މުމްބާއީގައި ދިނުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯއަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބިފައި ވަނިކޮށްވެސް، އެކަމަށް ފަސްޖެހުމެއް ނެތި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް ސްޓޭޖަށް އަރައި، ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ. ދިލްޖީތުގެ "އައުރާ އިންޑިއާ ޓުއާ 2026"ގެ ދަށުން ދެކުނު މުމްބާއީގެ މަހާލަކްޝްމީ ރޭސްކޯސްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި ޝޯގައި ވާހަކަދައްކަމުން އޭނާ ބުނީ، ނުރައްކާތެރި އިންޒާރުތަކާ އެކުވެސް ސަޕޯޓަރުން ޝޯއަށް ހާޒިރުވުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
ޝޯ އިންތިޒާމުކުރުމުގެ އިތުރުން ހުށަހަޅައިދިނުމުގައި ކުރިމަތިވި ދަތިތަކަށް އަލިއަޅުވާލަމުން 42 އަހަރުގެ ދިލްޖީތު ބުނީ، 2024 ވަނަ އަހަރު ޝޯތައް ބޭއްވިއިރު ވަކި ލަވަތަކެއް ނުކިޔުމަށް އެންގުން ފަދަ ކުދިކުދި އުނދަގޫތައް ކުރިމަތިވި ނަމަވެސް، މި އަހަރާ ހަމައަށް އައިއިރު ހަމައެކަނި ޝޯއެއް ބާއްވާލުމަކީވެސް ބޮޑު ހާސްކަމަކަށް ވެފައިވާ ކަމަށެވެ.
"ދިލްޖީތު ބޮމެއް ގޮއްވާލައިގެން މަރާލާނަމޭ ބުނެ އިންޒާރު ދީފި. މިތަނަށް އެއްވެ މިތިބި ސަޕޯޓަރުން އެކަމަށް ބިރުނުގަންނައިރު އަޅުގަނޑަށް ބިރުގަނެވޭނެތޯ؟ ތިޔަ ހުރިހާ ސަޕޯޓަރުންނަށް އަޅުގަނޑު ސާބަސް ދެން. އަޅުގަނޑުގެ ހިތް ނަގައި ތިޔަ ބޭފުޅުންގެ ކުރިމަތީގައި ބޭއްވިޔަސް އެކަމުގެ ބަދަލު ނުދެވޭނެ،" ސަޕޯޓަރުންގެ ލޯތްބާއި ހިތްވަރަށް ތައުރީފު ކުރަމުން ދިލްޖީތު ބުންޏެވެ.
މި ޝޯއަށް އަމާޒުކޮށް ބޮމުގެ އިންޒާރު ދީފައިވަނީ 26/11ގެ ޓެރަރިސްޓް ހަމަލާތަކަށް 18 އަހަރު ފުރުނު ދުވަހާ ދިމާކޮށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި އީމެއިލެއްގައެވެ. އެ އީމެއިލްގައި މޭޔަރުގެ އޮފީހަށާއި، މެޓްރޯ ސްޓޭޝަންތަކުގެ އިތުރުން ދިލްޖީތުގެ ކޮންސެޓް އޮންނަ ސަރަހައްދުގައި އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) ހަރުކޮށް، ގްރެނޭޑާއި ބޮމުގެ ހަމަލާތައް ދޭނެ ކަމަށް ވަނީ ބުނެފައެވެ.
ދިލްޖީތު ސްޓޭޖްގައި ޕާފޯމްކުރަނީ--ފޮޓޯ/މިޑް-ޑޭމި އިންޒާރާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ. އެގޮތުން 500 އަށްވުރެ ގިނަ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވިއިރު، ބޮމް ޑިޓެކްޝަން އެންޑް ޑިސްޕޯސަލް ސްކޮޑް (ބީޑީޑީއެސް)އިން ވަނީ މުޅި ސަރަހައްދު ބަލައި ފާސްކޮށްފައެވެ. އަދި ޝޯއަށް ވަންނަ މީހުން ޗެކްކުރުމަށް ކުރިން ހަމަޖެހިފައި އޮތް ތިން ގޭޓުގެ ބަދަލުގައި ފަސް ގޭޓަކުން ބަލައި ފާސްކުރުމުގެ އިންތިޒާމު ހަމަޖައްސައި، ޕްރައިވެޓް ސެކިއުރިޓީންގެ އެހީތެރިކަންވެސް ވަނީ ހޯދާފައެވެ.
ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ދިލްޖީތު ވަނީ މުމްބާއީ ފުލުހުންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި ޗެކްކުރުމުގެ މަރުހަލާ ދިގުލައިގެން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ބޭރުގައި މަޑުކުރަން ޖެހިފައިވާކަން ފާހަގަކުރަމުން، އެއީ ފުލުހުންގެވެސް މަޖުބޫރީ ހާލަތެއް ކަމަށް އޭނާ ބުންޏެވެ.
"މިފަދަ އިންޒާރުތައް ދޭ މީހުންގެ ހަމައެކަނި މަގުސަދަކީ ބިރުދައްކައިގެން ދިލްޖީތުގެ ޝޯއަށް މީހުން އައުން ހުއްޓުވުން. ދުވަހަކަށްފަހު ދުވަހަކު އަޅުގަނޑާ މެދު މިގޮތަށް ކަންތައް މިވަނީ ކީއްވެގެން ކަމެއް ނޭނގޭ. އެކަމަކު ތިޔަ ބޭފުޅުން ބޮން އުއްކެވިޔަސް، އަޅުގަނޑުގެ ފަރާތުން އޮތީ ހަމައެކަނި ލޯބި،" އިންޒާރު ދިން ފަރާތްތަކަށް ރައްދު ދެމުން ދިލްޖީތު ބުންޏެވެ.
ބުކްމައިޝޯ ލައިވް އަދި ލައިވް ނޭޝަން ގުޅިގެން ޕްރޮޑިއުސްކޮށް ޕްރޮމޯޓްކުރި މި ޝޯ ނިންމާލާފައިވަނީ ސަޕޯޓަރުންގެ އަޑާ އެކު 'މޭ ހޫން ޕަންޖާބް' މި ލަވައިންނެވެ. ޝޯ ނިމުމާއެކު މުޅި ސަރަހައްދު ވަނީ ހަވާގެ ކުލަތަކުން ޖަރީކޮށްލާފައެވެ. މުމްބާއީގެ މި ކާމިޔާބު ޝޯއަށްފަހު ދިލްޖީތުގެ "އައުރާ އިންޑިއާ ޓުއާ 2026"ގެ ދެން އޮތް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ބެންގަލޫރުގައެވެ.