ނިތިލާން ސާމިނާތަން ޑައިރެކްޓްކޮށް 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ތަމަޅަ އެކްޝަން ތްރިލާ 'މަހާރާޖާ'އަށް ހޮލީވުޑްގެ މަޝްހޫރު ލެޖެންޑް ޓޮމް ހޭންކްސްގެ ބޮޑު ތަރުހީބެއް ލިބި، އެ ފިލްމުގެ ޒުވާން ބަތަލާ ސަޗަނާ ނަމިދާސްގެ އެކްޓިންގްއަށް އޭނާ ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.
އެ ފިލްމުގައި ވިޖޭ ސޭތުޕަތީގެ ދަރިފުޅު 'ޖޯތީ'ގެ ރޯލުން ފެނިގެންދިޔަ އޭރުގެ އާ މޫނު ސަޗަނާއަށް ވަނީ އެ މޮޅު އެކްޓިންގް ގެ ސަބަބުން އިންޑިއާގެ ނޭޝަނަލް ފިލްމް އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސްގެ މަޤާމުވެސް ލިބިފައެވެ.
ޓޮމް ހޭންކްސް މި ފިލްމާ މެދު ދެކޭ ގޮތް ހާމަކޮށްދީފައިވަނީ އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޜަން އާޓްސް އެންޑް ސައިންސަސްގެ ބޯޑު މެންބަރު ކަވިތާ ގުޕްތާ، 'ދަ ހޮލީވުޑް ރިޕޯޓާ'އަށް ދިން ބަސްދީގަތުމެއްގައެވެ. ކަވިތާ ކިޔައިދިން ގޮތުގައި، މި އަހަރުގެ ކުރީކޮޅު ބޭއްވި ލޮސް އެންޖެލިސް ކައުންޓީ މިއުޒިއަމް އޮފް އާޓް (ލެކްމާ)ގެ ގާލާ އިވެންޓަކުން ޓޮމް ހޭންކްސްއާ ބައްދަލުވުމުން، އިންޑިއާގެ ތިން ފިލްމެއް ބެލުމަށް ލަފާދިނުމަށް އޭނާ އެދުނެވެ. އެހެންކަމުން ކަވިތާ އޭނާއަށް 'މަހާރާޖާ' ބެލުމަށް އިރުޝާދު ދިންއިރު، އޭގެ ހަފުތާތަކެއް ފަހުން މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ލެކްމާ އާޓް އެންޑް ފިލްމް ގާލާއިން ދެވަނަ ފަހަރަށް ދިމާވުމުން ޓޮމް ހޭންކްސް އެންމެ ފުރަތަމަ ވެސް ދެއްކީ އެ ފިލްމުގެ ވާހަކަ ކަމަށް ކަވީތާ ބުނެފައިވެއެވެ. އަދި ފިލްމުގައި ސަޗަނާ ދައްކުވައިދިން މޮޅު އެކްޓިންގް މަތިން ޓިމް ހަނދާން ނުނެތޭ ކަމަށާއި އެ ފެންވަރަށް ކެރެކްޓާއެއް ކުޅެވިދާނެ ކަމަށް ޚުދު ޓޮމް ހޭންކް އަމިއްލައަށް ވެސް ޤަބޫލުނުކެރެވޭކަން ބުނި ކަމަށް ކަވީތާ ވަނީ ބުނެފައެވެ.
ފިލްމު "މަހާރާޖާ"ގެ މަންޒަރެއްގައި ވިޖޭ ސޭތުޕަތީ--ފޮޓޯ/ބޮލީވުޑްހަންގާމާމިދިޔަ އަންގާރަ ދުވަހު ބޭއްވި އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި އެވޯޑެއް ހަވާލުކޮށްދިނުމަށްފަހު، ކަވިތާ ގުޕްތާއާއެކު 'ދަ ހޮލީވުޑް ރިޕޯޓާ'އަށް ދިން މި އިންޓަވިއުގައި ފިލްމުގެ މައިގަނޑު ބަތަލު ވިޖޭ ސޭތުޕަތީ ވެސް ބައިވެރިވިއެވެ. މި ފިލްމު ހޮލީވުޑްގައި އަލުން އުފެއްދުމަށް (ރީމޭކް ކުރުމަށް) ނިންމާފައިވާކަން ފާހަގަކުރަމުން ވިޖޭ ބުނީ، އެ ހޮލީވުޑް ރީމޭކުން ފުރުސަތެއް ލިބިއްޖެނަމަ ވަރަށް އުފަލާއެކު އެކަން ކުރާނެ ކަމަށެވެ. އަދި ހޮލީވުޑްގައި މަސައްކަތް ކުރުމަކީ އަބަދުވެސް އޭނާ ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށާއި، އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އަގަކާ ނުލައިވެސް އެކަން ކޮށްދޭން ތައްޔާރަށްހުރި ކަމަށް ވިޖޭ ވަނީ ބުނެފައެވެ.
ޗައިނާގެ ބޮކްސް އޮފީހުގައި 91.65 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި އޯޓީޓީ ޕްލެޓްފޯމްތަކުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެން، ހޮލީވުޑްގެ އޭޖެންސީއަކުން މި ފިލްމުގެ ރީމޭކް ރައިޓްސް ގަނެފައިވާކަން ޕްރޮޑިއުސަރު ސުދާން ސުންދަރަމް ވަނީ 'ދަ ޓައިމްސް އޮފް އިންޑިއާ'އަށް ކަށަވަރުކޮށްދީފައެވެ. އަދި ހޮލީވުޑްގެ އޭ-ލިސްޓް ތަރިއަކާއެކު އަންނަ އަހަރު މި ފިލްމުގެ ޝޫޓިންގް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ވިޖޭ ސޭތުޕަތީ ކުޅުނު ރޯލަށް މަޝްހޫރު އެކްޓަރު މެތިއު މެކޮނަހޭ ގެނައުމާ މެދު ވާހަކަދެކެވެމުންދާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅޭގޮތުން ސުދާން ބުނީ، އެއީ ވެސް މަޝްވަރާ ކުރެވެމުންދާ ތަރިއަކަށް ވެދާނެ ކަމަށާއި އެކަން ކަށަވަރުކޮށްދެވޭނީ ހޮލީވުޑްގެ އޭޖެންސީއަށް ކަމަށެވެ.
ނިތިލާން ސާމިނާތަން ޑައިރެކްޓްކޮށް، ފަހުން ނެޓްފްލިކްސްގައި ވެސް ސްޓްރީމް ކުރި 'މަހާރާޖާ' އަކީ ގެއްލުނު ކުނިވަށިގަނޑެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ބޯކޮށާ މީހަކު ކުރާ ދަތުރެއްގެ ތެރެއިން، ހީވެސް ނުކުރާ ފަދަ ބިރުވެރި އަދި ހިތްދަތި ޙަޤީޤަތްތަކެއް ހާމަވެގެންދާ މޮޅު ތްރިލާއެކެވެ. މި ފިލްމުގައި ބޯކޮށާ މީހާގެ ރޯލު ވިޖޭ ސޭތުޕަތީ ކުޅެފައިވާއިރު، ނުބައިބައި ރޯލުން ފެނިގެންދަނީ އަނުރާގް ކަޝްޔަޕްއެވެ.