ވާހަކަ ލިޔުންތެރިޔާ ޟުހާ އަހުމަދުގެ "ތުއްތު ފަހުލަވާނުން" މިއަދު ނެރެފިއެވެ.
ހަވީރު އޮތް ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ، ދުވަސް ނުފުރާ ވިހާ، މަހެއް ނުވާ ކުދިންނަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު މުޙައްމަދު ފައިސަލެވެ.
މި ފޮތުގައި ވަނީ، ދުވަސް ނުފުރާ ކުދިންގެ މައިންބަފައިންނާއި އެ ކުރާ ތަޖުރިބާގެ ވާހަކަތައް ތަފުސީލުކޮށް ކިޔައިދީފައެވެ.
އެ ރަސްމިއްޔާތުގައި މި ފޮތުގެ މުސައްނިފު ޟުހާ ބުނި ގޮތުގައި، މިއީ އޭނާގެ އަމިއްލަ ތަޖުރިބާއާއި ދުވަސް ނުފުރާ ކުދިންގެ މައިންބަފައިންގެ އިތުރު ތަޖުރިބާތަކާއި އެ ކުދިންނާ ގުޅޭ މައުލޫމާތުތައް ލިބޭނެ ފޮތެކެވެ. އެ ވޭނާއި ކެކުޅުންތަކާއި އާ މައުލޫމާތުތައް ފޯރުކޮށްދިނުމަކީ މި ފޮތް ނެރުމުގެ މަގުސަދުކަން ޟުހާ ފާހަގަކުރިއެވެ.
ޟުހާގެ 'ތުއްތު ފަހުލަވާނުން' ފޮތް ނެރެމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާންޑރ. ފައިސަލް ކިޔައިދެއްވި ގޮތުގައި، މި ފޮތަކީ ނުވަސް ނުފުރުާ ވިހާ ކުދިންގެ ގިނަ މައުލޫމާތުތަކެއް ލިބޭނެ އިލްމީ ފޮތެކެވެ. އެ ފޮތް ނެރުމުގައި ބައިވެރިވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި، ފައިސަލް ސިފަކުރެއްވިއެވެ.
މީގެއިތުރުން، ދުވަސް ނުފުރާ ވިހާ ކުދިންގެ މައިންބަފައިންނާއި އާއިލާތަކުން ތަަހަންމަލުކުރާ ކަންކަމަށް ފައިސަލް އަލިއަޅުވާލެއްވިއެވެ.
ސަތޭކަ އަށާވީސް ސަފުހާގެ މި ފޮތުގެ ޕްރީ އޯޑަރަކަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.
ޟުހާއަކީ، ކުޑައިރުއްސުރެ ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށްވާއިރު، މިއީ އޭނާގެ ފަސް ވަނަ ފޮތެވެ. މިހާތަނަށް އޭނާ ނެރުނު 'ރާގީ'، 'ދަރިފަސްކޮޅު' ފަދަ ވާހަކަތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ވާހަކަތަކެކެވެ.