މަސްތުވާތަކެތިކަމަށް ބެލެވޭ ގާތްގަނޑަކަށް 300 ގްރާމުގެ 18 ސެލޯފިންކޮޅާއެކު 21 އަހަރުގެ ދެ ޒުވާނުން ހައްޔަރަށް

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހޯދި މަސްތުވާތަކެތި: ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުމުން ޒުވާނަކު ވަނީ، އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފައި -- ފޮޓޯ/ ފުލުހުން

ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް، ފުލުހުން ފެނުމުން ފިލަން މަސައްކަތްކުރި ދެ ޒުވާނަކު ހުއްޓުވާ ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 18 ސެލޯފިންކޮޅު ފެނުމުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. ދިއްދޫ، ނޫރާނީވިލާ އުމުރުން 21 އަހަރުގެ ޙުސައިން ޒަޔާންއާއި ގ. ސިނަމާލެ 022-13 / މާލެ، އުމުރުން 21 އަހަރުގެ މުޙައްމަދު އިޔާޒް ޢަބްދުﷲއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން ޕެޓްރޯލުކުރަމުން ދަނިކޮށް، އެ ދެ މީހުންނަށް ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 297.4 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒް ޢަބްދުﷲ ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ.

comment ކޮމެންޓް