މަސައްކަތް ފަށާފައިވާ ފިލްމު 'ދަޅްކަން 2'އިން ސުނިލް ޝެޓީގެ ޚާއްޞަ ފެނިލުމެއް

ފިލްމު "ދަޅްކަން"ގެ މަންޒަރެއްގައި ޝިލްޕާ ޝެޓީ އަދި ސުނިލް ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދެހާސް ވަނަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު 'ދަޅްކަން'ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. އަކްޝޭ ކުމާރު، ޝިލްޕާ ޝެޓީ އަދި ސުނީލް ޝެޓީ މުހިންމު ރޯލުތަކުން ފެނިގެންދިޔަ އެ ފިލްމަށް 26 އަހަރު ފުރިފައިވާއިރުވެސް، އޭގެ އަސަރުގަދަ ޑައިލޮގްތަކާއި ލަވަތަކަކީ މިއަދުވެސް ބެލުންތެރިންގެ މެދުގައި ނުހަނު މަޤުބޫލު އުފެއްދުންތަކެކެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'މިޑް-ޑޭ'އާ ހަވާލާދީ ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުން، 'ދަޅްކަން 2' އުފެއްދުމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ. ނަމަވެސް މި އާ ފިލްމަކީ ކުރީގެ ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ 'ސީކުއެލް' އަކަށް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި މުޅިން އާ ޝަހުސިއްޔަތުތަކަކާއި ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް، ލޯތްބާއި، ގުޅުންތަކާއި އަދި ހިތްދަތިކަމުގެ އިހުސާސްތައް ގެނެސްދޭނެ ފިލްމަކަށް ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފިލްމު "ދަޅްކަން"ގެ މަންޒަރެއްގައި އަކްޝޭ ކުމާރު އަދި ޝިލްޕާ ޝެޓީ--ފޮޓޯ/ފޭސްބުކް

މި މަޝްރޫއާ ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ފިލްމުގެ މަސައްކަތް އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައެވެ. މި ފިލްމު ޑައިރެކްޓް ކުރުމާ ހަވާލުވާނެ ކަމަށް ބެލެވެނީ 'ޓޮއިލެޓް: އޭކް ޕްރޭމް ކަތާ' (2017) އަދި 'ބައްތީ ގުލް މީޓަރު ޗާލޫ' (2018) ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގްއެވެ.

މީގެ އިތުރުން، މި ފިލްމުން ބޮލީވުޑަށް މުޅިން އާ މޫނެއް ތައާރަފުވެގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރެއްގެ ދަރިފުޅު މި ފިލްމުގެ ލީޑް ރޯލަކުން ފިލްމީ ދާއިރާއަށް ނެރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށްވެއެވެ. އެހެންކަމުން، އާ ޖީލެއްގެ ފަންނާނުންނާއެކު މި ވާހަކަ ކުރިއަށް ގެންދިއުމަށް އުފެއްދުންތެރިން ވިސްނާކަން މިކަމުން ހާމަވެއެވެ.

ފުރަތަމަ ފިލްމުގެ ތަރިންގެ ތެރެއިން ސުނީލް ޝެޓީ 'ދަޅްކަން 2'ގެ ޚާއްޞަ ފެނިލުމަކުން (ކެމިއޯއަކުން) ފެނިގެންދިއުމުގެ ފުރުސަތު ބޮޑު ނަމަވެސް، އޭނާގެ ރޯލު އޮންނާނެ ގޮތެއް އަދި ފައިނަލް ނުވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. މި ފިލްމުގެ ޑައިރެކްޓަރާއި، ކާސްޓް އަދި މަސައްކަތް ފެށޭނެ ތާރީޚާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ގާތްގަނޑަކަށް 9.5 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި "ދަޅްކަން" ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 26.47 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް