އަޅުގަނޑުގެ ރިއާސީ ވައުދުތައް (ދެވަނަ ބައި)

އަޅުގަނޑަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ލިބިއްޖެނަމަ އަޅުގަނޑު ވެސް ފުއްދައިދޭނެ ކަމަށް ބުނާ ގިނަ ވައުދުތަކެއް އެބަހުއްޓެވެ. މިއީ އެވައުދު ތަކުގެ ތިން ބައިގެ ތެރެއިން ދެވަނަ ބައެވެ. ފުރަތަމަ ބައިގައި ހަ ވައުދެއް އަޅުގަނޑު ވީމެވެ.

7- އަޅުގަނޑުގެ ހަތްވަނަ ވައުދަކީ ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑުތަން ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމެވެ. އެގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ކުރާނެ ކަމަކީ މަޖުލީހުގެ މެންބަރުންގެ އަދަދު 77 އިން 50 އަށް ތިރިކުރުމެވެ. މީގެ ސަބަބުން އަހަރަކު 33 މިލިއަން ރުފިޔާ ދައުލަތަށް ސޭވް ކުރެވޭނެ އެވެ. ހަމަ އެއާއި އެކު ކޮންމެ 5000 މީހަކަށް މެންބަރަކު އޮންނަ އޮތުން 8000 އަށް މަތިކުރާނަމެވެ.

ޚަރަދުކުޑަކުރުމުގެ އަނެއް ފިޔަވަޅެއްގެ ގޮތުން 942 ރަށު ކައުންސިލަރުންގެ އަދަދާއި 132 އަތޮޅު ކައުންސިލަރުންގެ އަދަދާއި، 17 ސިޓީ ކައުންސިލަރުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް ދަށް ކުރާނަމެވެ. މިހާރު އޮތް ގޮތުން ރާއްޖޭގައި ރަށުފެންވަރުގަ އާއި އަތޮޅު އަދި ސިޓީ ފެންވަރުގައި ޖުމުލަ 1091 ކައުންސިލަރުން މުސާރަ ލިބޭ ގޮތަށް އެބަތިއްބެވިއެވެ. މިއަދަދު ގިނަވެގެން ހަސަތޭކަ އަށް ދަށްކުރެވިދާނެ އެވެ. އަދި ކައުންސިލްތަކުގެ ރައީސުންނާއި ނައިބުރައީސުން ފިޔަވައި ދެންތިއްބަވާ ކައުންސިލަރުންނަށް މަހުމުސާރައިގެ ބަދަލުގައި ކޮންމެ ޖަލްސާއަކަށް ވަކި އުޖޫރައެއް ލިބޭ ގޮތަށް އަޅުގަނޑު ބަދަލުކުރާނަމެވެ.

މިބަދަލުގެ ސަބަބުން ދައުލަތަށް އަހަރަކު 57 މިލިޔަން ރުފިޔާ ސޭވް ކުރެވޭނެއެވެ. އެހެންކަމުން މަޖުލިސް މެންބަރުންގެ އަދަދު މަދުކޮށް ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ސަބަބުން ދައުލަތަށް އަހަރަކު 90 މިލިއަން ރުފިޔާ ސޭވް ވެގެން ދާނެ އެވެ.

8- މީގެ އިތުރުން ސިވިލްސާވިސްގެ މުވައްޒަފުންގެ އަދަދު މިހާރަށްވުރެ ދަށްކޮށް އެފިޝެންޓް ކޮށް ތިބޭ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އިނާޔަތްތައް އިތުރުކުރާނަމެވެ. ހާއްސަކޮށް ޓީޗަރުންގެ އުޖޫރަ ދެގުނައަށް ބޮޑުކޮށް ތައުލީމީ ދާއިރާ ވަރުގަދަ ކުރާނަމެވެ. މިއީ އަޅުގަނޑުގެ އަށްވަނަ ވައުދެވެ.

ހަމައެފަދައިން ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައި އެތަނަކީ މެޑިކަލް ޓޫރިޒަމަށް ރާއްޖޭގައި ދޮރުތަކެއް ހުޅުވިގެންދާ ފަދަ ފެންވަރު ރަނގަޅު ތަނަކަށް ހަދާނަމެވެ.

9- އަޅުގަނޑުގެ ނުވަވަނަ ވައުދަކީ ރާއްޖޭގައި ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން މަރަން ހުކުމް ކުރާ ފަރާތްތަކަށް މަރުގެގެ ހުކުމް ތަންފީޒު ކޮށް، ޑްރަގްގެ ވަބާއިން މުޅި ގައުމު ސަލާމަތްކޮށް، ޒުވާނުންނަކީ ގޭންގުތަކުގެ ބަދަލުގައި ކުޅިވަރު ކްލަބްތަކަށާއި، ތައުލީމުދޭ ކޮލެޖްތަކަށާއި، މަސައްކަތުގެ ދާއިރާ ތަކަށް ނިސްބަތްވާ ހީވާގި ބަޔަކަށް ހަދާނަމެވެ.

މީގެ އިތުރުން އައްޑުއަތޮޅު ފަދަ އާބާދީ ބޮޑު ސަރަހައްދެއްގައި ފުޓުބޯޅަ އެކަޑަމީއަކާ އެކު އޭލެވެލް ފެންވަރަށް ކިޔަވައިދޭ ފުޓުބޯޅަ ސެކަންޑަރީ ސްކޫލެއް ގާއިމުކޮށް ފުޓުބޯޅައިގައި ރާއްޖޭގެ ރޭންކިންގ ސަތޭކަ ވަނައަށް ވުރެން މައްޗަށް ޖައްސާނަމެވެ.

10- އަޅުގަނޑުގެ ދިހަވަނަ ވައުދަކީ ރާއްޖޭގެ ޓޫރިޒަމް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މިހާރު މިއޮތް ވައްތަރުގެ ޓޫރިޒަމް ހަރުދަނާ ކުރުމުގެ އިތުރުން، ހަތަރުބުރިއަށް ވިލާ އަޅާގޮތަށް އައު ކޮންސެޕްޓެއްގެ ރިސޯޓު ވެސް ތައާރަފް ކުރުމެވެ. އެގޮތުން އަޅާ ވިލާ ތަކަކީ ޓައިމް ޝެއަރ އުސޫލުން ދުނިޔޭގެ މަހުޖަނުން ގަންނަ ތަންތަނުގެ ގޮތުގައި ހަމަޖެހިގެންދާނެ އެވެ.

އަދި ރާއްޖޭގެ ރީތި ގޮނޑުދޮށް ތަކުން ދިވެހިންނަށް ހިތްހަމަޖެހުން ލިބޭފަދަ ގޮތަކަށް ދިވެހި ޓޫރިޒަމް ރިސޯޓުތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ތައާރަފް ކުރާނަމެވެ. އެތިން ރިސޯޓް ވެގެންދާނީ ހެޔޮ އަގެއްގައި ދިވެހިންނަށް ވެސް ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ހޯދައިދޭ ތިން ރިސޯޓަށެވެ.

މީގެ އިތުރުން ގައުމީ ދާރުލް އާސާރަކީ ހެނދުނު 9 އަކުން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނަ ތަނަކަށް ހަދައި، އެތާގައި ދެޝިފްޓަށް މުވައްޒަފުން މަސައްކަތްކުރާ ގޮތަށް ބަދަލުކުރާނަމެވެ. އެއީ ވީހާ ވެސް ގިނަ ފަތުރުވެރިންނަށް ދާރުލް އާސާރަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ހަމަ އެފަދައިން މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކަކީ ފަތުރުވެރިންނަށް މިހާރަށްވުރެން ޝައުގުހުރި ރަށްތަކަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރާނަމެވެ. އަދި ޕެސެންޖަރލައިނަރ ތަކާއި ލަގްޒަރީ ޔޮޓް ތަކަށް ފަސޭހަވާ ގޮތަށް މާލޭ ކަސްޓަމާއި، ޕޯރޓް ހިދުމަތާއި، އެއަރޕޯޓް ކަސްޓަމުގެ ޚިދުމަތްތަކާއި ފީތައް ރަނގަޅު ކުރާނަމެވެ.

11- އަޅުގަނޑުގެ އެގާރަވަނަ ވައުދަކީ ވ. އަތޮޅުގައި ތިބި އާބާދީ މަދު މީސްކޮޅު ރަނގަޅު އިނާޔަތް ތަކަކާއި އެކު އެހެން ސަރަހައްދަކަށް ބަދަލުކޮށް ޑީޕްސީ ޑްރެޖިންގ ހަދައިގެން މުޅި ވާވު އަތޮޅު އެއްކޮށް ހިއްކައިލުމެވެ. މިގޮތުން ހިއްކާއިރު ކަނޑުގެ ލޮނުގަނޑަށް ވުރެ ފަނަރަ ނުވަތަ ވިހި ފޫޓު އުސްކޮށް ހިއްކިއްޖެނަމަ ކުރިމަތިވެދާނެ ސުނާމީއަކުން ނުވަތަ ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ ކާރިސާއަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ އެވެ.

ބިން ހިއްކުމުގެ މިފަދަ ބޮޑު މަޝްރޫއެއް ވެގެންދާނީ ގާތްގަނޑަކަށް އެއްމިލިޔަން މީހުން އެއްފަސްކޮށް ސިނާއީ ތަފާތު ބޮޑެތި މަސައްކަތް ތަކެއް ކުރެވޭފަދަ އެއްފަސް ކުރެވިފައިވާ ބޮޑު ބިމަކަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކަށް ކުރިއަރައި، ޖީ.ޑީ.ޕީ އެތައް ގުނައަކަށް އިތުރުވެ ބޮލަކަށް ޖެހޭ ނިސްބަތް އިންތިހާއަށް މަތިވެގެން ދާނެ އެވެ. މިވަރުގެ ބޮޑު މަޝްރޫއެއް ހިންގޭނީ ދުނިޔޭގެ މިލިއަނުން އިންވެސްޓްކުރާ ފަރާތްތަކާ ގުޅިގެންނެވެ. އަދި މީގެ ސަބަބުން ސިންގަޕޫރު ފަދަ ތަރައްގީ ވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަގުފަހިވެގެން ދާނެ އެވެ.
ބުޝްރީގެ ޓުވިޓާ
ގުޅޭ ޓެގު
comment ކޮމެންޓް