ލީޑަރުންނަކީ މަދުބަޔެކެވެ.

އިނގިރޭސިވިލާތުގެ ޓޯރީ ނުވަތަ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ވިލިއަމް ހޭގު 2003 ވަނަ އަހަރު ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ތިބި 650 މީހުންގެ ތެރެއިން ބޮޑުވަޒީރު ކަމަށް ކުފޫ ހަމަވަނީ ކިތައް މީހުންތޯ ބެލުމަށް ސާވޭއެއް ކުރި އެވެ؛ އެންތޮނީ ސެމްޕްސަން ލިޔެފައިވާ "ހޫ ރަންސް ދިސް ޕްލޭސް؟" ފޮތުގައިވާ ގޮތުން އެ 650 މެންބަރުންގެ ތެރެއިން، އިނގިރޭސިވިލާތުގައި ބޮޑުވަޒީރުކަން ކުރެވޭ ވަރުގެ ގާބިލުކަން ހުރީ ޖުމުލަ ހަތް މީހުންގެ ކަމަށް ވިލިއަމްގެ ހޯދުންތަކުން ދެއްކި އެވެ.

ދުނިޔޭގެ އެންމެ މުސްކުޅި ޕާޓީ އަދި އިނގިރޭސި ވިލާތުގެ ދެ ވަނަ އަށް މިހާރު އެންމެ ބޮޑު ޕާޓީގެ ލީޑަރުގެ ނަޒަރުގައި އެ ގައުމުގައި ވެރިކަން ކުރުމުގެ ގާބިލުކަން ހުރި މީހުންގެ އަދަދަކީ އެއީ އެވެ؛ ހައެއްކަ ސަތޭކަ މެންބަރުންގެ ތެރެއިން ވެރިކަން ކުރުމުގެ ގާބިލުކަން ހުރި ކަމަށް އޭނާ އަށް ފެނުނީ މުޅި އެކު ހައެއްކަ މީހުންންގެ އެވެ. ނަމަވެސް ރާއްޖޭގައި ތަފާތެވެ. މަލްޓި ޕާޓީ ސިޔާސީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ވެށި ބަދަލުވެ، ދެ ވަނަ ރިޔާސީ އިންތިހާބަކަށް ކުރިމަތިލާ އިރު ވެސް ވެރިކަން ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުންގެ އަދަދު ހައެއް ހަތަކަށް ނާރާނެ ކަމެއް ނޭނގެ އެވެ. މި އަހަރުގެ ރިއާސީ އިންތިހާބުގައި އެ ފަރާތްތަކުން ވާދަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ވެރިކަމަށް އައުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. އަދި ކޮންމެ މީހަކު ވެރިކަން ބޭނުން ވިއަސް އެއީ ހަގީގަތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް ވެރިކަމަށް ކުރިމަތިލާ އިރު، އެ މީހަކަށް އެ މީހެއްގެ ފަސްމަންޒަރު ހަނދާންނެތޭ ނަމަ އެއީ މައްސަލަ އެކެވެ. އަނެއް މައްސަލައަކީ އެ މީހަކު ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކަކީ ކޮބައިކަން ނޭނގުމެވެ. ވައުދު ނުފުއްދުމަކީ ވެސް މައްސަލަ އެކެވެ. މަލްޓި ޕާޓީ އިންތިހާބެއްގައި ރައްޔިތުން ބަލާނެ އޮންނާނީ އެކަންތައްތަކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނާ ބައެއް ކެންޑިޑޭޓުންނަށް ބަލާއިރު އެ މީހުންނަށް އެ މީހުންގެ ފަސްމަންޒަރު ފެންނަހެނެއް ހިއެއް ނުވެ އެވެ. ނޫނީ ބަލާހެނެއް ވެސ ހިއެއްނުވެ އެވެ. ފަހަރުގައި އަމިއްލަ މަސްލަހަތުގެ ކުރިމަތީގައި އެކަން ހަނދާން ނެތެނީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެއީ އާހިރުގައި އެފަދަ ކެންޑިޑޭޓަކަށް ހިޔަނި އެޅޭކަންތައްތައް ކަން ހަނދާންކުރަން ޖެހެ އެވެ. އަދި އެއީ ޕާޓީތައް ތަމްސީލު ކުރާ ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރާ އިރު، އާންމު މެންބަރުން ފުންކޮށް ވިސްނާނެ ކަންތައްތަކެވެ. ވިސްނަން ޖެހޭ ކަންތައްތަކެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިމުނީ އޮމާންކޮށެވެ. އެކަން އެ ގޮތަށް ދިޔައީ ފަހަރުގައި އެންމެ ބޮޑު "ތަޅާލުންގަނޑު" އަދި ކުރިއަށް އޮތުމުން ކަމަށް ވެސް ވެދާނެ އެވެ. އެބައި އަދި އޮތީ ކުރިއަށެވެ. އެކަމަކު އެބައި ކުރިއަށް އޮތް އިރު ފެންނަނީ ތަފާތު މަންޒަރެކެވެ. ދެކޮޅުން ކުޅޭ ދެ ފެކްޝަންގެ ވިސްނުމުންކުރެ، އެއްކޮޅުން މަސައްކަތް ކުރަނީ ވެރިކަމަށް ސީދާ އައުމަށެވެ. އެކަމަކު އަނެއް ފަރާތުގެ ބަހާއި އަމަލުން ދޭހަ ވަނީ ވެރިކަމަށް ކުރިމަތި ލެއްވުމަށް ވުރެ ބޮޑަށް އިދިކޮޅު ފަރާތަށް ފުރުސަތު ލިބުނަ ނުދިނުމަށް ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ؛ އެއް ޕާޓީއެއްގެ ތެރެއިންނެވެ. އެހެން ބުނާ ސަބަބު ވެސް ވަރަށް ގިނަ އެވެ. އެކަމަކު އެއް މިސާލުން ފުއްދާލާނަމެވެ؛ އެ ބޭފުޅާ ވިދާޅުވަނީ އޭނާ އަށް ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ، އެ ޓިކެޓް އެ ބޭފުޅާ ބޭނުން އެހެން ފަރާތަކަށް ދެއްވިދާނެ ކަމަށެވެ. މިއީ އަޖައިބެއް ނޫންތޯ އެވެ؟ ޕާޓީގެ ޓިކެޓް، ޕާޓީގެ މެންބަރުން ވަކި މީހަކަށް ދެނީ އެ ޓިކެޓަކީ އެ ބޭފުޅަކު "ޓްރޭޑް" ކުރައްވަން ދޭ އެއްޗަކަށް ވަނީތޯ އެވެ؟

އެހެން ނުކުތާ އެކެވެ. ޕީޕީއެމްގެ ކޮންގްރެސްގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ މިހާރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްވެސް ފަރާތަކަށް ތާއީދު ކުރެއްވި ތަނެއްނު ނުފެނުނެވެ. ބުނެވޭ ގޮތުގައި ހަގީގަތުގައި ވެސް އެ ބޭފުޅާ ހުންނެވީ މީޒާނުގެ މެދުގަ އެވެ. ނަމަވެސް އެ ބޭފުޅާގެ ބޭފުޅުން ފާޅުގައި ތިއްބެވީ އަބްދުﷲ ޔާމީންގެ "ޔަގީން ޓީމާ" އެކު އެވެ. އަދި ކެމްޕޭން ކުރެއްވީ ވެސް އެ ޓީމާ އެކު އެވެ. މިކަންވީ އަނެއް ކޮޅުން މަސައްކަތް ކުރެއްވި އުމަރު ނަސީރުގެ ޓީމަށް ވަރަށް ބޮޑު "ޝޮކަކަށެ"ވެ. މައުމޫންގެ އެއްވެސް ބޭފުޅަކު އެ ޓީމަށް ނޭރުމަކީ ކުރިއަށް އޮތް އެ ޕާޓީގެ ޕްރައިމަރީގައި އިތުރު މޫނެއް، ޔާމީނާ ވާދަ ކުރުމަށް ނެރުމަށް މަގުފަހިކޮށްދީފާނެ ކަމަށެވެ. ޔާމީންގެ "ރުމާލު ދޭއް" ޖަހައި އުމަރުގެ "ކާލައިގެ މަންނަ"އިގެ ބާރު ކަނޑުވާލުމަށް ފުރުސަތު ނުދިނުމަށް، ޒަމާނުއްސުރެ އޮންނަ އެންދެރިމާގެ އާއި ކާމިނީގޭގެ ދެމެދަށް ވަދެ، "އެންދެރި ކުރިން" ބާރު ހޯދުމަށް ހެދޭނެ ކޮންމެ ފަންޑިތައެއް ހެދުމުގެ ކުލަވަރު ވެސް ފެންމަތިވެ އެވެ. ފަހަރުގައި އުމަރަށް ކާލައިގެ މަންނަ ނުޖެހިއްޖެ ނަމަ ކާލައިގެ ބައިސާ ޖެހުމަށް ކުރާ މަސައްކަތަށް ވެސް ވެދާނެ އެވެ.

ޕާޓީތަކުން ކެންޑިޑޭޓުން ނެރޭ އިރު އަދި ކޮޅު ކޮޅަށް ބައި ބަހާ އިރު، ބޮޑު މަންޒަރަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި މިހާރަށް ފެންނަން އޮތް ހަގީގަތަކީ އެއްކޮޅުން އެމްޑީޕީ ވާދަ ކުރާނެ ކަމެވެ. އަނެއް ކޮޅުން ކުޅޭނެ ކަމަށް ފެންނަނީ ޕީޕީއެމް އެވެ. އެ ދެ ޕާޓީ ލީޑް ކުރިއަސް އެ ދެ ޕާޓީން ވެސް ނެރޭ ކެންޑިޑޭޓަކީ އަމިއްލަ ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެވުނަސް، މުޅި ގައުމުގައި ނަގާ ވޯޓު ކާމިޔާބު ކުރާނެ މީހަކަށްވާން ޖެހެ އެވެ. މިއީ އެ ދެ ޕާޓީން ވެސް ސީރިއަސްކޮށް ވިސްނަން ޖެހޭނެ ނުކުތާއެއް ކަމަށް ފެނެ އެވެ. ޕީޕީއެމްގެ ނާއިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވި ފަދައިން އިދިކޮޅު ޕާޓީ ވެރިކަމަށް އަޔަ ނުދިނުމަށް ހެދެން އޮތް ކޮންމެ ފަންޑިތައެއް ހަދަން ޖެހެ އެވެ. އަނެއް ކޮޅުން އެމްޑީޕީން ވެސް އެއްވަލަށް ބަރޯސާ ވުމަކީ ކޮޅިގަނޑުގައި ނުރައްކާވެދާނެ ކަމެއް ކަމަށް އެ ޕާޓީގެ އާންމު މެންބަރުން ވިސްނަން ޖެހެ އެވެ. އެންމެ މީހެއްގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭކަން ގަބޫލުކުރަންހެ އެވެ. ރިޔާސީ ރޭހުގައި ޕީޕީއެމް އާއި އެމްޑީޕީ ކުރީ ސަފުން އަދި ފެނުނަސް އެ އޭގެ މާނައަކީ ދެން ހުރި ޕާޓީތަކަށް ފުރުސަތު ނެތުމެއް ވެސް ނޫނެވެ. ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު ވިދާޅުވި ގޮތަށް "ފަރުދާގެ ފުރަގަހުން" ކުޅޭ ގޭމް ފެންމަތިވުމުން އެ މަންޒަރު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އިނގިރޭސި މުސްކުޅި ޕާޓީ، ޓޯރީ، ނޫނީ ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ޒައީމު ވިލިއަމް ހޭގު ބުނި ގޮތަށް ލީޑަރުންނަކީ މަދުބައެކެވެ. އިންތިހާބެއް ކާމިޔާބު ކުރަން ބޭނުން ނަމަ ޒާތީ މަސްލަހަތު އެއްފަރާތްކޮށް ގައުމީ މަސްލަހަތުތައް އިސްކުރަން ޖެހެ އެވެ. ގައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ކުރިއަށް ދެވޭނެ ލީޑަރުންނަށް ޖާގަ ލިބެން ޖެހެވެ. ޒަތީ ތައައްސުބުން އެއްކިބާވެ، ގައުމާ ދޭތެރޭ ވިސްނަން ޖެހެ އެވެ. އަދި ގާބިލު ލީޑަރުންނަށް ފުރުސަތު ދޭން ޖެހެ އެވެ. ޕާޓީތަކުން ކޯލިޝަން ހަދާ އިރު އެއީ ވިސްނަން ޖެހޭ މައްސަލައެކެވެ. ހަގީގީ ލީޑަރުންނަކީ މަދު ބައެއްކަން ގަބޫލުކުރަން ޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް