ޒަމާނީ ޒުވާނުން (ޖެން-ޒީ) ބޭނުންކުރާ އާ ބަސްތައް ދަސްކޮށްދިނުމުގައި 13 އަހަރުގެ ހަގު ދަރިފުޅު އަބްރާމްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ބުނެފިއެވެ.
ޝާހުރުކްގެ ކުރިއަށް އޮތް ފިލްމު 'ކިންގް'ގެ ދެވަނަ ލަވަ "ޑެޑީ ކޫލް" ނެރުމަށް ބޭއްވި ޚާއްޞަ ހަފުލާގައި، ވާހަކަ ދައްކަމުން ޝާހު ބުނީ، އެ ލަވައިގައި ބޭނުންކޮށްފައިވާ ޒަމާނީ ޒުވާނުން (ޖެން-ޒީ) ބޭނުންކުރާ އާ ބަސްތައް ކަމަށްވާ 'އޯރާ ފާމިންގް' އަދި 'މޮގިންގް' ފަދަ ބަސްތައް އޭނާއަށް އެންމެ ފުރަތަމަ ތަޢާރަފުކޮށްދިނީ އަބްރާމް ކަމަށެވެ.
މި ބަސްތައް ދަސްވި ހާދިސާގެ ހަނދާން އާކުރަމުން ޝާހުރުކް ކިޔައިދިން ގޮތުގައި، 'ތޫ މިލް ޖާއޭ' ލަވަ ނެރުނު ދުވަސްވަރު އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން (ސިކްސް ޕެކް) ދައްކާލި ވަގުތު، އަބްރާމް އެކަމަށް ނިސްބަތްކޮށް 'އޯރާ ފާމިންގް' އޭ ބުނި އަޑު އެންމެ ފުރަތަމަ އިވުނެވެ. މީގެ އިތުރުން، އެހެން މީހަކަށްވުރެ ބޮޑަށް ވިދާލުން ނުވަތަ ރީތިވުމަށް ޒުވާނުން ބޭނުންކުރާ 'މޮގިންގް' މި ބަހުގެ މާނަ ވެސް ދަސްކޮށްދިނީ ހަމަ އަބްރާމް ކަމަށް ޝާހުރުކް ފާހަގަކުރިއެވެ.
ޝާހުގެ ތިން ކުދިން ކަމަށްވާ ސުހާނާ ޚާން، އާރްޔަން ޚާން އަދި އަބްރާމް--ފޮޓޯ/ފިލްމުފެއަ"އޯރާ" ނުވަތަ މީހެއްގެ ހުންނަ ޚާއްޞަ ޝަޚުޞީ ޖާދޫއާ ބެހޭގޮތުން އަމިއްލަ ޚިޔާލު ފާޅުކުރަމުން ޝާހުރުކް ބުނީ، އަސްލު އޯރާއަކީ މީހާގެ އެތެރެފުށުގެ އަސްލުވަންތަކަމާއި ތަފާތުކަން އުފައްދައި، މުޅި ދުނިޔެއަށް އެކަން ދައްކުވައިދިނުން ކަމަށެވެ. އަދި ކޮންމެ ނަމެއްގައި ވެސް އެފަދަ ޖާދޫއެއް ހުންނަންޖެހޭނެ ކަމަށް ކުޑައިރުއްސުރެ ވެސް ޤަބޫލުކުރާ ކަމަށާއި، ދެ ފިރިހެން ކުދިން ކަމަށްވާ އާރްޔަން އަދި އަބްރާމްއަށް ނަން ކިޔުމުގައި ވެސް ބެލީ ހިތްތަކާ ކުޅެލާ ފަދަ ބާރެއް އެ ނަންތަކުގައި ހުރިތޯ ކަމަށް އޭނާ ބުންޏެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ ވަރުގަދަ އެކްޝަން ތުރިލާ 'ކިންގް' އަކީ ޝާހު އާއި ދީޕިކާ ޕަދުކޯން އެކުގައި މަސައްކަތްކުރާ ހަވަނަ ފިލްމެވެ. ތަރިންގެ ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި އަބީޝޭކް ބައްޗަން، ސުހާނާ ޚާން، ރާނީ މުކަރްޖީ، ރާގަވް ޖުޔާލް، އަރުޝަދު ވަރްސީ އަދި ޖައިދީޕް އަހްލާވަތު މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ ހޮލީވުޑްގެ މަޤުބޫލު ފިލްމުތައް ކަމަށްވާ 'އެވެންޖާސް: ޑޫމްސްޑޭ' އަދި 'ޑޫން: ޕާޓް ތްރީ' ރިލީޒްކުރާތާ އެއް ހަފުތާ ފަހުން، އަންނަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.