަހަރު އިންތިހާބުގެ ފުރަތަމަ ބުރުން ޕީ.ޕީ.އެމް އަށް ލިބޭނެކަމަށް ގަބޫލުކުރެވެނީ 25 އިންސައްތަ ވޯޓެވެ.

ތިންވަނަ ކެންޑިޑޭޓެއްގެ ގޮތުން މިހާރުގެ ރައީސް ޑރ. ވަހީދަށް ބަލައިލާއިރު އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ ގެ ޑރ.ހަސަން ސައީދުގެ ތާއީދު އޮތީ ޑރ. ވަހީދު ހައްދަވާ ކޯލިޝަން ސަރުކާރަކަށެވެ. އަދި އެމް.ޑީ.އޭ ގެ ވެރިޔާ ސަންޓްރެވަލް ސިޔާމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި އުމަރު ނަސީރުގެ ތާއީދުވެސް ޑރ. ވަހީދު ހައްދަވާ ބޮޑު ކޯލިޝަން އަކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ސުވާލަކީ އެފަދަ ބޮޑު ކޯލިޝަން އެއް ހެދިއްޖެ ނަމަ އެކޯލިޝަންގެ ކެންޑިޑޭޓުކަން ވަހީދުގެ ބަދަލުގައި ގާސިމް ފަދަ ބޭފުޅަކަށް އަރުވަފާނެތޯއެވެ؟ ފާއިތުވިތަނުގެ ސިޔާސީ ހަޤީޤަތްތަކަށް ބަލާއިރު މިފަދަ ކޯލިޝަން އަކަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑީ ޑރ. ވަހީދުގެ ފަހަތްޕުޅުން ވަރުގަދަ ރަނިންގ މޭޓެއްގެ ގޮތުގައި ގާސިމް އިބްރާހިމް ނިކުމެވަޑައިގަތުމުން ކަމަށް ގަބޫލު ކުރެވެއެވެ.

އެފަދަ ބޮޑު ކޯލިޝަން އަކަށް ފުރުތަމަ ބުރުން 45 އިންސައްތަ ލިބޭނެކަމަށް ގަބޫލުކުރެވެ އެވެ. އަދި ވަރުގަދައަށް މަސައްކަތް ކުރެވިއްޖެ ނަމަ 55 އިންސައްތަ ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބޮޑު ކޯލިޝަން އަކަށް މިގޮތަށް ވެރިކަން ލިބިއްޖެނަމަ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ގެ ފަހަތްޕުޅުގައި ހުންނަވާ، ނައިބުރައީސް ގާސިމް އިބްރާހިމް އަކީ ރާއްޖޭގައި ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގަވާ، ގައުމު ތަރައްގީ ކުރައްވާ ނައިބުރައީސަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ހަމައެފަދައިން ވަކި ހާއްސަ ޕޯރޓް ފޯލިއޯ އެއް ނެތް ސީނިއާ މިނިސްޓަރުކަމުގެ ވަރުގަދަ މަގާމެއް ޑރ. ހަސަން ސައީދަށް ދެއްވުމާއެކު އެފަދަ ސަރުކާރެއްގެ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ވެގެން ދާނެ ކަމަށް ވެސް ގަބޫލުކުރެވެ އެވެ. އޭގެ އިތުރުން އެމް.ޑީ.އޭ އަށާއި އަދާލަތު ޕާޓީއަށް ކެބިނެޓްގެ މުހިއްމު ވުޒާރާތަކެއް ލިބިގެންދާނެ ގޮތަކަށް މިފަދަ ކޯލިޝަން އެއްގެ އެއްބަސްވުން ހެދިގެން ދާނެ ކަމަށް ވެސް ގަބޫލުކުރެވެ އެވެ.

ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީ.ޕީ.އެމް ތިންވަނައަށް ގޮސް، ދެވަނަބުރަކަށް ޑރ. ވަހީދު އާއި ނަޝީދު ގޮސްފިނަމަ ޔާމީން އާއި ޔާމީނުގެ ސަޕޯޓަރުން ދެވަނަ ބުރުގައި ނަޝީދަށް ތާއީދު ކުރުމަކީ ވުން ވަރަށް ކައިރި ކަމެކެވެ. އެހެންކަމުން އެމް.ޑީ.ޕީ ބަލިކުރާނަމަ ފުރަތަމަބުރުން އިންތިހާބު ކާމިޔާބު ކުރަން ޖެހެއެވެ. އެކަން އެގޮތަށް ކުރެވޭނީ ޑރ. ވަހީދާއި، ގާސިމް އިބްރާހީމް އާއި، އަދާލަތު ޕާޓީ އާއި، ޑރ. ހަސަން އާއި، އެމް.ޑީ.އޭ އާއި، އުމަރު ނަސީރު ގުޅިގެން ފުޅާ ކޯލިޝަނެއް ހެދިގެންނެވެ.

އެންމެފަހުވަގުތު ޑީ.އާރު.ޕީ އިން ކަންތައް ކުރާނެ ގޮތެއް ވެސް ޔަގީނަށް ނޭނގޭތީ އާއި، ދެވަނަ ބުރަކަށް ވޯޓުލުން ހިނގައްޖެ ނަމަ ޔާމީނުގެ ސަޕޯޓަރުން ހަދާނެ ގޮތެއް ވެސް ޔަގީނަށް ނޭނގޭތީ، ފުރަތަމަ ބުރުން މިކަން ނިންމުމުގެ އަޒުމުގައި ހުރިހާ ފަރާތް ތަކަކުން ވެސް ފުޅާ ކޯލިޝަންއަކަށް މަގު ފަހިކުރައްވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް