ދިވެހީންގެ ތެރޭގައި ވަރަށް ގިނަ ހުނަރުވެރި ކުދިންތަކެއް އެބަތިބި ކަމަށާއި މިފަހަރުގެ ވަރަ އެކްސްޕޯގައި ބައިވެރިވީ، އެފަދަ ދިވެހީންނަށް ފުރުސަތުތަކެއް ހުރިކަން އެންގުމަށް ކަމަށް ސަން ސިޔާމް ރިސޯޓްސްއިން ބުނެފިއެވެ.
'އެސްއެސް ޓީވީ'ގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ސިޔާމް ވޯލްޑްގެ ރިސޯޓު މެނޭޖަރު އައުސަމް ވަސީމް (އައުސީ) ރޭ ވިދާޅުވީ، ދިވެހީންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުދިން އެބަތިބި ކަމަށެވެ. އެގޮތުން ސަން ސިޔާމް ރިސޯޓްސް އިން ވަރަ އެކްސްޕޯގައި ބައިވެރިވީ، ދުވަހެއް ދުވަހަކަށް ކުންފުނި ބޮޑުވެ، މަސައްކަތްތައް އިތުރުވަމުންދާއިރު، ސަން ސިޔާމް ރިސޯޓްސްގައި އެ ކުދިންނަށް ހުރި ފުރުސަތުތައް ދައްކުވައިދީ މައުލޫމާތު ފޯރުކޮށްދެވޭނެ ޕްލެޓްފޯމަކަށް ވާތީ ކަމަށް އައުސީ ވިދާޅުވިއެވެ.
އައުސީ ވަނީ ވަޒީފާގެ ފުރުސަތުތައް ވީހާވެސް ގިނަ ދިވެހީންނަށް ފޯރުކޮށްދިނުމަކީ ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން، އޮނަރަބަލް އަހްމަދު ސިޔާމް މުޙައްމަދު ވަރަށް ކުރީއްސުރެ ވެސް ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށެވެ.
މިއީ ކަންނޭނގެ އެންމެ ރަނގަޅަށް އަޅުގަނޑުމެންނަށް އެކަން ކުރެެވެން އޮތް ފުރުސަތަކީ ދެއްތޯ. ވަރަށް ގިނަ ބަޔަކާ ދިމާވެ، ވަރަށް ގިނަ ކުދީންނާ ދިމާވެ، އެކުދީންނަށް އެ ކުދީންގެ އިންޓްރެސްޓާ އެއްގޮތަށް އަޅުގަނޑުމެންގެ ފަރާތުން ހުރި ވަޒީފާތައް ކިޔާދީ، އެ ޕެއާކުރުން އަސްލު މި އަންނަނީ މި އެކްސްޕޯގެ ތެރެއިން،ސިޔާމް ވޯލްޑްގެ ރިސޯޓު މެނޭޖަރު އައުސަމް ވަސީމް (އައުސީ)
އައުސީ ވިދާޅުވީ މުސްތަގުބަލަށް އޮތް ޕްލޭނަކީ، މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާނެ ހަރުދަނާ ބަޔަކު ބިނާކުރުން ކަމަށެެވެ. އޭނާ ވަނީ ޒުވާން ކުދިން ވަޒީފާގެ މާހައުލަށް ތައްޔާރު ނޫން ކަމަށް ބުނާ ބުނުމަކީ އަންނަ ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ގަބޫލުކުރާ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެންމެ މުހިންމު އެއް ކަމަކީ ކުދީން ކުރިއާލައި ވަޒީފާގެ މާހައުލަށް ތައްޔާރުކުރުން ކަމަށާއި ވަޒީފާއަށް ކުދީން ފޮނުވައި އެކަމަށް އަހުލުވެރިކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އައުސީ ވަނީ ސިފަކުރައްވާފައެވެ. އަދި މިއަދު އެކަން ނުކޮށްފިނަމަ ކުރިއަށް އޮތް މުސްތަގުބަލުގައި މަސައްކަތުގައި ބޭނުންކުރާނީ ކޮން ބައެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ވަރަ އެކްސްޕޯގެ ތެރެއިން ތައާރަފުކުރާ ސަން ސިޔާމް އެކަޑަމީއާ ގުޅޭ ގޮތުން އައުސީ ވިދާޅުވީ، އެކަޑަމީގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މައިދާނަށް ކުދިން ނެރުމަށް ބޭނުންވާ ހުނަރުތަކާއި ކަންކަން ދަސްކޮށްދިނުން ކަމަށެވެ.
ސަން ސިޔާމް އެކަޑަމީ ކަމްސް އޭސް އަ ސޮލިއުޝަން ޓު ދެޓް. ސަން ސިޔާމް އެކަޑަމީއިން [ވަޒީފާގެ މައިދާނަށް] ކުދީން ތައްޔާރުކުރުން. މުސްތަގުބަލުގައި ވަޒީފާގެ މާހައުލުގައި އެ ބޭނުންވާ ސްކިލްތަކާ ކަންކަން. އެއީ އަސްލު އަޅުގަނޑުމެންގެ އެކަޑަމީގެ މައިގަނޑު ސަބަބަކީ. މިއީ ހަމައެކަނި ސަން ސިޔާމް ރިސޯޓްސްއަށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފިއުޗާއަށް އަސްލު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،ސިޔާމް ވޯލްޑްގެ ރިސޯޓު މެނޭޖަރު އައުސަމް ވަސީމް (އައުސީ)
މީގެ އިތުރުން ސަން ސިޔާމް އެކަޑަމީގައި ބައިވެރިވުމަށް ވަކި ޝަރުތެއް ނެތްކަން ވެސް އައުސީ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ވަރަ އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، ދާއިރާއަށް ބޭނުންވާ ހުނަރު ހުރި ކުދިން ހޯދައި، އެ ކުދީން ތަމްރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުން ކަމަށް އައުސީ ވަނީ ވިދާޅުވެފައެވެ.
ޒުވާނުންނަށް ޚާއްސަކޮށް އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަަށް ފަރުމާކޮށްފައިވާ މިފަހަރުގެ ވަރަ އެކްސްޕޯގައި 178 ފަރާތަކުން ބައިވެރިވެއެވެ.
މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މިވަގުތު ހުރި ވަޒީފާތަކަކީ ކޮބައިކަން އަންގައިދިނުމާއި މަތީ ތައުލީމުގެ ދާއިރާގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން އަންގައިދިނުމެވެ.
މި އެކްސްޕޯ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:30 ފެށިގެން ރޭގަނޑު 23:00 އަށެވެ.