އަޅުގަނޑުގެ ރިއާސީ ވައުދުތައް (ފުރަތަމަ ބައި)

އަޅުގަނޑަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ލިބިއްޖެނަމަ އަޅުގަނޑުވެސް ފުއްދައިދޭނެކަމަށް ބުނާ ގިނަ ވައުދުތަކެއް އެބަހުއްޓެވެ! އޭގެތެރެއިން ބައެއް ކަންތައްތައް ލިސްޓްކޮށްލާނަމެވެ.

1- ފުރަތަމަ ކަމަކަށްވެސް އަޅުގަނޑު ކުރާނެކަމަކީ ސައުދިއަރަބިއާ ފަދަ ރަހުމަތްތެރި އަރަބި ގައުމުތަކުން އެއްބިލިއަން ޑޮލަރުގެ އެހީގެ ޕެކެޖެއް ހޯދުމަށްފަހު ރާއްޖޭގެ ބޭރުގެ ދަރަނި އެއްކޮށް ދައްކައި ޚަލާސް ކޮށްލާނީއެވެ. މިވަގުތު ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ޖުމުލަ އުޅެނީ ސައްބީސް ބިލިޔަން ރުފިޔާގައެވެ. އެއީ ގާތްގަނޑަކަށް ދޮޅު ބިލިއަން ޑޮލަރެވެ. އެހެން ކަމުން އަރަބި ރަހުމަތްތެރި ގައުމު ތަކުންނާއި ޗައިނާ ފަދަ އެހެން ރަހުމަތްތެރި ގައުމުތަކުން، ޖުމުލަ އެއްބިލިއަން ޑޮލަރުގެ އެހީ ހޯދިއްޖެނަމަ، އޭގެތެރެއަށް ދައުލަތުން ބައި ބިލިއަން ނުވަތަ 500 މިލިއަން ޑޮލަރު ލުމަށް ފަހު ހުރިހާ ދަރަންޏެއް ދައްކައި ހަލާސް ކުރެވިދާނެ އެވެ.

ސަރުކާރުން ދައްކަން ބޭނުންވީމާ މަދު ދުވަސްކޮޅެއް ތެރޭ އިންޑިއާއިން ނަގާފައިވާ ސަތޭކަ މިލިއަން ޑޮލަރުގެ ލޯނުވެސް ދައްކައި ޚަލާސް ކުރީއެވެ. އެހެން ކަމުން 500 މިލިއަން ޑޮލަރު ވެސް ދެއްކީމަ ދެއްކޭނެ އެވެ.

މިގޮތަށް މިވާހަކަ ދެއްކުމުން ބައެއް މީހުން ބުނެފާނެ އެވެ! ރަހުމަތްތެރި ގައުމުތަކުން އެއްބިލިއަން ޑޮލަރު ހޯދަނީ ކިހިނަކުންތޯ އެވެ؟ މިއަހަރުގެ ޖެނުއަރީ މަހުވެސް ސައުދިއަރަބިއާ އިންވަނީ ހަމައެކަނި ފަލަސްތީނަށް ވެސް ސަތޭކަމިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. އެހެން ކަމުން މަސައްކަތް ކޮށްފިނަމަ ރަހުމަތްތެރި ހުރިހާ ގައުމުތަކެއްގެ އެހީގައި ކުރު މުއްދަތެއްގެ ތެރޭ ރާއްޖޭގެ ދަރަނި ދައްކައި ޚަލާސް ކުރެވިދާނެ އެވެ.

2- އަޅުގަނޑުގެ ދެވަނަ ވައުދަކީ ބޭރުގެ ދަރަނިތައް ދައްކައި ޚަލާސް ކުރުމަށްފަހު ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާރވް އެއްބިލިއަން ޑޮލަރަށް އެރުމެވެ. މިއީވެސް ރޭވުންތެރިކަމާ އެކު މަސައްކަތް ކޮށްފިނަމަ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

3- އަޅުގަނޑަށް ރާއްޖޭގެ ރައީސްކަން ލިބިއްޖެ ނަމަ އަޅުގަނޑު ފުއްދައިދޭން ވައުދުވާ ތިންވަނަ ކަމަކީ ކުވައިތު ފަންޑު ފަދަ ގައުމީ ފަންޑެއް ތައާރަފު ކުރުމެވެ. އެފަދަ ފަންޑެއް ވެގެންދާނީ ރައްޔިތުން ނުވަތަ ދައުލަތް ހާލުގައި ޖެހިއްޖެ ނަމަ ބޭނުން ކުރާނެ އެއްޗެއްގެ އިތުރުން، ދައުލަތުގެ ވިޔަފާރި ތަކަށް އިންވެސްޓް ކުރާނެ ފަންޑަކަށެވެ. މިއީ ވަރަށް ކާމިޔާބު ކަމާއެކު ކުރެވިދާނެ ކަމެއް ކަމުގެ ހެއްކަކަށް މިހާރުގެ ޕެންޝަން ފަނޑު ފުދެ އެވެ. ކުރު މުއްދަތެއްގެ ތެރޭ ޕެންޝަން ފަންޑުގައި މިހާރު އެއްބިލިއަނަށް ވުރެން ގިނަ ރުފިޔާ އެބަހުއްޓެވެ. ޕެންޝަން ފަންޑުން ދަނީ ދިރާގާއި ހައުސިން ކުންފުނި ފަދަ މުއައްސަސާ ތަކުގައި ބޮޑެތި އަދަދުތަކުން އިންވެސްޓް ކުރަމުންނެވެ. މިފަދަ ދިވެހި "ފަންޑް" އެއް އޮވެއްޖެ ނަމަ އެސް.ޓީ.އޯ ގެ ކޭޝް ފްލޯ އަށް ދައުލަތުން މިހާރު ބަރޯސާވާ ގޮތަށް ބަރޯސާ ވާކަށް ނުޖެހޭނެ އެވެ. މިފަދަ ފަންޑެއްގެ ގަވާއިދު އެކުލަވާލާ ގޮތުން، ދައުލަތަށް އިންޓަރެސްޓަކާ ނުލައި އެފަންޑުން ލޯނު ލިބޭ ގޮތަށް ވެސް ހަމަޖެއްސިދާނެ އެވެ.

"ދިވެހި ފަންޑަށް" މައިގަނޑު އާމުދަނީއެއް އަޅުގަނޑު ހޯދާނީ މީރާ އަށް ލިބޭ ޓެކްސް ގެ ފަހެއް އިންސައްތަ ނުވަތަ ފަސް ޕަސެންޓް އެފަންޑަށް ޖަމާކޮށްގެނެވެ. މިހާރުވެސް މީރާއަށް އަހަރަކު ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގެ ޓެކްސް ލިބެއެވެ. މިއަދަދުގެ ފަސް ޕަސެންޓަކީ 450 މިލިއަން ރުފިޔާއެވެ. އެހެން ކަމުން ހަމައެކަނި މިފައިސާ އަށް ބަރޯސާކުރިއަސް "ދިވެހި ފަންޑަށް" އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ އެވެ.
4- އަޅުގަނޑުގެ ހަތަރުވަނަ ވައުދަކީ އަޅުގަނޑަށް ރައީސްކަން ލިބޭތާ ހަމަސް ދުވަހުގެ ތެރޭ ދިވެހި ބޭންކް ގެ ގޮތްޕެއް ސްރީލަންކާ ގެ ވެރިރަށް ކޮޅުނބުގައި ގާއިމުކުރުމެވެ. ހަމަ އެއާއިއެކު ރާއްޖޭގައި އޯފްޝޯރ ބޭންކް ގާއިމުކޮށް ދިވެހި ބޭންކް ގެ ވިޔަފާރި ބައިނަލްއަގުވާމީ ދުނިޔެއަށް ހުޅުވާލާނަމެވެ.

5- އަޅުގަނޑުގެ ރިއާސީ ފަސްވަނަ ވައުދަކީ ދުނިޔޭގެ އެހެން ގައުމުތަކާ ފައިހަމަ ކުރުމުގެ ގޮތުން ހުޅަނގުގެ ބޮޑު ގައުމެއްގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކުރުމުގެ ވައުދެވެ. އެމެރިކާ ނުވަތަ އިނގިރޭސިވިލާތް ފަދަ ގައުމެއްގެ އެމްބަސީ ރާއްޖޭގައި ގާއިމުކުރެވިއްޖެ ނަމަ ހާރިޖީ ދާއިރާގައި ސްރީލަންކާގެ ހިޔަނިން ސަލާމަތްވެ ހަށިފޮޅާލުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެގެން ދާނެ އެވެ.

ހަމަ އެއާއި އެކު އެމެރިކާ އާއި ގުޅުން ބަދަހިކޮށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް އާ ބައްދަލުކުރާ ފުރަތަމަ ރައީސް އަކަށް އަޅުގަނޑު ވާނަމެވެ. ޚާރިޖީ ދާއިރާގައި ޗައިނާ އާއި ގުޅުން ވަރުގަދަކޮށް ޗައިނާގެ ވިޔަފާރިވެރިންނަށާއި ޗައިނާ ޓޫރިސްޓުންނަށް ހާއްސަކޮށް އިންޑަސްޓްރިއަށް ޒޯނެއް ކަނޑައަޅާނަމެވެ. ހުވަދު އަތޮޅު ފަދަ ސަރަހައްދެއްގައި ބިން ހިއްކައިގެން ގިނަ ރަށްތަކެއް ގުޅުވާ ލައިގެން ހަދާ މިފަދަ ވިޔަފާރި ޒޯނެއްގައި ޗައިނާ ޓޫރިސްޓުން ގަޔާވާ ފަދަ ބޮޑެތި ޝޮޕިންގ މޯލް އާއި، ރިސޯޓާއި، ފައިވް ސްޓާރ ހޮޓަލާއި ފެކްޓަރީ ތަކާއި އޮފީސްތައް ވެސް ހުންނާނެ އެވެ.

އަޅުގަނޑުގެ ވެރިކަމެއްގައި ދިވެހި ވިޔަފާރިވެރިން ބެންކޮކަށް ގޮސް ވިސާ ހޯދަން ތިން ހަތަރު ގަޑިއިރު ފޯރމް ފުރައިގެން ކިއުގައި ތިބޭކަށް ނުޖެހޭނެ އެވެ. ބެންކޮކަށް ދާ ދިވެހިންނަށް އޮންނަ އެރައިވަލް އޮޓަމެޓިކް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭނަމެވެ.

6- އަޅުގަނޑުގެ ހަވަނަ ވައުދަކީ ދިވެހި ގައުމީ ޔުނިވާސިޓީ އަކީ ކެމްޕަސް ޔުނިވަރސިޓީ އަކަށް ބަދަލުކޮށް އެތަނުގެ ކެމްޕަސް ހުޅުމާލޭ ގައި ނުވަތަ ގުޅީ ފަޅުގައި ގާއިމުކުރުމެވެ. މިވައުދު ފުރިހަމަވެގެން ދާއިރު ގުޅި ފަޅާއި ވިލިމާލެ އަދި ވިލިމާލެ އާއި މާލެ އާއި ދެމެދު އޮންނާނީ ބްރިޖް އަޅައިފައެވެ. އަދި މާލެ އާއި ހުޅުލެ ވެސް އޮންނާނީ ބްރިޖަކުން ގުޅާލެވިފަ އެވެ.

ގުޅީ ފަޅު، ވިލިމާލެ، އަދި މާލެ އާއި ހުޅުލޭ އެއަރޕޯޓް އަދި ހުޅުމާލެ މިފަސް ރަށް ބްރިޖްގެ ޒަރީއާއިން އެއްފަސް ވުމުން ރާއްޖޭގެ ތަރައްގީގެ ދުވެލި އެއިރު އޮންނާނީ ދެކުނު އޭޝިއާގެ ސިންގަޕޫރަށް ވުމަށްޓަކައި މެކުހަށް ޖަހާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް