އެމެރިކާގެ ޖިނާއީ މައުލޫމާތު ރައްކާތެރިކުރާ ގައުމީ ޑޭޓާބޭސްއަށް ސައިބާ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.
ފޮކްސް ނިއުސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެ ހަމަލާގެ މައުލޫމާތު ދާދި ފަހުން ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ބުނެ ހިންގި ތަހުގީގަށް އިޝާރާތްކުރައްވައި، މި ހަމަލާގެ ސަބަބުން ކުރިން ނޭނގޭ ކަންތައްތަކެއް އެނގިގެން ހިނގައިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަހުގީގުގެ މައުލޫމާތު އެނގޭ ދެ ފަރާތަކާ ހަވާލާދީ ސީއެންއެންއިން ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެކަރުންގެ ހަމަލާ އަމާޒުވެފައިވަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލަހައްޓާ ނެޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރ (އެންސީއައިސީ) ޑޭޓާބޭސްއަށެވެ.
އެންސީއައިސީއަކީ ހައްޔަރުކުރުމުގެ އަމުރުތަކާއި، ގެއްލިފައިވާ މީހުންނާއި، ވަގަށް ނަގާފައިވާ އުޅަނދުފަހަރާއި ހަތިޔާރުގެ އިތުރުން ކުށުގެ ރެކޯޑުތައް ބެލުމަށް އެމެރިކާގެ ފުލުހުންނާއި ތަހުގީގީ އިދާރާތަކުން ބޭނުންކުރާ މައި ނިޒާމެވެ. ނަމަވެސް އެ ޑޭޓާބޭސްއިން ސިއްރު މައުލޫމާތުތަކެއް ވަގަށް ނަގާފައިވާކަން އޮފިޝަލުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެމެރިކާއަށް އޮތް ނުރައްކާތަކާ ގުޅޭ ގޮތުން ކެޕިޓަލްގައި ބޭއްވި އަޑުއެހުމެއްގައި ޕަޓޭލްގެ ބަދަލުގައި ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ޑިރެކްޓަރު ކްރިސްޓޮފާ ރާޔާއެވެ. އެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) ގެ ސެކްރެޓަރީ މާކްވޭން މުލިންއާއި ޑިރެކްޓަރު އޮފް ނެޝަނަލް އިންޓެލިޖެންސް ޖޭ ކްލޭޓަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ދަނޑުވެރިންނަށް ފައިސާއާއި ލޯނު ދޫކުރާ ނިޒާމުތަކަށް އަމާޒުވި ވަކި ސައިބާ ހަމަލާއެއް ޔޫއެސް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ (ޔޫއެސްޑީއޭ) އިން ދަނީ ތަހުގީގުކުރަމުންނެވެ. މިއީ ފަހުގެ މަސްތަކުގައި އެފްބީއައިއަށް އަމާޒުވި ދެވަނަ ހަމަލާއަށް ވާއިރު، މިދިޔަ ސެޕްޓެންބަރު މަހު އެ އިދާރާގެ 38،000 މުވައްޒަފުންގެ މައުލޫމާތު ވަގަށް ނެގި ކަމަށް ބުނާ މައްސަލައަކާއި، މިދިޔަ މާޗް މަހު އެތެރޭގެ ނިޒާމުތަކުން ފެނުނު ޝައްކުކުރެވޭ ކަންތައްތަކެއް ވެސް އެ އިދާރާއިން ތަހުގީގުކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެމެރިކާގެ ނެޓްވޯކްތަކަށް ދިމާވި މައްސަލަތަކަކީ އާންމު މަރާމާތުގެ މަސައްކަތްތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ނެޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) އިން ބުނެފައިވާއިރު، އެފްބީއައިއާއި ޔޫއެސްޑީއޭއިން ފަހުގެ ހަމަލާތަކާ ގުޅޭ ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.