ރައީސް އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ: ބަންގްލަދޭޝްގެ ނޫސްތައް

ރައީސް މުއިއްޒު ބަންގަލަދޭޝްއަށް މި އަހަރުގެ ފެބްރުއަރީ 16 ގައި ކުރެއްވި ދަތުރުގެ ތެރެއިން ބަންގްލަދޭޝްގެ ބޮޑުވަޒީރު، ތާރިގް ރަހްމާންއާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ބަންގްލަދޭޝަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެއިލީ ޓައިމްސް އޮފް ބަންގްލަދޭޝް"ގައި ބުނެފައިވާ ގޮތުން މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ދަޢުވަތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅެކެވެ.

ތިން ދުވަހުގެ މުއްދަތަށް ރައީސް މުޢިއްޒު ބަންގްލަދޭޝަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ދެ ދުވަހުގެ ދަތުރުފުޅެއްގައި އަންނަ މަހުގެ ހަތެއްގައި ވެރިރަށް ޑާކާއަށް ވަޑައިގަތުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ވެރިންގެ މެދުގައި އޮތް ގުޅުން ވަރަށް ބަދަހިކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އޮފިޝަލް ވިދާޅުވިކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ 100،000 އަށްވުރެ ގިނަ މަސައްކަތްތެރިން ތިބުމާއެކު، އެ ގައުމުން ދެކޭގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިއާގެ ސަރަޙައްދުގައި ވަރަށް މުހިންމު ބައިވެރިއެކެވެ.

މި ދަތުރުފުޅުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްގުތައް ޙިމާޔަތްކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން ދެ ގައުމުގެ ގުޅުން ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް ވެސް ޓައިމްސް އޮފް ބަންގްލަދޭޝްގައިވެއެވެ.

އެ ރިޕޯޓުތަކާ ގުޅޭ ގޮތުން، ދިވެހި ސަރުކާރުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ.

ރައީސް މުޢިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ މި އަހަރުގެ ފެބުރުއަރީ މަހުގެ 16 އިން 18އަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ދަތުރުފުޅަކީ ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ.

comment ކޮމެންޓް