ޝާހުގެ ނަމުގައި ދުބާއީގައިހުރި އެޕާޓްމަންޓްތައް ވިކި ހުސްވެއްޖެ

ޝާހްރުކް ޚާން އާއި އަންހެނުން ގޯރީ ޚާންގެ އިތުރުން ޑަނޫބް ގްރޫޕްގެ ބާނީ އަދި ޗެއާމަން ރިޒްވާން ސާޖަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ދުބާއީ މެރިޓައިމް ސިޓީގައި ޑަނޫބް ޕްރޮޕަޓީސްއިން އަލަށް ތަޢާރަފުކުރި 'ޝާހްރުކްޒް ރެސިޑެންސަސް' މަޝްރޫޢު ރަސްމީކޮށް ލޯންޗުކުރި ދުވަހު، އެ އިމާރާތުގެ ހުރިހާ ޕެންޓްހައުސްތަކެއް ވިކި ހުސްވެއްޖެއެވެ. އިންޑިއާގެ ރުޕީސްއިން ޔުނިޓަކަށް ގާތްގަނޑަކަށް 50 ކްރޯޑް ޖެހޭ މި ލަގްޒަރީ ޕެންޓްހައުސްތަކަކީ ބޮލީވުޑްގެ މަޝްހޫރު ޑިޒައިނަރު އަދި ޝާހްރުކް ޚާންގެ އަނބިމީހާ ގޯރީ ޚާން ފަރުމާކޮށްފައިވާ ތަންތަނެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ދުބާއީގެ ކޮކާ-ކޯލާ އެރީނާގައި ބޭއްވި މި ކުލަގަދަ ހަފުލާގައި ބޮލީވުޑްގެ މަޤުބޫލު އެކްޓަރު ޝާހްރުކް ޚާން އާއި އަންހެނުން ގޯރީ ޚާންގެ އިތުރުން ޑަނޫބް ގްރޫޕްގެ ބާނީ އަދި ޗެއާމަން ރިޒްވާން ސާޖަން ބައިވެރިވެވަޑައިގެންނެވިއެވެ. މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު ހުށަހަޅައިދިން މި ހަފުލާގެ އެންމެ ޚާއްޞަ އެއް ކަމަކަށް ވެގެންދިޔައީ ގޯރީ ޚާންގެ ފަރުމާތަކަށް ހަދާފައިވާ ޕެންޓްހައުސްތައް ދައްކާލުމެވެ. މިއީ ޑަނޫބް ޕްރޮޕަޓީސްއިން ޝާހްރުކް ޚާންއާ ގުޅިގެން ކުރިއަށްގެންދާ ދެވަނަ މަޝްރޫޢު ކަމަށްވާއިރު، މިދިޔަ އަހަރު ލޯންޗުކުރި 'ޝާހްރުކްޒް' ކޮމާޝަލް ޓަވަރުގެ ހުރިހާ ޔުނިޓުތަކެއްވެސް ވަނީ ލޯންޗުކުރި ދުވަހު ވިކި ހުސްވެފައެވެ.

ޝާހްރުކް ޚާން އާއި އަންހެނުން ގޯރީ ޚާންގެ އިތުރުން ޑަނޫބް ގްރޫޕްގެ ބާނީ އަދި ޗެއާމަން ރިޒްވާން ސާޖަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަމާޒުކޮށްގެން ތަރައްޤީކުރާ މި މަޝްރޫޢުގައި ކަސްރަތާއި، ދުޅަހެޔޮކަމާއި، މުނިފޫހިފިލުވުމުގެ 40 އަށްވުރެ ގިނަ ޚިދުމަތްތައް ހިމެނެއެވެ. އެގޮތުން އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ ޕްރައިވެޓް ޔޮޓަކާއި، ދުބާއީގެ މޫދާއި އުސް އިމާރާތްތަކުގެ ހިތްގައިމު މަންޒަރު ފެންނަ އިންފިނިޓީ ޕޫލެއްގެ އިތުރުން، ވަށައިގެންވާ މަންޒަރުތައް ރީތިކޮށް ފެންނާނެހެން ބިއްލޫރިން ހަދާފައިވާ ޖިމެއް މި ތަނުގައި ޤާއިމުކުރެވޭނެއެވެ. ހަމައެއާއެކު، އިމާރާތުގެ އެންމެ މަތީގައި ހަދާ 'ކިންގްސް ކްލަބް' އަކީ އިޖުތިމާޢީ އެއްވުންތަކާއި މުނިފޫހިފިލުވުމަށް ޚާއްޞަ މަންޒިލަކަށް ވާއިރު، ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި، ދުވާ އަދި ބައިސްކަލު ދުއްވާ ޓްރެކްތަކާއި، ފެނުގެ ކުޅިވަރުތަކަށް ޚާއްޞަ ސަރަޙައްދުތަކުގެ އިތުރުން ކުޑަކުދިން ބަލަހައްޓާ ޑޭކެއާ ސެންޓަރެއްވެސް ހުންނާނެތީ، މިއީ ހުރިހާ އުމުރުފުރާއަކަށްވެސް ފުރިހަމަ މާޙައުލަކަށް ވެގެންދާނެއެވެ.

މި ޓަވަރުގައި ފުރިހަމައަށް ފަރުނީޗަރު ލާފައިވާ ސްޓޫޑިއޯ އެޕާޓްމަންޓްތަކާއި، އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އިތުރުން ޚާއްޞަ ޕެންޓްހައުސްތައް ހިމެނޭއިރު، މި ތަންތަނުގެ އަގުތައް ފެށެނީ 1.65 މިލިއަން ދިރުހަމުންނެވެ. ގަންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން 30:70ގެ ޕޭމަންޓް ޕްލޭނެއްގެ ދަށުން މި އެޕާޓްމަންޓްތައް ވިއްކާއިރު، އިމާރާތްކުރުމުގެ މަރުޙަލާގައި ދައްކަންޖެހެނީ އެންމެ 30 އިންސައްތައެވެ. އަދި ބާކީ 70 އިންސައްތަ ދައްކަންޖެހެނީ 2029 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މަޝްރޫޢު އެއްކޮށް ނިންމައި، ތަން ހަވާލުކުރާ ދުވަހުކަމަށް ރިޒްވާން ސާޖަން ވިދާޅުވެއެވެ.

ވިޔަފާރީގެ ދާއިރާއިން މި ހޯދި ބޮޑު ކާމިޔާބީއާއެކު ޝާހްރުކް ޚާން މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ކިންގް' ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ ޝާހްރުކް ޚާން އޭނާގެ ދަރިފުޅު ސުހާނާ ޚާންއާއެކު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމުކަމުން ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރު ކުރެއެވެ. ފިލްމު 'ކިންގް' ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 18ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މާވެލްގެ 'އެވެންޖާސް: ޑޫމްސްޑޭ' އަދި 'ޑިއުން: ޕާޓް ތްރީ'ގެ އެއް ހަފުތާ ފަހުންނެވެ.

comment ކޮމެންޓް