ސައިކަލު ޖެހި ސީރިއަސް އަނިޔާތަކެއްވި ފުލުސް މީހާގެ ހާލު އިޙްސާން ބައްލަވައިލައްވައިފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން، އަނިޔާވި ފުލުހުގެ ހާލު ބައްލަވަނީ --- ފޮޓޯ: ފުލުހުން

މާލޭން ހުޅުމާލެއަށް ހަލުވި ދުވެލީގައި ދުއްވައިފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހުނު ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ ހާލު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ބައްލަވައިލައްވައިފިއެވެ.

ފުލުހުން ބުނީ، ސީރިއަސް އަނިޔާތަކެއް ލިބުނު އޮފިސަރުގެ ހާލު ބެއްލެވުމަށް އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ އޮފިސަރަށް ހިތްވަރުދެއްވައިފައިވާ ކަމަށެވެ. އެ ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގަތެވެ.

އިޙްސާންގެ ޒިޔާރަތާ ގުޅޭ ގޮތުން ފުލުހުން ބުނީ، ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކި ހިތްވަރާއި ސާބިތުކަން އިޙްސާން ފާހަގަކުރައްވައިފައިވާ ކަމަށެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ވަމުންދާ ގުރުބާނީ ވެސް އޭނާ ފާހަގަކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ ފުލުސް އޮފިސަރަށާއި އާއިލާއަށް ސަރުކާރާއި ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އިޙްސާން ދެއްވި ކަމަށެވެ.

ރޭ ފަތިހު 4:30 ވަނިކޮށް ހިނގި މި ހާދިސާގައި ހައިވޭގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހި ފުލުހަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. އެ ސައިކަލު ހުއްޓުވައި، ސައިކަލުގައި ތިބި މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

https://sun.mv/229216

މި ހާދިސާއާ ގުޅިގެން ފުލުސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވަނީ އަނިޔާވި ފުލުހުގެ ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ މަގުސަދަކީ، ނުރައްކާތެރި ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ފުލުހުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ކޮމިޝަނަރުގެ ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.

comment ކޮމެންޓް