އޯރާ އެޗްޑީ އީބުކް-ރީޑާ ލޯންޗު ކޮށްފި

"އީބުކް" ވިޔަފާރީގައި މަޝްހޫރުކަން ހޯދާފައިވާ ކެނެޑާގެ ކޮބޯއިން އެކުންފުނީގެ އެންމެ ފަހުގެ "އީބުކް ރީޑާ" އޯރާ ހައިޑެފިނިޝަން (އެޗްޑީ) އީބުކް ރީޑާ ތައާރަފް ކޮށްފިއެވެ.

ކޮބޯއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފްކުރި "އީ-އިންކް ބޭސްޑް ޑިވައިސް، އޯރާ އެޗްޑީ 6.8 އިންޗި" ހުންނަ އެ އާލާތުގެ ސްކްރީން ރިޒޮލިއުޝަނަކީ ކޮންމެ އިންޗިއަކަށް 265 ޕިކްސެލްއެވެ. އެގޮތުން އެމޭޒަންގެ އެންމެ ގަދަޔަށް ވިކުނު "ކިންޑްލް ޕޭޕަވައިޓް" އަށްވުރެ ކޮބޯގެ އެ އުފެއްދުން ރަނގަޅުވާނޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. "ކިންޑްލް ޕޭޕަވައިޓް"އަކީ އިންޗިއަކަށް 212 ޕިކްސެލްސް ހިމެނޭ ހަ އިންޗީގެ ސްކްރީންއެއް ހުންނަ އާލާތެކެވެ.

ޖަޕާނުގެ ރީޓެއިލް ވިޔަފާރީގެ ބޮޑު ބާރެއްކަމަށްވާ "ރަކުތެން"އިން 2011 ވަނައަހަރު ކޮބޯ ގަތުމަށްފަހު އިނގިރޭސިވިލާތުގެ ފޮތުގެ ވިޔަފާރީގެ ބާރެއް ކަމަށްވާ ޑަބްލިޔުއެޗްސްމިތް އާއެކު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކޮބޯގެ ވިޔަފާރި ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

އެހެން ނަމަވެސް އީބުކް ރީޑާސް މާކެޓްގެ 90 އިންސައްތަ ހިއްސާ މިހާތަނަށް ދަމަހައްޓަމުންއައި އެމޭޒަންގެ ވިޔަފާރިއާއި ވާދަކުރަން ކޮބޯއަށް އަދިވެސް ދުވަސްތަކެއް ނަގާނޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޮބޯގެ އީބުކް-ރީޑާ އަކީ މިވަގުތު މާކެޓްގައި ލިބެން ހުންނާނޭ އީ-އިންކް ބޭސްޑް އެންމެ މަތީ ރިޒޮލިއުޝަނެއް އެކުލެވިގެންވާ އާލާތައް ވުމުގެ އިތުރުން އޭގައި އެކުލެވިފައިވާ ފްރީސްކޭލް ޕްރޮސެސަރުގެ ސަބަބުން އޮމާންކަމާއި ހަލުއިކަމާއެކު އޭގެ ސަފުހާތަށް ދައުރު ކޮށްލުމުގެ ގާބިލުކަންވެސް ވާދަވެރި އާލާތްތަކަށްވުރެ ކޮބޯގެ އައު އުފެއްދުމުގައި ބޮޑުވާނޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އޭގައި ހިމެނޭ "އެކްސްޓްރާ ޕިކްސެލްސް"ގެ ސަބަބުން ކަރުދާހުގައި ޗާޕްކޮށްފައި ހުންނަ ތަކެތި ކިޔާލާއިރު ހުންނަ ފަދަ ފަސޭހަކަމެއް އޭގެ ސްކްރީންގައި އެކުލެވިގެން ވާނޭކަމަށްވެސް ވެއެވެ.

އޯރާ އެޗްޑީ އީބުކް ރީޑާއެއްގެ ލަފާކުރެވޭ އަގުކަމަށް ރިޕޯޓުތައް ބުނަނީ ގާތްގަނޑަކަށް 140 ޕައުންޑެވެ. އެއީ މިހާރު މާކެޓްގައި ލިބެންހުރި "ކިންޑްލް ޕެޕަވައިޓް"އާއި ނޯބްލްގެ "ނޫކް ސިމްޕަލް ޓަޗް"އަށް ވުރެ 30 ޕައުންޑް ބޮޑު އަގެކެވެ.

އިނގިރޭސި ވިލާތުގެ ފޮތުގެ ވިޔަފާއި ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި އެގައުމުގައި އީބުކް ރީޑަރުތައް އާންމުވުމާ ގުޅިގެން ފިހާރަތަކުން 2012 ވަނަ އަހަރު ވިކުނު ފޮތުގެ އަދަދު ވަނީ ފަސް އިންސައްތަ ދަށަށް ގޮސްފައެވެ. ހަމަ އެމުއްދަތުގެ ތެރޭގައި އެ ގައުމުގެ އީ-ބުކް މާކެޓްވަނީ 100 އިންސައްތައަށް ފުޅާވެ ގާތްގަނޑކަށް 150 މިލިޔަން ޕައުންޑުގެ ވިޔަފާރި ވެފައިކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު