ރަން 30 އަހަރު ގިރިޓީ ކުރުން

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަސްކަރީ މަރުކަޒެއްގެ ގޮތުގައި އައްޑުއަތޮޅު ގަން އިނގިރޭސި ސިފައިން ބެނުންކުރިއެވެ. އެގޮތުން އިނގިރޭސިން ސ. ގަމުގައި ހެދި އެއަރޕޯރޓް، އެމީހުން 1976 ވަނަ އަހަރު ރާއްޖެދޫކޮށް ދިއުމުން ލިބުނީ ދިވެހި ދައުލަތަށެވެ. ގަމުގައި އިނގިރޭސިން ހެދި އެއަރޕޯޓުގެ އިތުރުން އިނގިރޭސިން ދޫކޮށްފަ ދިޔަ އަގުބޮޑު ހަރުމުދަލުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލަކާއި، ރާއްޖޭގައި އެއިރު ނެތްވަރުގެ ލަފާފުރާ ބަނދަރަކާއި، ސިނަމާ އަކާއި، އެނޫންވެސް އެތައް ގިނަ ގެއަކާއި، އޮފީސް އިމާރާތް ވެސް ހިމެނެއެވެ.

އިބްރާހިމް ނާސިރުގެ ސަރުކާރުން މިއޮއްބޮޑު ގައުމީ ރައުސުލްމާލު، ގައުމަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި އެތާގައި ހުރި ހޮސްޕިޓަލް ރޫޅާލައި، އަގޮބޮޑު މެޝިންތައް ބާދަނގަޑުގެ ގޮތުގައި ނީލަމަށް ލައި، ގެތައް ރޫޅާލައި މުޅި ގަން "ރޭޕް" ކޮށްލިއެވެ.

އިގިރޭސިން ގަމުން ފޭބިތާ 36 އަހަރު ފާއިތުވިއިރު ގަމަކީ މިހާރު ވީރާނާވެފައިވާ އިންޑަސްޓްރިއަލް ގަބުރުސްތާނެއް ފަދަ ތަނެކެވެ. ރާއްޖޭގެ ރަށެއްގައި ފުރަތަމަ ތާރު އެޅީ ސ. ގަމުގައެވެ. އެއްއިރެއްގައި ސ. ގަމަކީ މުޅި ރާއްޖެ އެރަށަކާއި މެދު ފަހުރުވެރިވި ބޮޑު ހަރުމުދާގަނޑެކެވެ. ނަމަވެސް ރައީސް އިބްރާހިމް ނާސިރުގެ ސިޔާސަތަކަށްވީ ދެކުނުގެ ތިން އަތޮޅު ކަމުގައިވާ އައްޑޫ، މުލައް އަދި ހުވަދު އަތޮޅަށް ފައިދާވެދާނެ ގޮތަކަށް ގަން ތަރައްގީ ނުކުރާށެވެ.

ނާސިރުގެ ވެރިކަން 1978 ގައި ނިމުމަކަށް އައިސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ރިއާސަތާއި ހަވާލުވެވަޑައިގަތުމުން ވީރާނާ ވަމުންދިޔަ ގަމަށް އާރޯކަން އައިސް މުޅި ދެކުނުގެ ސަރަހައްދަށް ފައިދާހުރި މަސައްކަތްތަކެއް ގަމުގައި ކުރެވޭނެ ކަމަށް އެސަހައްދުގެ ގިނަބަޔަކު އުއްމީދުކުރިއެވެ. ނަމަވެސް ކުޑަކުޑަ ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ހިންގަ ހިންގާ 30 އަހަރު ވަންދެން ހަމަ ތިބީއެވެ. އައްޑޫ ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނަމުގައި އޮފީހެއް ހަދައިގެން ތަރައްގީގެ ހުވަފެން ދެއްކިއެއް ކަމަކު ރައީސް މައުމޫނުގެ 30 އަހަރުގެ ޒައާމަތުގައި އައްޑު އަތޮޅުގެ ރައްޔިތުންނަށް ކޮށްދެއްވި މާބޮޑު ކަމެއްނެތެވެ.

ތެދެކެވެ! ލިންކްރޯޑެއް ހެދިއެވެ. ނަމަވެސް އެތައްމިލިޔަން ޑޮލަރެއްގެ ލޯނު ނަގައިގެން ހެދި ލިންކްރޯޑަކީ އައްޑޫ އަތިރިމަތީގައި ދަމާލެވުނު ތުނި ރޮއްޓެއް ފަދައެވެ. އެމަގު މިހާރު އެއޮއްގެން ކުނޑި ކުނޑިވެ، ހަލާކުވެގެން ދަނީއެވެ.

އައްޑު އަތޮޅުގައި އިންސާނީ ވަސީލަތާއި، އައްޑޫ ގަމާއި، ބޮޑު ބިން އޮތެވެ. ތަރައްގީގެ ފުރުސަތު ބައިވަރެވެ. ނަމަވެސް އައްޑު އަތޮޅުގެ ތަރައްގީއަށް، އަދި މުޅި ދެކުނުގެ ތަރައްގީއަށް ވެސް ކުރިމަތިވި އެންމެބޮޑު ހުރަހަކަށްވީ ރައީސް މައުމޫނުގެ ކޮއްކޯ ފުޅު އަބްދުﷲ ހަމީދު ކަމަށް އަޅުގަނޑު ދެކެމެވެ. އެޓޯލްސް މިނިސްޓަރުގެ ގޮތުން މުޅި ރާއްޖެތެރޭގެ މައްޗަށް އެމަނިކުފާނު ސަވާރުވެ ރާއްޖެތެރޭގެ ތަރައްގީގެ ވައިނޮޅީގައި އެމަނިކުފާނު ހިފަހައްޓަވައިގެން 30 އަހަރު ހޭދަކުރެއްވިއެވެ.

އަތޮޅުތަކުގެ ނުވަތަ ރަށްރަށުގެ އެންމެ ބޮޑު އީދަކީ ހަމީދު އެއިންއަތޮޅަކަށް، ނުވަތަ ރަށަކަށް ޒިޔާރަތްކުރައްވާ ދުވަހެވެ. ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ޝަރަފަކީ ހަމީދު ނުވަތަ އެމަނިކުފާނު އަރިހުގައި ވަޑައިގަންނަވާ އަތްޕުޅު މަޑު ބޭފުޅެއްގެ އަތްޕުޅުގައި ބީހި، ސަލާމްކޮށްލެވުމެވެ.

ރައީސް މައުމޫނު ނިސްބަތްވެވަޑައި ގަންނަވާ ޕާޓީ ޕީ.ޕީ.އެމް ގެ މެންބަރުން ސިފަކުރައްވާ ގޮތުގައި ރައީސް މައުމޫނުގެ 30 އަހަރުގެ ޒައާމަތަކީ "ރަން ތިރީސް އަހަރު" އެވެ! ޕީ.ޕީ.އެމް ގެ ޕާރލިމެންޓް މެންބަރުންގެ ތެރެއިން ނިހާން އާއި މަހްލޫފް އަދި ޕީ.ޕީ.އެމް ގެ ނައިބް ލީޑަރު އުމަރު ނަސީރަކީ އަޅުގަނޑު ވަރަށް ތާއީދުކުރާ ބައެކެވެ. ޒާތީ ގޮތުން އަޅުގަނޑު އެބޭފުޅުން ނުދަތަކަސް އެބޭފުޅުންގެ ގައުމީ ޖޯޝަށް އަޅުގަނޑު ތާއީދުކުރަމެވެ. ނަމަވެސް އެބޭފުޅުންވެސް "ރަން ތިރީސް އަހަރު" ގެ ވާހަކަ ދެއްކެވުމުން އަޅުގަނޑު ލަދުގަނެއެވެ. ބަޔަކު ކިތަންމެ ވަރަކަށް އައިސިންގް އަޅައިގެން ފޮނިކުރަން އުޅުނަސް އެއީ ރަން ތިރީސް އަހަރެއް ނޫނެވެ. އެއީ ފުރުސަތުގެ ބޭނުން ނުހިފި، ބޭކާރުވެގެން ދިޔަ 30 އަހަރެވެ. އެއީ އިނގިރޭސި ބަހުން ދަންނަވާނަމަ "ވޭސްޓަޑް ޖެނެރޭޝަން" އެކެވެ.

އަޅުގަނޑުގެ މިލިއުމުގެ ބޭނުމަކީ ރައީސް މައުމޫނަށް ފާޑުކިއުމެއް ނޫނެވެ. އެމަނިކުފާނުގެ ޒައާމަތުގައި ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއްވެސް ކުރައްވާފައި އެބަހުއްޓެވެ. ނަމަވެސް ވަގުތާއި، ވަސީލަތް ލިބުނު ވަރާބަލާއިރު އޭގެ ދިހަ ގުނަ ތަރައްގީ ރާއްޖެއަށް ގެނެވުނީސްކަން ކަށަވަރެވެ. އަޅުގަނޑު ދެކޭގޮތުގައި މައުމޫނަކީ އަސްލު ގައުމުދެކެ ލޯބިވާ، އިހްލާސްތެރި ވެރިއެކެވެ. ނަމަވެސް ބައްލަވަންވާ ވަރަށް ނުބައްލަވާ، މުޅިރާއްޖެތެރޭގެ ލަގަން ކޮއްކޯ ފުޅު ހަމީދަށް ދޫކޮށްލުމަކީ މައުމޫނުގެ އެންމެބޮޑު މިސްޓޭކެވެ. އަޅުގަނޑު އަބްދުﷲ ހަމީދާ ޒާތީވާންޖެހޭ ސަބަބެއްވެސް ނެތެވެ. ނަމަވެސް ހަގީގަތްވާނީ ހަގީގަތަށެވެ.

ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި ހުދު މައުމޫނުވެސް ވަނީ އެމަނިކުފާނުގެ ޒައާމަތުގައިވެސް މިސްޓޭކްތަކެއް ހެދިފައިވާނޭކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރާ ބަޔަކު ކުރީގެ މިސްޓޭކްތަކުން އިބްރަތް ލިބިގެން ގައުމު ހިންގުމަށްވެސް މައުމޫނު އިޝާރާތްކުރައްވާފައި ވެއެވެ.

އެމް.ޑީ.ޕީ ގެ ސިޔާސަތުތަކަށް ފާޑުކިޔާފަ އަޅުގަނޑު މިހާރު ލިޔާތީ އަޅުގަނޑަކީ މައުމޫނު އަނެއްކާ ވެރިކަމަށް ގެންނަން އުޅޭ މީހެއްކަމަށް އެމް.ޑީ.ޕީ ގެ ބައެއް މީހުން ސިފަކުރެއެވެ. ނަމަވެސް އަޅުގަނޑު މިއުޅެނީ މައުމޫނު ވެރިކަމަށް ގެނައުމަކަށް ނޫނެވެ. އަދި ވަހީދު ނުވަތަ ގާސިމް ނުވަތަ ހަސަން ސައީދު ނުވަތަ އެހެން ބޭފުޅަކު ވެރިކަމަށް ގެނެވޭތޯއެއް ވެސް ނޫނެވެ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ މިދިވެހި ބިމަށް، މިދިވެހި ފަސްގަނޑަށް، މިދިވެހި ގައުމަށް ތަރައްގީ އާއި ފާގަތިކަމާއި، ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ސާދާކަމެވެ.

ބޯޑާކޮންޓްރޯލް ނިޒާމުގައި ރައީސް ޑރ. ވަހީދުގެ ޅިޔަނު އިލްޔާސް ހުސެއިން ގެ މައްޗަށް އެންޓި ކަރަޕްޝަން ކަމިޝަނުގެ ތުހުމަތުގެ އިނގިލި ދިއްކުރާތީ އެކަން އިހްލާސްތެރިކަމާއެކު ބަލައިދިނުމަށް ރައީސް ޑރ. ވަހީދަށް ގޮވާލައި އަޅުގަނޑު ތަކުރާކޮށް ލިޔަނީވެސް މި ސަބަބަށްޓަކައެވެ.

ރައީސް މައުމޫނުގެ ޒައާމަތުގައި ހެއްދެވުނު ފަދަ މިސްޓޭކެއް ޑރ. ވަހީދަށް ވެސް ހެއްދެވިދާނެތީ އެވެ. ތަރައްގީގެ އާ އުސްމިނަކަށް ދިވެހި ގައުމު އާއި ދިވެހި ރައްޔިތުން ގެންގޮސްދެވޭނީ އެފަދަ މިސްޓޭކް ނުހައްދަވައި އިހްލާސްތެރި ކަމާއެކު ވެރިކަން ކޮށްދެއްވޭ ބޭފުޅަކަށެވެ.

އަޅުގަނޑު މިލިއުން ފެށީ އައްޑު އަތޮޅު ގަމުގެ ވާހަކައިންނެވެ. މިދުވަސްވަރަކީ ގަމުގެ ވައިގެ ބަނދަރު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް އެތާގައި ސީޕްލޭންބޭސް އެއް ހަދާނޭ ގޮތަކާއިމެދު ހިޔާލުތަފާތުވެފައިވާ ދުވަސްވަރެކެވެ. މިކަމުގައި ބަލަންޖެހޭނީ ބަހުސްދިގުކޮށް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލެއްވުމަކަށް ނޫނެވެ. މާޒީގެ މިސްޓޭކް ތަކުން އިބްރަތްލިބިގެން ގައުމަށްޓަކައި ކަމެއްކޮށްދިނުމުގެ ވަގުތަކީ މިއެވެ. މިފިރުސަތުގެ ބޭނުން ހިއްޕަވާ ވެރިއަކަށް އައްޑުއަތޮޅާއި ދެކުނުގެ ރައްޔިތުންގެ ވޯޓު ލިބޭނެއެވެ. އަދި މުޅި ރާއްޖެތެރޭގެ ވޯޓުވެސް ލިބޭނެއެވެ. ވޭސްޓަޑް ޖެނެރޭޝަން އެއްގައި ގިރިޓީކޮށް "ރަން ތިރީސް އަހަރު" ކަމުގައި ދައްކަން އުޅުމަށްވުރެން ފައިދާ ބޮޑުވާނީ ހަގީގީ "ރަން ތިރީސް އަހަރު" ދިވެހި ރައްޔިތުންނަށް ގެނެސް ދެއްކުވިއްޔާއެވެ. ރައްޔިތުން ތިބީ އެފަދަ ވެރިއަކަށް ބަލަ ބަލަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް