ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުނަށެވެ.
މީގެ އިތުރުން، މި މަޤާމަށް ކުރިމަތިލާ މީހަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ އައްޔަނުކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ވެގެން ނުވާނެ ކަމަށާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިޢުލާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު މަޤާމަށް ކުރިމަތިލާއިރު، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ޝައުގުވެރިވާނަމަ، 25 ނޮވެންބަރު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ ކޮމިޝަނުން އެދިފައިވެއެވެ. މީގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،000 ރުފިޔާ ލިބޭނެއެވެ.