ފިލްމު ޑައިރެކްޓަރެއްގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނުކަން ސްވަރާ ހާމަކޮށްފި

އިންޑިއާގެ ބަތަލާ ސްވަރާ ބާސްކަރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ ބަތަލާ ސްވަރާ ބާސްކަރު، އޭނާގެ ފިލްމީ ހަޔާތުގެ ކުރީކޮޅު 2011 ވަނަ އަހަރު ފިލްމެއްގެ ޝޫޓިންގް ތެރެއިން ޑައިރެކްޓަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ހިތި ތަޖުރިބާ ފުރަތަމަ ފަހަރަށް ހިއްސާކޮށްފިއެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ޕަޗްމަރީގައި ކުރިއަށްދިޔަ އައުޓްޑޯ ޝޫޓިންގްއެއްގެ ތެރެއިން ހިނގި މި ހާދިސާގައި، ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރު އޭނާއަށް ފޯރުކޮށްދިން އެހީތެރިކަމާއި ހިމާޔަތުގެ ވާހަކަވެސް ސްވަރާ ވަނީ ކިޔައިދީފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ފްރީ ޕްރެސް ޖާނަލް'އަށް ދިން އިންޓަވިއުއެއްގައި ސްވަރާ ބުނީ، އެ ހާދިސާ ހިނގިއިރު އޭނާ ހުރީ ފިލްމީ ދާއިރާއަށް އަލަށް ނުކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުންދިޔަ ނާޒުކު މަރުހަލާއެއްގައި ކަމަށެވެ. އޭރު ފިލްމު 'ތަނޫ ވެޑްސް މަނޫ'އިން ފެނިގެންދިޔަ ޒުވާން ސްވަރާގެ އުމުރަކީ އެންމެ ވިހީގެ އަހަރުތަކުގެ ކުރީކޮޅު ކަމަށްވާއިރު، އެފަދަ ދަތި ހާލަތެއްގައި އެހީތެރިކަމަށް އެދޭނެ އަމިއްލަ ޓީމެއް ނުވަތަ ދާއިރާގެ ގާތް ބަޔަކު ނެތުމުން އޭނާ ހުރީ ވަރަށް ބޮޑަށް އެކަނިވެރިވެފައިކަން ސްވަރާ ފާހަގަކުރިއެވެ.

ސްވަރާ، ފިރިމީހާ ފަހަދް އަހްމަދާއެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެ ދުވަސްވަރު ޑައިރެކްޓަރުގެ ފަރާތުން ފެންނަމުންދިޔަ ނޭދެވޭ އަމަލުތަކަކީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައެއްކަން އޭރު ދެނެގަންނަން ނޭނގުނު ކަމަށް ސްވަރާ ބުންޏެވެ. ޖިސްމާނީ ގޮތުން ގަޔަށް އަތްލުން ފަދަ ކަމެއް ހިނގާފައި ނުވާތީ، އެއީ ފުރައްސާރައެއްގެ ގޮތުގައި އޭރު ވިސްނިފައި ނެތް ނަމަވެސް، އަހަރުތަކެއް ފަހުން ދުނިޔޭގައި ފެށުނު 'މީޓޫ' ހަރަކާތާއެކު އެ ވިސްނުން ބަދަލުވެގެންދިޔައެވެ. އެ ހަރަކާތުގެ ތެރެއިން އެހެން އަންހެނުން ހިއްސާކުރި ތަޖުރިބާތައް ކިޔުމުން، އޭނާއަށްވެސް ކުރިމަތިވީ ސީދާ ޖިންސީ ފުރައްސާރައިގެ އަމަލެއްކަން ކަށަވަރުވި ކަމަށް ސްވަރާ ކިޔައިދިނެވެ.

ޖުމްލަ 56 ދުވަހުގެ ޝެޑިއުލަކަށް ރޭވިފައި އޮތް އެ ފިލްމުގެ ޝޫޓިންގް ފެށުނުތާ ފުރަތަމަ ދެތިން ދުވަހުގެ ތެރޭގައި ޑައިރެކްޓަރުގެ ފުރައްސާރަ ފެށުނު ނަމަވެސް، ޕްރޮޖެކްޓް ދޫކޮށްލުމަކީ އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގެ އުންމީދުގައި ހުރި ޒުވާނެއްގެ ހައިސިއްޔަތުން މަސައްކަތް ގެއްލުވާލަން ބޭނުން ނުވިކަން ފާހަގަކުރަމުން އޭނާ ބުނީ، ގިނަ ފަހަރަށް އަންހެނުންނަށް މިފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލަން ނުވަތަ ވަޒީފާ ދޫކޮށްލަން އުނދަގޫވަނީ އެމީހުންގެ ކެރިއަރާއި ކުރިމަގުގެ އުންމީދުތައް އެކަމާ ގުޅިފައި އޮންނާތީ ކަމަށެވެ.

މި އުނދަގޫ ހާލަތުން އަރައިގަތުމަށްޓަކައި ސްވަރާ އެންމެ ފަހުން ނިންމީ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރާ ވާހަކަދައްކައި، ހިނގަމުންދާ ކަންކަން އޭނާގެ ސަމާލުކަމަށް ގެނައުމަށެވެ. އެ ޕްރޮޑިއުސަރު ސްވަރާގެ ދިފާއުގައި ތެދުވެ، ޝޫޓިންގްގެ ބާކީ އޮތް ބައި އޭނާއަށް ފަސޭހަކޮށްދިންކަން ފާހަގަކުރަމުން، އެ ދުވަހު އޭނާއަށް ހިމާޔަތް ދިން އެ ޕްރޮޑިއުސަރު ފަހުން ގާތް އެކުވެރިއަކަށް ބަދަލުވެ، މިއަދާ ހަމައަށްވެސް ސްވަރާގެ މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަކަން އޭނާ ހާމަކުރިއެވެ.

މި ހިތި ތަޖުރިބާގެ އަލީގައި، މަސައްކަތުގެ މާހައުލަށް އަލަށް ނުކުންނަ ޒުވާން އަންހެން ކުދިންނަށް ސްވަރާ ދިން މެސެޖަކީ އަމިއްލަ އިމާއި ހައްދުތައް ދެނެގަތުމުގެ މުހިންމުކަމެވެ. އެފަދަ ނޭދެވޭ ކަމެއް ކުރިމަތިވެއްޖެނަމަ، އެހެން މީހުންނާ ވާހަކަދައްކައި، އެހީތެރިކަން ހޯދައި، ޖެހިލުމެއްނެތި ވަގުތުން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސްވަރާ ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް