ޝާހިދުގެ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު -- ފޮޓޯ: ފުލުހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކުރަން ކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މި މަހުގެ ކުރީކޮޅު ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދިއުމަށްފަހު ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވާފައެވެ.

އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވީ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގައި ހައި ކޯޓުން ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާއެކު ހިނގަން ފުރުސަތު ދޭންޖެހޭ ކަމަށެވެ.

ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް