އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ޕްލެޓްފޯމުގައި ވަކިން ހުންނަ "ޗެޓް" އަދި "ވޯކް" މޯޑް އެއްކޮށްލައި، އާ ތަޖުރިބާއެއް ޓެސްޓްކުރަން އެ ކުންފުނިން ފަށައިފިއެވެ.
މި ބަދަލު މިހާރު ޓެސްޓްކުރަމުންދަނީ ޗެޓްޖީޕީޓީ ޕްރޯ ބޭނުންކުރާ މަދު ބައެއްގެ މެދުގައެވެ.
އޯޕަންއޭއައިގެ ސޮފްޓްވެއާ އިންޖިނިއާ އަދި ޕްރޮޑަކްޓް އެގްޒެކެޓިވް ތިބޯ ސޮޓިއޯ އެކްސްގައި ވިދާޅުވި ގޮތުގައި، މި އާ ޑިޒައިން އެންމެންނަށް ހުޅުވާލުމުގެ ކުރިން ޓެސްޓްކުރާ ފަރާތްތަކުގެ ޚިޔާލާއި ފީޑްބެކް ހޯދުމަށް އެ ކުންފުނިން ބޭނުންވެއެވެ.
މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަން އޯޕަންއޭއައި އިން ކުރިން އީމެއިލް މެދުވެރިކޮށް އަންގާފައިވާއިރު، ދެ މޯޑްގެ ޔޫސޭޖް ލިމިޓްތައް އެއްކޮށްލުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފުޅާ ދާއިރާއެއްގައި ފެށުމަށް ވަނީ ރާވާފައެވެ.
މިހާރު އޮންނަ އުސޫލުން ނަމަ، ވޯކް ނުވަތަ ކޯޑެކްސްއަށް ކަނޑައަޅާފައިވާ ވަކި އެލަވަންސް ބޭނުންނުކޮށް، ދިގުކޮށް ވިސްނައިގެން ޖަވާބުދޭ ރީޒަނިން މޮޑެލްތަކާ އެކު މުއާމަލާތް ކުރުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބެއެވެ.
އަދި ބައެއް ސަބްސްކްރައިބަރުންނަށް ޖީޕީޓީ-6 ޕްރޯ ފަދަ އެޑްވާންސް ރީޒަނިން މޮޑެލްތައް ބޭނުންކުރުމަށް ވަކި ޚާއްޞަ މެސެޖު ލިމިޓްތަކެއްވެސް މިހާރު ހުރެއެވެ.
ނަމަވެސް، އާ ބަދަލާ އެކު އަސާސީ އިންސްޓަންޓް ޗެޓްތައް މި އެއްކޮށްލެވޭ އެލަވަންސުން އިސްތިސްނާވާނެ ކަމަށް ބެލެވޭތީ، ޝެއާ ކުރެވޭ ޓޯކަންތައް ހުސްނުވެ އާދައިގެ މުއާމަލާތްތައް ކުރިއަށް ގެންދެވޭނެއެވެ.
އޯޕަންއޭއައި އިން ދަނީ "ޗެޓް" އަދި "ވޯކް" މޯޑް އެއްކޮށްލައިގެން އާ ތަޖުރިބާއެއް ޓެސްޓްކުރަމުން ---ފައިސާ ދައްކައިގެން ޚިދުމަތް ހޯދާ ގިނަ ބަޔަކު ވަނީ މި ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚާއްޞަކޮށް ރީޒަނިން މޮޑެލްތަކާއި ކޯޑެކްސް ގަވާއިދުން ބޭނުންކުރާ ފަރާތްތަކަށް މި ބަދަލުގެ އަސަރު ކުރާނެ ކަމަށާއި، ކުރިން އެކި މަސައްކަތްތަކަށް ވަކި އެލަވަންސްތަކެއް ލިބެމުން އައި ފަރާތްތަކުން އާ ނިޒާމުގެ ދަށުން ޔޫސޭޖް ބެލެހެއްޓުމުގައި އިތުރަށް ސަމާލުވާން ޖެހޭނެއެވެ.
މި އެއްކޮށްލެވޭ ޔޫސޭޖް ނިޒާމުގެ ސަބަބުން ޗެޓްޖީޕީޓީގެ އެކި ފީޗާތަކަށް އެކްސެސް ދިނުން ބެލެހެއްޓުމަށް އޯޕަންއޭއައިއަށް ފަސޭހަވެގެންދާނެއެވެ.
ސަބްސްކްރައިބަރުންނަށް މި ބަދަލުގެ އަސަރު ކުރާނެ މިންވަރު ބިނާވާނީ އެއްކޮށްލެވޭ އެލަވަންސްގެ ބޮޑުމިނާއި ޓޯކަން ހިސާބުކުރާ ގޮތެއްގެ މައްޗަށް ކަމަށްވާއިރު، އާ ޔޫސޭޖް ލިމިޓްތަކުގެ ފުރިހަމަ ތަފްސީލެއް އޯޕަންއޭއައި އިން އަދި ހާމަކޮށްފައެއް ނުވެއެވެ.