ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ކޮކޯފުޅު އަބްދުﷲ ޔާމިން ހޮވިވަޑައިގެންނެވުމުން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވަނީ ޕީޕީއެމްގެ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އުމަރު ވިދާޅުވެފައި ވަނީ އެ ޕާޓީ ތެރެއަށް ބޮޑު އިންގިލާބެއް ގެންނަވާނެ ކަމަށާއި ޕާޓީތެރޭގައި"ހަނގުރާމަ" ކުރައްވާނެ ކަމަށެވެ. ޕީޕީއެމްގެ ޕްރައިމަރީއަށް ފަހު އުމަރު ނަސީރު އަމިއްލަފުޅަށް އިސްނަންގަވައިގެން ޖަލްސާއެއް ބާއްވާފައި ވަނީ އެ ޕާޓީގެ ރައީސް މައުމޫނުގެ އެދިވަޑައިގަތުމާ ދެކޮޅަށް، މައުމޫނަށް ގޮންޖައްސަވައިފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނު ފޮނުއްވި ރަސްމީ ސިޓީފުޅާއި ފޮނުއްވި އެސްއެމްއެސްއާ ދެކޮޅަށް އުމަރުގެ ސަޕޯޓަރުންނާ އެކު އޭނާ ބޭއްވި ޖަލްސާއަށް ފަހު ޕީޕީއެމްގެ ތެރޭގައި އުމަރާ މެދު ދެކޭ ނަޒަރު ވަނީ ބަދަލުވެފަ އެވެ. ޕީޕީއެމުން ވަކިވެވަޑައިނުގަންނަވައި ހުންނަވާނެ ކަމަށާއި އެ ޕާޓީތެރޭގައި ހުންނަވައިގެން އިންގިލާބެއް ގެންނަވާނެ ކަމަށް ވިދާޅުވެ އުމަރު ދެއްކެވި ވާހަކަތައް ޕީޕީއެމް ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ޕީޕީއެމް ތެރެއިން ވެސް އުމަރު ނަސީރު ބޭރުކޮށްލުމުގެ ވަގުތު އައީ ބާ އެވެ؟ އުމަރު ޕީޕީއެމް ވަކިކޮށްފާނެ ކަމުގެ ކޮޅުމަތި ފެންނާން އެބައޮތެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީނާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ އިރު އުމަރު ނަސީރު ދައްކަވާފައިވާ ވާހަކަތަކަށް މާފަށް އެދުމަށް އެ ޕާޓީ ކައުންސިލުން ވަނީ އުމަރަށް އަންގާފަ އެވެ.
ޕާޓީތެރޭގައި ހުންނަވައިގެން އިންގިލާބު ގެންނަވާނެ ކަމަށް ކިތަންމެ ވަރަކަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އުމަރު ގެންނާން ބޭނުންވާ "އިންގިލާބު ގެންނަން" އޭނާ އަށް އެ ފުރުސަތު ޕީޕީއެމުން ދީގެން ނުތިބޭނެ ކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ. އުމަރު ކުރައްވާ މަސައްކަތަކީ ޕީޕީއެމް ރޫޅަލަން ކުރާ މަސައްކަތެއްގެ ގޮތުގައި ޕީޕީއެމް ކައުންސިލްގެ ގިނަ މެންބަރުން ދެކެ އެވެ.
އުމަރުގެ ބަހުގެ ހަމަލާތައް އަމާޒު ވެފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކަމަށްވާ އިރު އުމަރާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޕީޕީއެމް އަވަސްވެ ގަންނާނެ އެވެ؛ ސަބަބަކީ، އެ ޕާޓީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ނުކުންނަ އިރު، އެކަން އެގޮތުގައި ބާއްވައިގެން އެ ޕާޓީ އަށް ކުރިއަށް ނުދެވޭނެތީ އެވެ. ޕީޕީއެމް ތެރޭގައި އެފަދަ ވާހަކަތައް ދައްކަވާ ނަމަ އުމަރާ މެދު ފިޔަވަޅު އެޅުމުގައި މައުމޫނާއި އެމަނިކުފާނު އާއިލީ ބޭފުޅުން އިސް ނެންގެވުމަކީ ވެސް ގާތް ކަމަކަށްވާނެ އެވެ. އަދި އުމަރު ޕީޕީއެމް އިން ވަކި ކުރުމަކީ މާބޮޑު މައްސަލައެއް ކަމަށް އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން ގަބޫލެއް ނުކުރެ އެވެ. އޭގެ ސަބަބުން މާގިނަ މެންބަރުންތަކެއް ޕާޓީން ގެއްލިގެން ނުދާނެ ކަމަށް އެ މެންބަރުން ދެކެވެ.
ޕާޓީގެ ކައުންސިލްގައި އުމަރުގެ ޓީމްގެ މެންބަރުން މަދުވުމަކީ ވެސް އުމަރާ މެދު ފިޔަވަޅު އެޅުމަށް ލިބޭ ފަސޭހަ ފުރުސަތެކެވެ. އެކަން އިއްޔެ ވަނީ ފެނިފަ އެވެ. އުމަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުއްލި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ފަހު އާންމުނަށް އެނގޭ ގޮތަށް މާފަށް އެދުމަށް ކުޑަ މުހުލަތެއް ވަނީ ކައުންސިލުން ދީފަ އެވެ. އުމަރު ޖަލްސާ ބޭއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުގައި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ނިންމި ނިންމުމަކީ އުމަރު ޕާޓީން ވަކި ކޮށްފާނެ ކަމުގެ ވަރަށް ފެހިސިގުނަލެކެވެ.
ކައުންސިލް ބައެއް މެންބަރުން ވަނީ އުމަރުގެ ވާހަކަތަކާ ގުޅިގެން "ރަތަށް އަރާފައި"އެވެ. އުމަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނީ އުމަރު އެ މަސައްކަތް ކުރައްވާފައި ވަނީ ޕާޓީ ބައިކޮށްލުމަށް ކަމަށާއި އޭނާ ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ދެކޮޅަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އަދި އުމަރު ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާއާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"އުމަރު ނަސީރު ދެއްކެވި ވާހަކަތަކަކީ މި ޕީޕީއެމް ބައިބައިކޮށްލަން ދައްކާފައިވާ އަދި ހަގީގަތާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް. އޭނާ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އަމާޒުކުރި ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަޅުގަނޑުމެން ޔަގީން ކުރަން،" މަހްލޫފް ވިދާޅުވި އެވެ.
އަދި އެ ޕާޓީގެ ކައުންސިލް ގިނަ މެންބަރުންގެ ވިސްނުމަކީ އެއީ އެވެ. އޭގެ އިތުރުން އުމަރު ނަސީރު އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ޕީޕީއެމް ޕްރައިމަރީ އިންސާފުވެރި ނޫން ވާހަކަ އެވެ. އުމަރު ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް އާންމުކޮށް ވިދާޅުވެފަ އެވެ.
ނަމަވެސް ރައީސް މައުމޫނު ވަނީ އުމަރުގެ ވާހަކަތަކަށް ގޮންޖައްސަވައި އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ޕީޕީއެމް ޕްރައިމަރީއަކީ އިންސާފުވެރި އިންތިހާބެއް ކަމަށެވެ. އެހެން ކަމަށްވާ އިރު އުމަރު ނަސީރު އެ އިންތިހާބާ މެދު ދައްކަވާ ވާހަކަތަކަކީ އެ ޕާޓީތެރޭގައި ވައިގައި ހިފާނެ ވާހަކަތަކެއް ނޫނެވެ.
ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންވާ ބޭފުޅަކު ވިދާޅުވީ ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން، ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ކަމަށް ތުހުމަތުކުރެވޭ ފަދަ ގޮތަކަށް އުމަރު ވާހަކަ ދައްކަވާފައިވާ އިރު އެފަދަ މީހަކު ޕާޓީގައި ބަހައްޓަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ބަހައްޓަވަން އެއް ގޮތަކަށް ވެސް ބޭނުންނުވާ ކަމަށެވެ. ޕީޕީއެމް ތެރޭގައި އުމަރަށް ޖެހޭނީ ޕާޓީގެ ނިންމުމަށް އިހްތިރާމް ކުރާށެވެ. ނޫނީ ޕާޓީ ދޫކޮށްފައިދާށެވެ. މިއީ ކައުންސިލް ބައެއް މެންބަރުންގެ ބުނާ ވާހަކަ އެކެވެ.
ނަމަވެސް އުމަރު ޓީމުގެ މެންބަރުން އަދި ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެނެވެ. އުމަރު ގޮވާލަނީ އޭނާ ދޫކުރާ "ހުދު ވަލުގައި" ހިފައިގެން ތިބުމަށެވެ. އެ ހުރިހާ ހަގީގަތަކާ އެކު ވެސް ޕާޓީތެރޭގައި އޭނާ ކުރާ މަސައްކަތުގައި ފަތަހަ ހޯދާނެ ކަމަށެވެ. އެ ވާހަކަތަކަށް އަތް ޖެހުމަށް އުމަރު ފަހަތުގައި ވެސް ބައެއް މެންބަރުން އެބަ ތިއްބެވެ. އުމަރު ވިދާޅުވަނީ އެއީ އޭނާގެ ހިތްވަރު ކަމަށެވެ.
ނަމަވެސް އާހިރުގައި އުމަރަށް ކުރިމަތިލާން ޖެހޭނީ ޑީއާރުޕީގައި ހުންނަވަނިކޮށް ކުރިމަތިލާން ޖެހުނު ހާލަތާ ކަމަށް ބޮޑަށް ގަބޫލު ކުރެވޭ ސަބަބުތަކީ އެ ހާލަތާއި މިއަދުގެ ހާލަތާ އެއްގޮތް ކަމެއް ހުރުމުން ވެސްމެ އެވެ. އަދި އެހެންމެ އުމަރު އެ ދައްކަވާ ހުދު ވަލުގެ ވާހަކައަކީ ވެސް އުމަރަށް ދެއްކެވެން އޮތް ވާހަކައެއް ނޫން ކަމަށް ބަޔަކު ދެކެ އެވެ. ހުދު ހެދުން ލުމަކުން ހުދު ވަލަކަށް ނުވެ އެވެ. ޔާމީންގެ ޓީމަށް "ވަގަށް ގޮވައި" އުމަރުގެ ކެމްޕޭންގެ އިސް ސަފަށް ނެރުއްވީ މިރާއްޖޭގައި ނެތް ވަރުގެ "ބޮޑު ވަގުން"ނެވެ. އެހެންކަމާ އެކު އެއީ ވެސް ދިމާވާ ވާހަކައެއް ނޫން ކަމަށް ބަޔަކު ދެކެ އެވެ.
އުމަރު އުފެއްދި އައިޑީޕީ އުވާލައި އޭނާ ޑީއާރުޕީއާ ގުޅިވަޑައިގަތީ "ކުޑަ އޮޑިފައްތާލައި" ބޮޑު އޮޑިއަށް އެރުއްވުމުގެ ބޭނުމުގައި ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. ނަމަވެސް ޑީއާރުޕީ ތެރޭގައި ހަމަނުޖެހުން ހިންގައި އެ ޕާޓީ ބައިބައިކޮށްލުމަށް އުމަރު މަސައްކަތް ކުރެއްވި ކަމަށް، ލީޑަރު އަހްމަދު ތަސްމީނު އަލީއަށް ގަބޫލުކުރެއްވުނު ހިސާބުން އުމަރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އޭރު ވެސް އުމަރު ވިދާޅުވަމުން ގެންދެވީ ޑީއާރުޕީގައި ހުންނަވައިގެން ޕާޓީ އިސްލާހު ކުރައްވާނެ ކަމުގެ ވާހަކަ އެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕާ ދެކޮޅަށް ކުރެއްވި މަސައްކަތް ނިމިގެން ދިޔައީ ޕާޓީ ދޫކޮށްލާފައި ދާންޖެހުމުންނެވެ.
އުމަރު ޑީއާރުޕީން ވަކި ކުުރުމަށް ކުރި މަސައްކަތާ އޭރު އެެންމެ ބޮޑަށް ދެކޮޅު ހެެއްދެވީ، ޑީއާރުޕީގެ އޭރުގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ނަމަވެސް ޑީއާރުޕީގެ ކައުންސިލްގެ މެޖޯރިޓީ އޮތީ ތަސްމީންގެ އަތްޕުޅުގައި ކަމަށް ވުމުން ތަސްމީން މައުމޫން ދެއްކެވި ވާހަކަ ގަބޫލު ނުކުރައްވައި އުމަރަކީ "ޕާޓީގެ ތެރޭގައި ހުރި ފަންޏެއް" ކަމަށް ބަލައި އުމަރު ޕާޓީން ވަކިކުރި އެވެ.
މި ފަހަރު ވެސް އުމަރު އެ ދަތުރު ކުރަނީ އެ މިސްރާބުންނެވެ. ތަފާތަކީ މިފަހަރު، ފެންނަ މަންޒަރަށް ބަލާ އިރު، މައުމޫން ހުންނެވީ އުމަރުގެ އަތުގައި ހިއްޕަވާ ކަހަކަލަ ގޮތަކަށް ނޫނެވެ. އެހެންކަމާ އެކު އުމަރު ޕާޓީގައި ހުންނަވަން ބޭނުން ނަމަ ޖެހިވަޑައިގަންނަވާނީ ގޮތް ދޫކުރައްވަންކަމަަށް މުހައްލިލުން ވިދާޅުވެ އެވެ. ނޫނީ އުމަރަށް ޖެހިވަޑައިގަންނަވާނީ ކުރިން ކުރެއްވި ދަތުރު އަލުން ކުރައްވާށެވެ؛ ދަތުރު ފައްކުރައްވާށެވެ.