ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ފޯރުކޮށްދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ތިން އަހަރުވުމާ ގުޅިގެން 'ސަންގު ޓީވީ'ން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ، މި ސަރުކާރަށް މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިނުވާ ކަމަށާއި އެންމެ ފުލެޓެއްގެ ބިންގާއެއް ވެސް އެޅި، އެއްވެސް މަޝްރޫއެއް އެކުލަވައިލެވިފައި ނުވާ ކަމަށެވެ.
"ޖާދުލަކުން ވެސް ތިކަމެއް ނުވާނެ އިނގޭތޯ، ސިހުރަކުން ވެސް ތިކަމެއް ނުވާނެ، ދެނެއް ތިކަން ކުރެވޭނެ ހަމަ އެއް ގޮތެއް ވެސް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޝްރޫއެއް އެކުލަވައިލަން ހަ މަސް ނަގާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފައިސާ ހޯދާނެ ގޮތާއި މަޝްރޫއުތައް ހިންގަން ބޭނުންވާ ބިންތައް ހޯދައި، "ފަސްގަނޑުގައި އުދަލި ޖައްސައިލެވޭވަރު" ވެސް ވަނީ، މަޝްރޫއުތައް އެކުލަވައިލާތާ އަހަރަކާ ގާތްވާ ފަހުންނެވެ.
ކަން އެހެން އޮތްއިރު، މިހާރު ފެންނަ މަންޒަރުން 2028ވަނަ އަހަރު އަންނަންވާއިރަށް މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ އެއްވެސް ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 7،900 ފުލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމައިފައެވެ.
ނަޝީދާއި ރައީސް މުއިއްޒު: މި ސަރުކާރަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ފޯރުކޮށްނުދެވޭނެ ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސްއެ ސްކީމަށް ޖުމުލަ 58،505 ފޯމް ހައުސިން މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. އެއީ ފުލެޓަށް އެދި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ޕަބްލިކް ހައުސިން ނުތަވަ ދައުލަތުން އަގުހެޔޮކޮށް ފޯރުކޮށްދޭ ބޯހިޔާވަހިކަމަށް އެކަނި މި އަހަރުގެ ބަޖެޓުގައި 1.08 ބިލިއަން ހިމަނާފައި އެބަ އޮތެވެ. އެކަމަކު، މިހާތަނަށް ޚަރަދުކުރީ 404.6 މިލިއަނެވެ. އެހެންކަމުން، އެ މަސައްކަތަށް ބަޖެޓު ކުރި އަދަދުގެ 59.9 ޕަސެންޓުގައި އަދި އޮތީ އަތް ނުލައެވެ.
މިދިޔަ އަހަރުގެ ބަޖެޓު ސަރުކާރުން ޚާއްސަކުރީ، ބޯހިޔާވަހިކަމަށެވެ. އެހެންވެ، ބޯހިޔާވަހިކަމަށް މިދިޔަ އަހަރުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ ކަމަށް އިއުލާނުކުރިއެވެ.
ނަމަވެސް، ދައުލަތުން މިދިޔަ އަހަރުގެ ޚަރަދުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ޕީއެސްއައިޕީ މަޝްރޫއުތަކުން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ޚާއްސަކޮށްފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ.