ކެންސަލްވި ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު، މާދަމާ ހެނދުނަށް ތާވަލުކޮށްފި

އަބްދުﷲ ޝާހިދު: ކެންސަލްވި ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު، މާދަމާ ހެނދުނަށް ވަނީ ތާވަލުކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދު އަމުރު އިސްތިއުނާފު ކުރުމުގެ އަޑުއެހުން ކެންސަލްވުމަށްފަހު، މާދަމާ ހެނދުނު ބޭއްވުމަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލުކުރީ އާދިއްތަ ދުވަހު މެންދުރުފަހަށެވެ. ނަމަވެސް، ވަކި ސަބަބެއް ހާމަނުކޮށް އަޑުއެހުން ކެންސަލްކުރުމަށްފަހު، ކޯޓުން މިހާރު ވަނީ މާދަމާ ހެނދުނު މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އަލުން ތާވަލުކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތަކަކީ ޢާންމުކޮށް ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލަތަކަކަށް ވާތީ، މި މައްސަލައިގެ ތަފުޞީލެއް ހައި ކޯޓުން ހާމައެއް ނުކުރެއެވެ.

https://sun.mv/230523

ހައި ކޯޓުގެ ތާވަލުން ދައްކާ ގޮތުގައި، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާޢީލް ޝަފީޢު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާއެވެ.

މީގެ ތެރެއިން ފަނޑިޔާރު ޝަފީޢު އަދި އިސްފަނޑިޔާރު ޖަމީލަކީ މި ސަރުކާރުގައި ހައި ކޯޓުގެ ބެންޗަށް ޢައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ. އެ ނިންމުން ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވީ ބަންދުގައި ހުންނަވާތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ޙަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މި ތުހުމަތުތައް އޭނާއަށް އަމާޒުވެފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައި ވަނިކޮށެވެ.

އެ މައްސަލައާ ގުޅުވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ މަގްޞަދެއް ނެތް ކަމަށާއި، މިފަދަ ސީރިއަސް ތުހުމަތުތަކުގައި ގާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު އިޖުރާއާތުތައް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް