ސެމްސަންގުން ޑިޖިޓަލް އަތުކުރީ ގަޑިއެއް އުފައްދާން މަސައްކަތް ކުރަނީ

އެމެރިކާގެ އެޕަލް ކުންފުންޏާ އެންމެ ވާދަވެރި ކޮރެއާގެ މަޝްހޫރު ސެމްސަންގް އިލެކްޓްރޯނިކްސް އިން އަތުކުރީ ގަޑިއާއި ވައްތަރު ޑިޖިޓަލް އާލާތެއް އުފައްދާން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސެމްސަންގުގެ އެތެރޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެކުންފުނިން އަލަށް އުފައްދާ އަތުކުރީ ގަޑިއަކީ ވަރަށްގިނަ ބޭނުންތަކެއް ހިފޭގޮތަށް ސެމްސަންގު ސްމާޓްފޯނުގެ ހާއްސިއްޔަތުތައް ވެސް އެކުލަވައިގެން އުފައްދާ އަދި ސްމާޓުފޯނަށް ލިބިފައިވާ ގާބިލު ސިފަތައް އެކުލެވޭ ގަޑިއެއް ކަމަށެވެ. އެހެން ނަމަވެސް އެފަރާތުން ވަނީ އެ ގަޑިއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް އިންކާރު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސެމްސަންގުގެ ތަރުޖަމާނު ޗެނީ ކިމް ބުނީ އެކުންފުނިން ދަނީ ވަރަށްގިނަ ޓެކްނޯލޮޖީ އާލާތްތައް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެހެން ނަމަވެސް އެފަދަ އުފެއްދުންތަކާ ބެހޭ މައުލޫމާތު މި މަރުހަލާގައި އަދި އާންމު ކުރަން ބޭނުން ނުވާކަމަށެވެ.

ސެމްސަންގުން ސްމާޓް އަތުކުރީ ގަޑިއެއް އުފައްދަން މަސައްކަތް ކުރަމުންދާއިރު ހުސްވި މަހުގައި ނިއުޔޯކްޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްމާޓްފޯނާއި ޓެބްލެޓް ޕީސީ އުފެއްދުމުގައި ސެމްސަންގާއި ވާދަވެރި އެމެރިކާގެ އެޕަލް ކުންފުނިން ވެސް ދަނީ ސްމާޓް އަތުކުރި ގަޑިއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެޕަލްގެ އެ ގަޑިއަކީ އެކުންފުނީގެ އައިފޯންގައި ހިމެނޭ ސިފަތައް އެކުލެވިގެން އައިފޯނާ އެއް ޕްލެޓްފޯމެއްގައި އޮޕަރޭޓްކުރާ ބިއްލޫރިން އުފައްދާ ގަޑިއެއްކަމަށް ރިޕޯޓު ކޮށްފަ އެވެ.

ސެމްސަންގުގެ "އެސް ސީރީޒް"ގެ އެންމެ ފަހުގެ ސްމާޓް ފޯން "ގެލެކްސީ އެސް4" މިދިޔަ ބުރާސްފަތި ދުވަހު ބާޒާރަށް ނެރެފައިވާ އިރު އެފޯނުގައި ކަސްޓަމަރުން އުންމީދުކުރިފަދަ ހައިރާން ކުރުވަނިވި ސިފަތަކާއި ގާބިލްކަން ނެތުމުގެ ސަބަބުން އެކުންފުނީގެ މާކެޓްޝެއާ ވަނީ ފަސް އިންސައްތަ (10 ބިލިޔަން ޑޮލަރު) ދަށަށް ގޮސްފައެވެ. އައިފޯނުގެ އުފަން ބިން ކަމަށްވާ އެމެރިކާގައި ގެލެކްސީ އެސް4 އެތަނުގެ ބާޒާރަށް ނެރެފައިވާ އިރު ތަޖުރިބާކާރުން ބުނަނީ، އައު އީޖާދުތައް އުފަންވެ މަރުވަމުންދާ މާހައުލެއްގައި، ސެމްސަންގު އެސް4 ގެ ސިފަތައް، އެ ގަންނަ ފަރާތްތައް ހައިރާން ކޮށްލެވޭގޮތް ނުމުވުން، އުންމީދު ކުރިވަރާ ގާތަށް ވެސް ގެލެކްސީ އެސް4 އެމެރިކާގައި ނުހިނގާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު