އަހުމަދު ތަސްމީން އަލީ އަކީ މިވަގުތު މީޑިޔާގެ އެންމެ ބޮޑު އެއް އަމާޒަށް ވާނެ އެވެ. އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރަށް ވެގެން އެކަންޏެއް ނޫނެވެ. އޭނާގެ ލިޑަޝިޕްގެ ދަށުގައި އޮތް ބިޔަ ޕާޓީގެ ތެރޭގައި "ކޯޅުންތަކެއް" އުފެދިފައިވާތީ ވެސް މެއެވެ. މިވަގުތު މީޑިޔާއިން ތަސްމީނަށް އަމާޒުކުރާނެ ވަރަށް ގިނަ ސުވާލުތަކާ ގުޅޭގޮތުން އޭނާ ވަނީ އިއްޔެ ސަންއެފްއެމް އޮންލައިންގެ ޑިޕިއުޓީ އެޑިޓަރު މުންޑޫ އާދަމް ހަލީމާ ވާހަކަ ދައްކަވާފަ އެވެ.
ޕްރައިމަރީއަކަށް ނުގޮސް ރިޔާސީ ޓިކެޓްގައި 2013 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ތަސްމީނު ނުކުންނަވާ ގޮތަށް އޮތުމާމެދު އަމިއްލަފުޅަށް ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟
އެކަމަކީ ޕާޓީގެ ކަމާބެހޭ ގުނަވަނަކުން ނިންމަންޖެހޭ ކަމެއް. އެންމެ ފަހުގެ ކޮންގްރެސްގައި ވަރަށް ބޮޑަށް އެކަމަށް ވާހަކަ ދެކެވުނު. އެއީ ރަނގަޅު ގޮތް ކަމަށް ނޫނީ ރަނގަޅު ގޮތް ނޫން ކަމަށް ދެކޭ މީހުންގެ މެދުގައި ހޫނުކޮށް ޑިބޭޓްކޮށް ޕާޓީން އެވަނީ ވަކި ގޮތަކަށް ނިންމާފައި. އެ ގޮތަށް އެންމެންވެސް އިހުތިރާމު ކުރަންޖެހޭނެ. ޑިމޮކްރެޓިކް ގޮތަކަށް ހަމަޖެހިގެން އަންނަ ކޮންމެ ގޮތަކީ އަޅުގަނޑު ގަބޫލު ކުރާނެ ގޮތް.
އެކަމުގައި ސީދާ ތަސްމީނު ބޭނުންފުޅުވާ ގޮތަކީ ކޮބައިތޯ؟
އަޅުގަނޑު ހުރި މަގާމުގެ ގޮތުން ސިދާ އަޅުގަނޑަށް އަސަރުކުރާ ކަމަކަށްވާތީ ސީދާ އެއްޗެއް ދެންނެވުމަކީ އެހާ ރަނގަޅު ގޮތަކަށެއް ނުވާނެ.
ތަސްމީނުގެ މައްޗަށް ތުހުމަތު ކުރާ ވަރަށް ގިނަ ދަރަނީގެ މައްސަލަ އެބަހުއްޓެއް ނުންތޯ؟ ރިޔާސީ ރޭހުގައި ނުކުމެ ވަޑައިގެންނެވުމަށް ނޫނީ ޕާޓީގެ މެންބަރުންނަށް ތަސްމީނު "ވިއްކެވުމަށް" އެއިން ހުރަސް އެޅޭ ކަމަކަށް ގަބޫލުފުޅެއް ނުކުރައްވަންތޯ؟
އަޅުގަނޑާ ސީދާ ގުޅޭ މައްސަލަތަކެއް ޝަރީއަތަކު ނެތް. މައްސަލައެއް ހުށަހެޅުނު ، އެއީ އަޅުގަނޑު މައްޗަށް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް މިހާރު ވަނީ ނިންމަވާފަ. އެހެންނަމަވެސް އަޅުގަނޑު އެއްއިރެއްގައި ހިންގަމުންދިޔަ ވިޔަފާރީގައި ނަގާފައިވާ ލޯނުތަކަކާ ގުޅިގެން މައްސަލަތަކެއް ޝަރީއަތުގައި އެބަހުރި. އެލޯނު ތަކަކީ ނެގި އިރު ސެކިއުރިޓީ ބަހައްޓާފައި ނަގާފާއި ހުރި ލޯނުތައް. އެ ލޯނުތަކާބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ހަގީގަތާ ހިލާފު ތުހުމަތުތައް ކޮށްފައިވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްވެސް ކަމެއް އޮތްނަމަ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅީސް. ލަފާކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް އެކަންކަން ނިމެނޭ. އެހިސާބަށް އެކަން ގެންދިޔައީ ވެސް އަޅުގަނޑަށް އެވަގުތު ހުރެވުނު ސިޔާސީ ފަޅި ގޯސް ވެގެން.
ތި ވިދާޅުވަނީ އެ މައްސަލަތަކުގެ ސަބަބުން 2013 ގައި ގެ ރިޔާސީ ރޭހުގައި ތަސްމީނަށް ހުރަހެއް ނެތޭތޯ؟
އޮވެގެނެއް ނުވާނެ އެކަން ދިމާވުމުގެ ސަބަބަކީ ވެސް އަޅުގަނޑު މި ސަރުކާރަށް ދީލައި ނުލައި އޭރު އޮތް ސަރުކާރުގެ ފަހަތުގައި ހުރުން. ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ނުކުތުން. ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ނުކުތީމަ ކުރިމަތި ކުރުވި ކަމެއް އެއީ.
ރައީސް ނަޝީދާ ދެބޭފުޅުން ސިޔާސީ ޑީލްތައް ހައްދަވާ ވާހަކަ ދެކެވޭ؟ ތެދަށް ވިދާޅުވެ ބައްލަވަ އެއީ ހަގީގަތެއްތޯ؟
ރައީސް ނަޝީދާ އެކީ ޑީލެއް ހަދައިގެން އަޅުގަނޑަށް ކޯންޗެއްތޯ ހާސިލު ކުރެވޭނީ؟ ލޯނުތަކުގެ މައްސަލަ އެހުރީ ކޯޓުގައި ކޮން ޑީލެއްތޯ އަޅުގަނޑު ރައީސް ނަޝީދާއެކު ހަދާނީ. ޑީލެއް ހަދަންޏާ ހަދަން އޮތީ އެކަންތައް. އަޅުގަނޑަކީ ޑީއާރްޕީން ކުރިމަތިލައިގެން ރައީސް ނަޝީދު ބަލިކުރަން ނުކުންނަ މީހާ. ރައްޔިތުންގެ ފިކުރާ ހިޔާލު ހުރި ގޮތުން އެއީ ވަރަށް ޔަގީން ކަމެއް. އެހެންވީމާ އެބޭފުޅާއާ ވާދަކޮށްގެން އަޅުގަނޑު ބަލިވާންތޯ ޑީލް ހަދަންވީ؟ އަޅުގަނޑަކަށް ބުއްދި ގަބޫލެއް ނުކުރެވޭ. ދެން ރައީސް ނަޝީދުގެ ރަނިންމޭޓަކަށް އަޅުގަނޑު އަންނަންވީ ކީއްކުރަން؟ ފޭލްވެފައި އޮތް ސަރުކާރެއް، ކޯލިޝަނެއް ހަދައި އެ އެންމެނާއެކު ވީ ވައުދުތަކާ ހިލާފުވީ ސަރުކާރުގެ ރައީސްގެ ފަހަތުގައި އަޅުގަނޑު ނުކުންނަޖެހޭ އެއް ވެސް ސަބަބެއް ނެތް. ކަށަވަރުކަމާއެކު މި ދަންނަވަނީ ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ތަސްމީނެއް ނުނުކުންނާނޭ.
ތިޔަހެން ވިއްޔާ ތަސްމީނަށް ރިޔާސީ ރޭސް ކާމިޔާބުވާނެ ތޯ؟
މިހާރުގެ ސަރުކާރުން ދޭ ނިކަމެތިކަމާ ގޯނާތަކުން ރައްޔިތުން ސަލާމަތް ކުރެވޭނީ ޑީއާރްޕީއަށް. އެހެންވީމާ ޑީއާރްޕީގެ ލީޑަރުގެ ހައިސިއްޔަތުން ވަރަށް ސީރިއަސްކޮށް އަޅުގަނޑު ޒިންމާ ނަގަން. އަޅުގަނޑުމެން މިތިބީ 100 މީޓަރު ރޭހެއްގައެއް ނޫން. އަޅުގަނޑުމެން މިތިބީ މެރަތަންއެއްގަ. މި މެރަތަން ކާމިޔާބު ކުރެވޭނީ 2013 ގަ. 100 މީޓަރު ދުވުމެއް ކަމަށް ބަލައިގެން ދުއްވައިގަންނަތަނުން ބަނޑުވަތަށް ވެއްޓުނީމަކާ ކަމަކު ނުދާނެ. އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ މި އިންތިހާބު ކާމިޔާބު ކުރުން. އެއްވެސް ހިދުމަތެއް ކުރެވޭނީ މި ސަރުކާރު ބަލިކޮށްލައިގެން. އަޅުގަނޑު މަސައްކަތް މިކުރަނީ އެ ޓާގެޓަށް. ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވިއްޖެއްޔާ ޑީއާރްޕީ ފޭލުވީ. ތަސްމީނު ވެސް ފޭލުވީ. އެހިސާބުން އަޅުގަނޑު ނުހުންނާނަން. ވަގުތުން އިސްތިއުފާ ދޭނަން.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކިހާވަރަކަށް ތައްޔާރުތޯ؟
އެކަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން. މީގެ މާނައަކީ ޕާޓީ ތެރޭން ގެންނަންޖެހޭ ބަދަލެއްވިޔަސް އެނޫން ބަދަލެއް ވިޔަސް ގެންނާނަމޭ. ނުރުހެންޏާ ފިޔަވަޅު އަޅަންވީ. އަޅުގަނޑުގެ އަމާޒަކީ، ވައުދަކީ ރައްޔިތުންނަށް ދިމާވެފައި މިވާ އުނދަގޫ ފިލުވައިލުން. އެކަމަށް އަޅުގަނޑު ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑު ގުރުބާނީއެއް ވެއްޖައިމޭ. މި ޕާޓީ އިނދަޖެހުނު އިރުވެސް ރިޔާސީ އިންތިހާބު ގެއްލިގެންދިޔައިމަ ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މާގިނަ ބަޔަކު މި ޕާޓީއާގެނެއް ނޫޅެޔޭ. އަޅުގަނޑު ނުކުތީ އެކަން ކުރަންޖެހޭ ކަމަށް ގަބޫލު ކުރެވޭތީ. އެކަމާ ނުކުތީތީ އަޅުގަނޑު ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ. ހަގީގަތުގައި ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ނުވިނަމަ އަޅުގަނޑުގެ ވިޔަފާރިތައް ވެސް ބަނގުރޫޓް ވެގެނެއް ނުދިޔައިސް. އަޅުގަނޑު ޑީލެއް ހަދަން ބޭނުންނަމަ މިއަދު އަޅުގަނޑު ހުރީހީ ވަރަށް ތަނަވަސްކޮށް. އެކަމަކު އެކަން ދޫކޮށްލާފަ އަޅުގަނޑު މިހުރީ. އަޅުގަނޑުގެ މުދާ ނީލަން ކިޔަސް ކޮންމެ ކަމެއް ކުރިޔަސް 2013 ވަނަ އަހަރަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ނުކުމެ.
ތަސްމީނު އެހާ ހަރަކާތްތެރި ނޫން ކަމަށް، މީޑިޔާ ފްރެންޑްލީ ނޫން ކަމަށް ގަމީސްކޮޅަށް ރުލެއް އަރައިފާނެތީ ބޭރަށް ނުކުމެ ވަޑައި ނުގަންނަވާ ކަމަށް މީހުން ބުނެ އުޅޭ. އެހެންތޯ ހަމަވަނީ؟
އަޅުގަނޑުގެ ހުރި މިޒާޖެއް ހުންނާނެ. އަޅުގަނޑަކީ ސިޔާސީ ބޭނުމަކަށްޓަކައި އެކްޓްކުރާނެ މީހެއް ނޫން. ތެދެއް މިޒާޖުގެ ގޮތުން މާދެން ފޯރީގައި އުޅޭ މީހެއްނޫން އަޅުގަނޑަކީ. އެކަމަކު ހާއްސަ އެފަޓެއްލައިގެން ރަނގަޅު ކުރަންޖެހޭ ކަމެއް ކުރާނަން.
ޑީއާރްޕީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ. އެކަމަކު ފަހަކަށް އައިސް ހިޔާލު ތަފާތުވުންތަކާއެކު ޕާޓީ ބައިވާން އުޅޭ ކަމުގެ ނިޝާންތައް ފެނޭ. ޑީއާރްޕީ ބައިބައިވެ ބުރަބުރައިގެން ހިނގައިދާނެތޯ؟
އަޅުގަނޑު ގަބޫލެއް ނުކުރަން ޑީއާރްޕީ ރޫޅިގެންދާނެ ކަމަކަށް. އަދި ޑީއާރްޕީތެރޭގައި ގުޅުން ގޯސްވެ ބައިބައިވެގެންދާނެ ކަމަކަށް. ޑީއާރްޕީ ބަލިކަށިވާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރްޕީ އެއަށްވުރެ މާ ބޮޑު، މާ ވަރުގަދަ. މިވަރުގަދަކަން ބިނާވެފައި މިއޮންނަނީ މެންބަރުންގެ ސާބިތު ކަމުގެ މައްޗަށް. ހޫނު ޑިބޭޓް ހިނގުމަކީ ޕާޓީގެ އިންޓާނަލް ޑިމޮކްރަސީއަށް ރަނގަޅު ކަމެއް. ކޮންމެ މީހަކު ހަވާލުވިޔަސް ހިޔާލު ތަފާތުވާނެ މީހުން ތިބޭނެ. އެއީ ސުވާލެއް އޮތް ކަމެއް ނޫން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ލީޑަރު ކަމަށް އައިސްގެނެއް ޕާޓީއަކަށް ހީނަރު ކަމެއް އައިސްފައެއް ނުވެއޭ.
އެކަން ސާބިތު ކޮށްދެއްވޭނެތޯ؟
އެކަން ސާބިތުވަނީ އަޅުގަނޑު ޕާޓީއާ ހަވާލުވިއިރު ތިބީ ގާތްގަނޑަކަށް 28000 މެންބަރުން. އެކަމަކު މިހާރު 38000 މެންބަރުން ނޫނީ އެއަށްވުރެ ވެސް މައްޗަށް ދާނެ. ކުރިޔަށް ވުރެ 10000 މެންބަރުން އިތުރު އަދަދެއް. އެ އަދަދަށް އިތުރުވީމާ އެބަ އެނގޭ ޕާޓީއަށް ހީނަރު ކަމެއް ނާންނަކަން.
ޑީއާރްޕީގެ ސަފުތައް ރޫޅައިލަން އިދިކޮޅު ފަރާތްކުންނާއި ސަރުކާރުގެ ތެރެއިން މަސައްކަތްކުރޭތޯ؟
ކުރާނެ! މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީ. މިއަދު މިއޮތް ސަރުކާރަށް ނިސްބަތްވާ ޕާޓީއަކީ ހަމަ އެއްވެސް ކަމެއް ކޮށްފަ ނުކުރާނެއޭ ދެންނެވޭ ވަރަށްވުރެ މާ ހަރުކަށި، ހަމަޔާ އުސޫލުން ބޭރުގައި ކަންކަން ކުރާ ބޭފުޅުންކޮޅެއް ހިމެނޭ ޕާޓީއެއް. މިއަދުގެ ސަރުކާރުގެ ސިފަޔަކީ ވެސް އެއީ. އަޅުގަނޑުމެންގެ ޕާޓީ ބައިބައިކޮށް ބަލިކަށިކޮށްލުމަކީ ލިބޭ ކާމިޔާބެއް ކަމަށް އެމީހުން ދެކޭނެ.
އުމަރު ނަސީރުގެ މައްސަލަ ވަނީ ޑިސިޕްލިނަރީ ކޮމެޓީގައި. އެކަމަކު އިލްހާމާ އުމަރު ވެސް ކުރެއްވެވީ އެއްކަމެއް. ކީއްވެގެންތޯ ހަމައެކަނި އުމަރުގެ މައްސަލަ ކޮމިޓީއަށް ދިޔައީ؟
މިކަމުގެ ތަފުސީލަށް ނުދާން އަޅުގަނޑު ހުރީ. އެއީ އަޅުގަނޑާއެކީގައި މަސައްކަތްކުރައްވާ ބޭފުޅުންކޮޅަކާބެހޭ ވާހަކައެއް ތަފުސީލުކުރަން އަޅުގަނޑު ބޭނުން ނުވަނީ. އެކަމަކު މިހާރު މިކަންވީ ގޮތްސާފުވާން ޖެހިއްޖެ. އަޅުގަނޑުމެންތެރޭގައި އެއްބަސްވެފައި އޮތީ ރޯދަމަހުގެ ތެރޭގައި މަގުމަތީގެ ހަރަކާތް ނުހިންގަން، އަދި ރޯދަ ނިމިގެން މުޒާހަރާއެއް ބޭއްވުމަށް އޮތީ ވާހަކަ ދެކެވިފައި. ކަންދިމާކުރި ގޮތުން ރޯދަ މަސް ނިމިގެން އަޅުގަނޑު ދިޔައީ މަޖިލިސް ދަތުރެއްގައި. ކެންޔާއަށް ދަމުން ދެންނެވިން އައިސްފަ ބާއްވާނަމޭ މުޒާހަރާ . ތާރީހު ބަރާބަރަކަށް ނޭނގޭ. އަޅުގަނޑު އަންނަން އޮތީ ހޮނިހިރު ދުވަހެއްގައި އެހެން އޮއްވާ އަޅުގަނޑަށް އަޅުގަޑުމެންގެ ތެރެއިން އެއް ބޭފުޅަކު މި އަންގަނީ ތިމަންނާމެން މިހާރު ނިންމައިފީމޭ ހުކުރު ދުވަހު މުޒާހަރާ ބާއްވަން. އަޅުގަނޑު ދެންނެވީ ތީ އެހާ ރަނގަޅު ގޮތެއް ނޫނޭ އަޅުގަނޑާ މަޝްވަރާކޮށްފައިތާއޭ ރަނގަޅު ގޮތަކަށް ވާނީ. އެހެންނަމަވެސް އެހެން ބޭފުޅުންނާ މަޝްވަރާކޮށްލާފައި މާދަން ޖަވާބެއް އަރުވާނަމޭ އެހެން އޮއްވާ ދެން އަޅުގަނޑަށް މި ފެނުނީ އާންމުކޮށް އެސްއެމްއެސް ސާކިއުލޭޓް ކުރިތަން މުޒާހަރާ އޮންނާނެ ކަމަށް. އެހިސާބުން އަޅުގަނޑު ސެކްރެޓަރީ ޖެނެރަލަށް ދެންނެވިން އެބޭފުޅާއަށް ދަންނަވާލާށޭ މިހާރު ކަންތައް ތިކުރެއްވީ ރަނގަޅަކަށް ނޫނޭ. އެއީ އަޅުގަނޑު ވިސްނާލާފައި ޖަވާބެއް އަރުވާނެ ކަމަށް ބުނެފައި އޮއްވާ އެކަމެއް ކުރެއްވީމަކާ ރަނގަޅެއްނޫނޭ. އެއީ އަޅުގަނޑުގެ ދަށުން އަޅުގަނޑަށް އެހީތެރިވާން ތިއްބަވާ ބޭފުޅުން. އަޅުގަނޑު ދެކޭ ގޮތުގައި ދުވަސްކޮށްފައި އަޅުގަނޑުމެން އަލުން ފަށާއިރު އެންމެ ފޯރީގައި ދާނީ ވެސް ޕާޓީގެ އިސްކޮށް ހުރި މީހާ އޭގެތެރޭގައި ހުރީމައި. އަޅުގަނޑު ވެސް ބޭނުންވޭ މުޒާހަރާގައި ކުރިޔަށް ހުންނަން އެހެންވީމާ ކޮންމެހެން ހުކުރު ދުވަހު ނުބޭއްވިޔަސް ވެދާނެ.
ދެން ކިހިނެއްތޯ ފިޔަވަޅު ތި އެޅުއްވެވީ؟ އެގޮތެއް އަދި ސާފެއް ނުވޭ؟
ފިޔަވަޅު އެޅުމުގެ ކަންތައް މިދިޔައީ އަޅުގަނޑާ މުއާމަލާތް ކުރި ބޭފުޅާ، އަޅުގަނޑު ކަނޑައެޅިގެން ނުކުރާށޭ ދެންނެވީ ވަކި ބޭފުޅަކަށް ފަހުން ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ހުކުރު ދުވަހު ނުބާއްވާށޭ ދެންނެވީ ވެސް ވަކި ބޭފުޅަކަށް. ދެން އެބޭފުޅަކު ވަކި ގޮތަކަށް އަމަލު ކުރެއްވީމާ އެއީ ސުލޫކީ މައްސަލައެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކައުންސިލުން ގޮތަކަށް ނުނިންމާހާ ހިނދަކު ޕާޓީގެ ވެރިޔާ ވާނީ ޕާޓީގެ ކަންކަން ނިންމާ ފަރާތަށް.
އެކަން އެގޮތަށް ކުރެއްވި ކަމަށް އެބޭފުޅާ ކައުންސިލުގައި ވިދާޅުވިތޯ؟ އަދި ވެސް އިލްހާމާމެދު ފިޔަވަޅު ނޭޅި ގޮތެއް ނޭނގޭ؟
ކަންސިލުގައި އިއުތިރާފުވެވަޑައިގަތް. ފަހުން ހިނގި ކަންކަމާ ނޫސްބަޔާނާ އެއީ މުޅިން ތަފާތު ކަންކަން. ދެންތިއްބެވި ބޭފުޅުންނާ ސީދާ އެމުއާމަލާތް ކުރެވިފައެއް ނެތް. އެއިން ބޭފުޅެއް ގާތުގައި ކަމެއް ނުކުރާކަށް ނުދަންނަވަން.
ތަސްމީނުތޯ ފިޔަވަޅު އަޅުއްވަނީ ވެސް؟
އަޅުގަނޑެއް ނޫން ފިޔަވަޅު އަޅަނީ. އަޅުގަނޑު ކައުންސިލަކު ނުވެސް ދަންނަވަން ފިޔަވަޅު އަޅާށެކޭ. އަޅުގަނޑު ހަމައެކެނި ދެންނެވީ މިއީ ކައުންސިލަށް ނުގެނެސް އަމިއްލައަށް ނިންމާލަންވާވަރުގެ ކަމެއް ނޫނޭ. މިކަން އަޅުގަނޑަށް ބޮޑުވީ އަޅުގަނޑު ބުނި ގޮތެއް ނުހަދައިގެނެއް ނޫނޭ. މީގެ ސަބަބުން ޕާޓީ ހިންގަން ދަތިވީ.
މި ބައިވުމުގެ ސަބަބުން ޕާޓީއަށް ލިބުނީ ކޮންކަހަލަ ގެއްލުމެއްތޯ؟
ބައިނަލްއަގުވާމީ މުޖުތަމައަށްދާއިރު ޕާޓީއަކީ ރޫޅިފައިވާ ޕާޓީއެއްނަމަ، ލީޑަރާ ނައިބުންނާ ހިޔާލު ތަފާތުވެގެން އުޅޭ ޕާޓީއެއް ނަމަ ޑިސިޕްލިން ނެތް ޕާޓީއެއް ނަމަ، އަޅުގަނޑުމެންގެ ބަސް ބޭރު ދުނިޔޭގައި ގަބޫލުކުރާ މިންވަރު ކުޑަވާނެ. މެންބަރުން އިތުރު ކުރަން ޕާޓީ ކުރިއަރުވަން ނުކުންނައިރު އަޅުގަނޑުމެނަކީ ކަންކަން ކާމިޔާބު ކުރެވޭވަރުގެ އަހުލާގު ނެތް ބަޔަކަށް ވަންޏާ އަޅުގަނޑުމެންގެ ގަދަރު ދާނީ ދަށަށް މިހިރީ ބޮޑެތި ގެއްލުން
ކަރަންޓް މުޒާހަރާ ސިލްސިލާގެ ދެވަނަ ރޭގައި މުޒާހަރާ ހުއްޓާލައި މުޒާހަރާގެ މިސްރާބު ވަކި ދިމާލަކަށް އަނބުރާލަން އެންގެވިންތޯ؟
ތިޔަވިދާޅުވި މުޒާހަރާއަކީ އަޅުގަނޑު ވެސް ބައިވެރިވި މުޒާހަރާއެއް. ފެން ޖަހާ ހިސާބަށް ދިޔައިރު އަޅުގަނޑު ނެތަސް އަޅުގަނޑުމެން ގޮތަކަށް އެއްބަސްވެގެން ނުކުތީ. އަޅުގަނޑަކަށް ނޭނގެ ދެވަނަ ރޭ ކަމެއް މުޒާހަރާގެ ވަކި ހިސާބަކުން ސަރުކާރުން އެކަމުގައި ވަކި ގޮތްތަކެއް ހަދައިދޭނެ ކަމަށް އިޝާރާތް ކުރީ. އޭރު އަޅުގަނޑު ނެތިން ރަށަކު، ދެން އަޅުގަނޑު ދަންވައިފިން އޭރު ތިއްބެވި ބޭފުޅުންނަށް ކައުންސިލު ބާއްވައިގެން ކައުންސިލުގެ ލަފާގެ މަތިން ދެން ހައްދަވާނެ ގޮތެއް ކުރިޔަށް ގެންދަވާށޭ. ސްޓެރެޓެޖިކަލީ އެންމެ ރަނގަޅު ގޮތަކީ އެއީއޭ. އަޅުގަނޑަކަށް ޔަގީނެއް ނޫނޭ ހާއްސަކޮށް މެންބަރުންގެ ތެރޭގައި ހިޔާލު ހުރި ގޮތެއް ވީމާ ނިންމި ގޮތެއް ނިންމީ ކައުންސިލުން އަޅުގަނޑު އިންސްޓްރަކްޝަނެއް ދީފައެއް ނުވާނެ.
ތަސްމީނު މައްޗަށް ތުހުމަތު ކުރޭ، އެއްވެސް ކަމެއްގައި ޕާޓީގެ ޒައީމާ މަޝްވަރާ ނުކުރައްވާ ކަމަށް، ހަގީގަތެއް އޮތް ކަމެއްތޯ އެއީ؟
އަޅުގަނޑެއް ބޭނުމެއް ނޫން އަޅުގަޑާ ޒައީމާ ދެމެދު ކުރެވޭ މަޝްވަރާތަކާބެހޭ ގޮތުން ތަފުސީލުކޮށް އެއްޗެއް ދަންނަވާކަށެއް. އަޅުގަނޑަށް މުހިންމު ކަންކަން ފާހަގަ ކުރެވުނީމާ މަޝްވަރާ ކުރަން. އެ މަޝްވަރާތަކަށް ފަހު އަޅުގަނޑު އަމަލު ކުރާ ގޮތެއް އެއީ އަޅުގަނޑާ ޒައީމާ ދެމެދު އޮންނަ ޕްރައިވެޓް ކަމެއް. އެހެނަމަވެސް ޕާޓީކަންކަން ނިމޭއިރު ނިމޭނީ ޕާޓީގެ ކަމާބެހޭ ގުނަވަނަކުން.
މިހާރު އުފެދިގެން އުޅޭ މައްސަލައިގައި ޒައީމުގެ ލަފާފުޅަކަށް އެދިވަޑައިގެންނެވިންތޯ؟
އެމަނިކުފާނުގެ ހިޔާލުފުޅު ހުރި ގޮތް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް އެމަނިކުފާނު ދެއްވި ހިޔާލާ ބެހޭ ގޮތުން ވާހަކަދައްކާކަށް އަޅުގަނޑު ނެތިން. އެއީ ބޭރަށް ނެރެންޖެހޭ ކަންތަކެއް ނޫން.
ކަންކަން ނިންމަވާއިރު ޑިޕިއުޓީންނާ މަޝްވަރާ ކުރައްވަންތޯ؟ ބައެއް ޑެޕިއުޓީން ވިދާޅުވޭ ނުކުރައްވައޭ.
ކޮންމެ ކަމެއްގައި މަޝްވަރާއެއް ނުކުރަން. އެކަމަކު ވަރަށް ގިނަ ކަންތައްތަކުގައި މަޝްވަރާ ކުރަން. ފުރަތަމަ މަގާމާ ހަވާލުވި ދުވަހުވެސް ހަތަރު ލީޑަރުންނަށް ދަންނަވާފައި އޮންނާނެ އެއްވެސް ކަމެއްގައި ކަންބޮޑުވެވަޑައިގެން ސުވާލެއް އުފެދިއްޖެއްޔާ ނުތިއްބަވައްޗޭ އަޅުގަނޑާ ގުޅުއްވާށޭ ކޮންމެ ވަގުތަކުވެސް ވާހަކަ ދެކެވޭނެއޭ. މިގެއަށް ވަޑައިގެން ކޮންމެ ގަޑިއެއްގައިވެސް ވާހަކަ ދެކެވޭނެ ކިތަންމެ ދަންވަރެއްގަ ވަޑައިގަތަސް އެބޭފުޅުންނާއެކު އެންޓަޓޭން ކޮށްފައި ހުންނާނެ. އަދި ދަންނަވާފައި އޮންނާނެ އެއްވެސް ބޭފުޅަކު ގާތުގައި އަޅުގަނޑަށް ވާހަކަ ދެންނެވިއްޖެއްޔާ އަނެއް ތިން ބޭފުޅުންނާ ހިއްސާ ކުރައްވައްޗޭ.
ރަށްތައް ގުޅުވައިލުމުގެ ވާހަކަތަކުގައި މަޝްވަރާ ނުކުރައްވާ ކަމަށް ބުނޭ؟
އެއީ ހަގީގަތެއް ނޫން. އެ ރިކްއެސްޓް އައީމަ ސެކްރެޓަރީ ޖެނެރަލަށް އެންގިން ހަތަރު ބޭފުޅުންނަށް ދަންނަވާށޭ އަޅުގަނޑުގެ ވިސްނުން ހުރީ މިހެނޭ. ވިދާޅުވީ ހަތަރު ބޭފުޅުންނަށް އިޝަރާތްކޮށްލައިފީމޭ އެއްވެސް ބޭފުޅަކު އިއުތިރާޒެއް ނުކުރައްވައޭ އެއަށް ފަހު ފޮނުވީ.
އެކަން ކައުންސިލުން ނުނިންމެވީ ކީއްވެގެންތޯ؟
ކޮންމެ ކަމަކީ ކައުންސިލުން ނިންމަން ޖެހޭނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން
ދެން ސޮއިކުރެއްވެވީ އެބޭފުޅުންނާ މަޝްވަރާ ކުރައްވައިފައިތޯ؟
ސޮއިކުރީ އަޅުގަނޑު ރަށުގައި ނެތީސް. އެކަމުގެ ލީޑަރަކަށް ވަޑައިގަތީ އިބްރާހިމް ޝަރީފު. އެތާ ހިނގި ކަންތައް އަޅުގަނޑާ މަޝްވަރާ ކުރެއްވި. ސޮއި ކުރެއްވުމުގައި ގެންގުޅުއްވި ވިސްނުމެއް ކަމަށް ވިދާޅުވީ ޑީއާރްޕީން އެއްވެސް ކަމަކަށް ކޮމިޓްމަންޓެއް ދީފައި ނެތުން ކަމަށް.
ހަތަރު ޑިޕިއުޓީ ލީޑަރުން ޕާފޯމް ކުރާ މިންވަރާ މެދު ހިތްޕުޅު ހަމަޖެހޭތޯ؟
އެއިން ކޮންމެ ބޭފުޅަކީ ވެސް ސްޓްރެންތު ހުރި ބޭފުޅެއް. އަޅުގަނޑުގެ ވާހަކައަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވެންޖެހޭނެއޭ. ޓީމުގައި އެބަހުރި ކެޕްޓަނެއް އޭނާގެ ދަށުން ވައިސް ކެޕްޓަނުން ތިބެނީ ކެޕްޓަނާ ހިލާފަށް ކަންކަމެއް ނުކުރެވޭނެ.
ޑީއާރްޕީގެ ތެރޭގައި އޮތް އަރައިރުމަކީ ބާރުވެރި ކަމުގެ ހަނގުރާމައެއް ކަމަށް ޑިޕިއުޓީއަކު ވަނީ ވިދާޅުވެފައި ނުންތޯ؟
ތީގެ ތެރެއަށް ދާކަށް ނެތިން. އަޅުގަނޑު މިކަން ދެކެނީ ސުލޫކީ މައްސަލައެއްގެ ގޮތުގަ.
ދެ ބައި މީހުންގެ މުޒާހަރާ ވެސް މިހާރު ވަނީ ފަސްކޮށްފަ. ސުލްހައިގެ ވާހަކަތަކެއް ހިނގަނީތޯ؟
އަޅުގަނޑުމެން އެންމެންވެސް އަބަދު އުޅެނީ އެކުގައި އެކަހަލަ ވާހަކަތައް އަބަދުވެސް ދެކެވޭ އަޅުގަނޑުމެން ބޭނުންވޭ މި ހިޔާލުތަފާތުވުންތައް ފިލައި ޕާޓީއާއިގެން ކުރިޔަށްދާން
މާނައަކީ މިހާރު ކައުންސިލުން ނިންމާފައިވާ މައްސަލަ ސަސްޕެންޑްވުންތޯ؟
ނޫން އެއީ އެކަން ނުދާނެ ވާހަކައެއް ނޫން. އެއީ ކޮމެޓީގެ އަތުގައި އޮތް ކަމެއް. އަޅުގަނޑެއް އޭގެ ތެރެއަކަށް ނުވަންނާނަން. ވަންނަންޖެހޭ ސަބަބެއްނެތް.