"އެ ކީއްކުރަން ބައްޕަ ބަލާ އެއްޗެއް؟"
ނަހާގެ ގާތަށް އައީ ރުޅިއެވެ. އޭނާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އޭރު ކަރުނަތައް އަނެއްކާ ވެސް ރޮނގުދެމިގެން ތިރިއަށް ހިނގައްޖެއެވެ.
"ނަހާ..."މީހަކަށް އަޑު އިވުނުތޯ ޔަޤީންކުރުމުގެ ގޮތުން ކަމްރާންއަށް ވަށައިގެން ބަލައި ވެސް ލެވުނެވެ. އޭނާއަށް ނާޒްލީ އައިސީޔޫއަށް ގެނައިކަން އެނގުނީ، ވާރޑަށް ދިޔަ އިރު ނާޒްލީ ނެތުމުން އެތަނުގައި ތިބި ނަރުސްކުރިންނާ ސުވާލުކުރުމުންނެވެ.
"ކިހިނެއްވީ؟ ބައްޕަ މިތަނަށް ނައި ނަމަވެސް އަހަންނަށް ވަރިހަމަ. މަންމަ އެ ޙާލުގައި އޮތް އިރު ބައްޕައަށް މަންމައަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްނުލެވުނު. އަހަރެން ބައްޕައަށް ނުގުޅަންތަ؟ މަންމަ އެހާވަރަށް އާދޭސްކުރީމަ އަހަރެން ގުޅީ. އެކަމަކު ވެސް ބައްޕައަށް ބައްޕަގެ ބިޒްނަސް މީޓިން ނިންމާލާފައި އާދެވުނިއްޔާތާ! ހެވެއްނު މަންމަ ކޮންމެ ޙާލެއްގައި އޮތަސް. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް." ނަހާއަށް ބުނެވުނެވެ. ކަމްރާންއަށް ފުރަތަމަ ފަހަރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ނަހާއަށް ބަލަހައްޓައިގެން ހުރެވުނު އިރު އެ ދަރިފުޅުގެ ކޮންމެ ލަފުޒެއްގައިވި ވޭން އިޙްސާސްކުރެވެމުން ދިޔައެވެ. ކަމްރާން އެއްޗެއް ނުބުނުމުން ނަހާއަށް އިތުރަށް ވާހަކަ ދައްކަން ހިތްވަރު ލިބިގެން ދިޔައެވެ. މިރޭ ނަހަ ބޭނުންވަނީ މި ހުރިހައި ދުވަހެއް ވަންދެން އޭނާގެ ހިތުތެރޭގައި ފޮރުވައިފައި ހުރި ޝަކުވާތައް ކަމްރާންގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ.
"މަންމަ ބައްޕައަށް ބޭނުންވާނެކަމެއް ނޭނގޭތަ؟ ބައްޕަގެ އޯގާތެރިކަން ބޭނުންވާނެކަން ނުވިސްނޭތަ؟ އަހަންނަކީ މަންމަގެ ދަރި. ތީ މަންމަގެ ފިރިމީހާ. އަހަރެން މިތާ ހުއްޓޭ ކިޔާފަ ބައްޕަ މަންމަ ދޫކޮށްލާފަ ގޮސް އަބަދު ތިހެން އުޅުނީމަ މަންމައަށް ކުރާނެ އަސަރެއް ނޭނގޭތަ؟ މަންމަ އެއްޗެއް ނުބުންޏަސް ކޮންމެ ފަހަރަކު މަންމަގެ ލޮލުން އަންނަ ކަރުނަތައް ފުހެދެނީ އަހަންނޭ. އެ ކަރުނަތަކުން ބުނާ ވާހަކަތައް އަހަންނަށް އިޙްސާސްވެޔޭ. ބައްޕަ އަންނާނެ އިރަކަށް މަންމަ ހާދަ އިންތިޒާރެއް ކުރެޔޭ." ނަހާގެ އަޑު ކުރެހުމާ އެކު އޭނާއަށް ވާހަކަ މެދުކަނޑައިލެވުނެވެ. އޭނާ ކަރުނަތައް ފުހެމުން ދިޔަ ނަމަވެސް، ތާޒާ ކަރުނައިން ކޯތާފަތް އަނެއްކާ ވެސް ތެންމައިލައެވެ.
"މަންމަ އޮތީ ވެންޓިލޭޓަރުގައި. މިތަނަށް ގެނައި މަގުމަތީ ވެސް ބައްޕައަށް ގުޅިން. އެންމެ ފުރަތަމަ ފަހަރު ފޯނު ކަނޑާލާފައި ދެން ނިއްވާލީ... އެއީ ކީއްވެތަ؟ އަހަރެމެންނާ ހެދި ބައްޕައަށް ހަމަ އެހާ އުނދަގޫވަނީތަ؟ ބައްޕަ ބުނެބަލަ! މި ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އަހަންނާ މަންމައަށް ކިހާ ވަގުތެއް ބައްޕައަށް ހުސްކުރެވުނުތޯ؟ ކިތަށް ދުވަހު އަހަރެމެންނާ އެކު ކެއުމެއްގަ ބައިވެރިވެވުނުތޯ. މަންމަ އަބަދު ވެސް ހުންނަނީ އެކަނިވެރިވެފަ. ހަމަޖެހިލައިގެން މަންމައާ ވާހަކަ ދައްކައިލަން ވެސް ބައްޕައަށް ވަގުތެއް ނުވި." ނަހާ ބުނެލިއެވެ. އެ ވާހަކަތަކުން ކަމްރާންއަށް އަސަރުކުރިކަން އެ މޫނުމަތީގައިވި އަސަރުތައް ހެކިދިނެވެ. އެހެންނަމަވެސް، ދެން ނަހާ ބުނެލި ޖުމްލައިން އޭނާއަށް ސިހުން ލިބި އެ އަސަރުތައް އެއަށް ވުރެ ބޮޑަށް އެމޫނުމަތިން ފާޅުވި އިރު ކުށްވެރި އިޙްސާސްތަކެއްގެ އަސަރު ވެސް ފެނުނެވެ. އޭނާއަށް އެންމެ އަސަރުކުރީ ނަހާ ދެން ބުނި ބަހުންނެވެ.
"މަންމައާ އަލުން ވާހަކަ ދައްކައިލަން ފުރުޞަތު ނުލިބި މަންމަ ދުނިޔެ ދޫކޮށްފިނަމަ އަހަރެން ދުވަހަކު ވެސް ބައްޕައަކަށް މާފެއް ނުކުރާނަން! ދުވަހަކު ވެސް!" ނަހާއަށް ބުނެވުނެވެ. "އެ ދުވަހަކުން ބައްޕައަކަށް ވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ."
ކަމްރާންގެ ހިތަށް ހަމަ ގައިމުވެސް އެ ލަފުޒުތަކުން ގުޑުން އަރައިގެން ދިޔަކަން އެނގުނެވެ. އޭނާއަށް ނަހާއާ ދުރަށް ފިޔަވަޅެއް އަޅައިލެވުނެވެ. ނަހާ އޭނާގެ ކަރުނަތައް ފުހެލާފައި ކަމްރާންއާ ނަޒަރު ވަކިކޮށްލިއެވެ.
*****
"މަންމަ..." ނަހާގެ ދެ ތުންފަތް ފޫއަޅުވާލާފައި އެ ލަފުޒު ނުކުތް އިރު އޭނާ ވެސް ގިސްލެވެނީއެވެ. އެ ވޭނަށް ކެތްނުކުރެވުނު ފަދައަކުން ސޯފާގައި ކުރުގެޅިލެވުނެވެ. އެ ހަނދާންތަކުން އޭނާއަށް އަދި ވެސް ހަމަ އެހާ ވޭންދެއެވެ. އޭނާގެ މަންމަ އޭނާގެ ގާތުގައި ހުންނާނެނަމައޭ އަދި ވެސް ހިތަށް އަރައެވެ. މިއަދު ކަމްރާން އެ ހުރިހާ ކަމެއް ރަނގަޅުކުރަން މަސައްކަތް ކުރި ނަމަވެސް، އެ ހިތި ހަނދާންތައް މަތިން ހަނދާންނައްތައިލެވުމަކީ އޭނާއަށް ދުވަހަކު ވެސް ކުރެވޭނެކަމެއް ނޫނެވެ. އެ ދުވަހު އޭނާއާއި މަންމައަށް އެކަނިވެރިކަން އިޙްސާސްވީ ވަރާ ގާތަށް ވެސް ބައްޕައަށް އެކަނިވެރިކަން އިޙްސާސެއް ނުވާނެއެވެ. ސަބަބަކީ ބައްޕަ މިއަދު ވެސް ގިނަ ވަގުތު ހޭދަކުރަނީ ވިޔަފާރީގެ ތެރޭގައިކަމަށް ވާތީއެވެ.
*****
ޒަރޫންއާއި ނަހާގެ ދެމެދުގައި އޮތް އެކުވެރިކަން ދުވަހެއް ދުވަހެއް ދިޔައީ ކުރިފަޅާ ފޯދެމުންނެވެ. ޒަރޫންގެ އެދުމަށް ނަހާ އިޖާބަދިނެވެ. ނަހާ ބޭނުންވާ ވަގުތުގައި އޭނާ ނަހާ ކެފޭއަށް ގެންގޮސް ގެނެސްދޭނެކަމުގައި ޒަރޫން ބުންޏެވެ. ޙަޤީޤަތުގައި ނަހާއާ އެކުގައި ވަގުތު ހޭދަކުރަން ޒަރޫން ބޭނުންވާންފެށީއެވެ. ނަހާ ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭތީއެވެ. އުފާވާތީއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ނަހާ ގޮވައިގެން ޒަރޫން ކެފޭއަށް ދެއެވެ. ހަވީރު ގެއަށް ލައިދޭން ދެއެވެ. ރޭގަނޑު ކެފޭ ބަންދުކުރާ ގަޑިއަށް ނަހާ ގޮވައިގެން ކެފޭއަށް ގޮސް ނިމުމުން އަނެއްކާ އަނބުރާ ގެއަށް ލައިދޭން ދެއެވެ.
އެއީ ވެސް އެ ފަދަ ދުވަހެކެވެ. ހަވީރު ގެއަށް ދާން ގުޅުމުން ޒަރޫން ނަހާ ބަލާ އައެވެ. އޭނާ ގޮސް ސައިކަލަށް އެރުމުން ޒަރޫން ވާހަކަ ދެއްކިއެވެ. ނަހާއަށް ހަމަޖެހިލެވުނުތޯ ޔަޤީންކުރަން އޭނާ ބޭނުންވީއެވެ.
"އޯކޭތަ؟" ޒަރޫން އަހައިލިއެވެ.
"ހޫމް. އޯކޭ..." ނަހާ ބުނެލިއެވެ. ޒަރޫން ސައިކަލު ދުއްވައިލިއެވެ.
"އަހަންނާ ހެދި ޒަރޫންއަށް ވަރަށް އުނދަގޫވޭ ދޯ!" ނަހާ ސުވާލުކޮށްލިއެވެ.
"ނޫނޭ. އަހަރެން ބުނަމެއްނު ނުވެޔޭ..." އެއީ ނަހާ އަބަދު ވެސް ކުރާ ސުވާލެއްކަމުން، ޒަރޫން ވެސް އޭނާ އަބަދު ދޭ ޖަވާބު މި ފަހަރު ވެސް ނަހާއަށް ދިނެވެ. "ސީރިއަސްކޮށް ނުވެޔޭ. ދެން ނަހާއަށް ތިހެން ހީވަންޏާ އަހަންނަށް އޯކޭ ޓެކްސީގައި ދުވާލަކު ހަތަރު ދަތުރު ކުރިޔަސް."
ޒަރޫން ސަމާސާގޮތަކަށް ބުނެލިއެވެ. އެއީ އާދައެވެ. ކުދިކުދި ކަންތައްތަކުން އޭނާ އަދި ވެސް ނަހާ ހެއްވާލާނެއެވެ. ނަހާއަށް ވެސް ޒަރޫންގެ އެ ސިފަ ކަމުދެއެވެ. އޭނާ ހާސްވެ ނުތަނަވަސްވެފައި ހުންނަ ވަގުތުތަކުގައި ޒަރޫން ކުރާ ކުދިކުދި ސަމާސާތަކުން އެ ނުތަނަވަސްކަން ދުރުވެއެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބެއެވެ.
"ކޮބާ އަހަރެންގެ ސައިކަލު؟ ބުނީމެއްނު ގަރާޖަށް ގެންދިޔަ ވާހަކަ ހަދަން؟" ނަހާ އަހައިލިއެވެ.
"ހުންނާނެ ނިންމާލާފަ. ގެ ކައިރިއަށް ގެންގޮސް ދޭންވީތަ؟" ޒަރޫން ސުވާލުކޮށްލިއެވެ. "ގެންދިޔަޔަސް އަވީގައެއްނު އަބަދު ހުންނާނީ. އެހެންވެ ހިތަށް އެރީ ގަރާޖުގަ ބަހައްޓާނީ އޭ." ޒަރޫން ބުނެލިއެވެ.
"އޭރުން ޒަރޫންއަށް އުނދަގޫ ނުވާނެތަ؟" ނަހާ ސުވާލުލޮށްލިއެވެ.
"ނުވާނެ!" އަވަސް އަވަހަށް ޒަރޫން ބުނެލިއެވެ.
"ފަހުން ފުލުހުން ޚަބަރެއްވިތަ؟" ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށް ފަހު ޒަރޫން ސުވާލުކޮށްލިއެވެ.
"އަދި ނުބުނެވޭދޯ ޒަރޫން ކައިރީގައެއް," ނަހާ ބުނެލިއެވެ. "ބުނި އެ މީހާ ބިރުން ފިލީއޯ."
"ކީއްކުރާނީ. ބަލާ ނުލާ ދުއްވާ މީހުންގެ ސަބަބުން އަހަރެމެން ކަހަލަ ގަވައިދަށް ދުއްވާ މީހުންނަށް ހުރިހާ ދެރައެއް." ޒަރޫން ބުނެލިއެވެ. ގެއާ ހިސާބަށް ނުދެވި އުޅެނިކޮށް ނަހާގެ ފޯނު ރިންގުވިއެވެ. އޭނާ ދަބަސް ތެރެއިން ފޯނު ނަގާފައި ބަލައިލިއެވެ. ގުޅަނީ ޔޫލިއާ އެވެ.
"ޔޫލީ އެ ގުޅަނީ." ނަހާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
"ކޮބާ ނާ! އަހަރެން މިހުރީ ތިގޭ ތިރީގަ. ބެލްއަޅައަޅާ ދޮރެއް ނުހުޅުވި." ޔޫލިއާ ޝަކުވާކޮށްލިއެވެ.
"މިހާރު މި ގާތްކުރީ. ވެއިޓް." ނަހާ ފޯނު ކަނޑައިލުމަށް ފަހު، އޭނާގެ އިންތިޒާރުގައި ޔޫލިއާ ގޭގެ ތިރީގައި ހުރި ވާހަކަ ޒަރޫންގެ ކައިރީގައި ބުނެލިއެވެ. ޒަރޫން ސައިކަލުގެ ސްޕީޑު ކުޑަކޮށް ބާރުކޮށްލިއެވެ. އެމީހުންނަށް އެހިސާބަށް އާދެވުނު އިރު ޔޫލިއާ ގޭގެ ދޮރުކައިރީގައި، ނަހާއަށް މަޑުކޮށްލައިގެން ފޯނާ ކުޅެން ހުއްޓެވެ. ނަހާ ފެނުމުން އޭނާގެ ގާތަށް ހިނި އަންނަގޮތްވިއެވެ. ލާނެތްކަން އެކުލެވޭ ގޮތަކަށް މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު، ކަންފަތް ދޮށަށް ލައްވައިލިއެވެ. ނަހާ ލޯ އަޅައިލިއެވެ. އެ މަންޒަރު ޒަރޫންއަށް ފެންނާނެކަން ގައިމެވެ. އޭނާ ސައިކަލުން ފޭބުމަށް ފަހު ޒަރޫންއަށް ޝުކުރު އަދާކުރުމުން ޒަރޫން ވެސް ލަސްނުކޮށް ސައިކަލު ދުއްވާލައިފިއެވެ. ނަހާ ފަސް ދިން ފަހުން ޒަރޫންއަށް ހީނލެވުނެވެ.
ނަހާ ގޮސް ޔޫލިއާގެ ކޮނޑުމަތީގައި ބޮނޑިއެއް އެޅިއެވެ.
"މޮޔަވީތަ؟ އޭނައަށް ވެސް ފެނުނޭ." ނަހާ ބުނެލިއެވެ.
"ކޮބާ މައްސަލައަކީ؟ ޔޫ ގާއިޒް އާ މޯރ ދޭން ފްރެންޑްސް ކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެ މިހާރު." ޔޫލިއާ ނަހާއާ ދިމާކުރަން ފެށިއެވެ.
"ވީ އާރ ޖަސްޓް ފްރެންޑްސް އޯކޭ... ޖަސްޓް... ރިއަލީ ކްލޯޒް ފްރެންޑްސް..." ފުރަތަމަ ޖުމްލަ ފެށީ ވަރަށް ޖޯޝުގައި ނިކަން ބާރަށް ނަމަވެސް، ވަކި ހިސާބަކުން ނަހާގެ އަޑު ކުޑަކޮށް މަޑުވެލިއެވެ. ހީވީ އޭނާގެ ނަފްސަށް އެކަން ޤަބޫލުކުރަން އުނދަގޫވިހެންނެވެ.
"ހިނގާ އެތެރެއަށް." ކީ ކާޑު ނަގާ ދޮރު ހުޅުވައިލަމުން ނަހާ އެތެރެއަށް ވަނެވެ.
"ސީރިއަސްލީ؟ ފްރެންޑްސް އޭ ބުނީމަ ދެން އަހަރެން ވީ ޤަބޫލުކުރަން. ނަހާ އޭނަ ދެކެ އަސްލުވެސް ލައިކެއް ނުވޭތަ؟" ލިފްޓުގެ ބަޓަނަށް ފިއްތައިލަމުން ޔޫލިއާ އަހައިލިއެވެ.
"ކިހިނެއްވީ؟ ހީ އިޒް އަ...." ނަހާގެ ޖުމްލަ ފުރިހަމަކުރަން ޔޫލިއާ ފުރުޞަތެއް ނުދިނެވެ.
"އެނގޭ ތިހެންކަން ބުނާނީ. ހީ އިޒް ޖަސްޓް އަ ފްރެންޑް ރައިޓް. ފައިން! ނަހާގެ ސައިޑުން އެނޫން ގޮތަކަށް ނުދެކެނީ އޯ. އެކަމަކު އޭނަގެ ސައިޑުން އޭނަ ދެކެނީ ހަމައެކަނި އެހެންތަ؟ އައި މީން. އޭނަ ނަހާ ގެއިން ކެފޭއަށް ގެންގޮސްދީ ގެނެސްދީ.... ހަމަ އެކަނި ފްރެންޑްސް ވީމަ؟" ޔޫލިއާ ބުނެލިއެވެ. ލިފްޓު އައުމާ އެކު ދެ އެކުވެރިން ލިފްޓަށް އަރައިގެން މައްޗަށް ދިޔައެވެ.
ނަހާއަށް ހިމޭންކަން އިޚްތިޔާރުކުރެވުނެވެ. ޔޫލިއާ ބުނި ވާހަކަތަކާ މެދު އޭނާއަށް ވިސްނައިލެވުނެވެ. ޒަރޫންއާ މެދު އޭނާއަށް ދެކެވެނީ ކިހިނެއްހެއްޔެވެ؟ ހަމައެކަނި އެކުވެރިއެއްގެ ނަޒަރުން ހެއްޔެވެ؟ ނޫނީ އެއަށް ވުރެ ގާތްކޮށްހެއްޔެވެ؟ ޒަރޫން އޭނާއާ ދެމެދު ދެކެނީ ކިހިނަކުން ހެއްޔެވެ؟ ޔޫލިއާގެ ސަބަބުން ފުރަތަމަ ފަހަރަށް މީގެ ކުރިން ނުވިސްނޭ ދަރަޖައަށް ނަހާއަށް ވިސްނައިލެވުނެވެ. އެހެންނަމަވެސް، އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ.
*****
އަޔާދު އޮފީހުން ގެއަށް އައި އިރު ސަކީނާ ޓީވީ ބަލަން އިނެވެ. އަޔާދު ފެނުމުން އޭނާ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ތަސާމާއާ އެއްކޮޅަށް އަޔާދު ވާހަކަ ދައްކާތީ ސަކީނާ ހުންނަނީ މިހާރަކަށް އައިސް އަޔާދު ދެކެ ރުޅި އައިސްފައެވެ.
"މަންމާ..." މަންމަ ރުޅި އައިސް ހުރި ނަމަވެސް، ދަރިއެއްގެ ޒިންމާ އަދާކުރުމުގައި އަޔާދު ފަހަތަކަށް ނުޖެހޭނެއެވެ. އޭނާ މަންމައަށް ވެސް ދޭންވާ އިޙްތިރާމާއި ޤަދަރުދޭނެއެވެ. އެ މަންމަގެ ޢިއްޒަތަށް އުނިކަން އަންނަފަދަ ގޮތަކަށް އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ. އެއީ އޭނާގެ މިޒާޖެވެ. އެހެނެއްކަމަކު، އޭނާގެ އަނބިމީހާގެ ޙައްޤުތައް ގެއްލޭގޮތަށް މަންމަ ކަންތައްކުރަންޏާ އެކަމަށް ރުހިގެނެއް ވެސް އޭނާއަކަށް ނުހުރެވޭނެއެވެ. މަންމަގެ ހައްޤުތަކަށް ރައްކާތެރިވާ ފަދައިން ފިރިއެއްގެ ވާޖިބު ވެސް އޭނާ އަދާކުރާނެއެވެ. އަނބިމީހާ ދިފާޢުކުރަން ޖެހޭ ކޮންމެ ވަގުތަކު އެކަން އޭނާ ކުރާނެއެވެ. އެކަން މަންމައަށް ވެސް އެނގޭއެވެ.
އަޔާދު ގޮސް ކޮޓަރިއަށް ވަނެވެ. ތަސާމާ ހުރީ ބެލްކަނީގައެވެ. އަޔާދު ފެނުމުން އޭނާ އައިސް އަޔާދުގެ އޮފީސް ދަބަސް އަތުލިއެވެ. އެ އޮންނަތަނުގައި ބާއްވާފައި އައިސް އަޔާދުގެ ޓައީ ދޫކޮށްލުމަށްފަހު ނައްޓައިލަދިނެވެ. އަދި އަޔާދުގެ ގަމީހުގެ ގޮށްތައް ނައްޓަން އެހީތެރިވާން ފެށިއެވެ.
"މިއަދު ހާދަ ހެޕީވެފަ ހުރި ދުވަހެކޭ..." އެހެން ދުވަސްދުވަހާ ޚިލާފަށް ތަސާމާގެ މޫނުމަތިން އުޖާލާކަމެއް ފެންނަމުންދިޔައީތީ އަޔާދަށް ސުވާލުކޮށްލެވުނެވެ. އޭނާ ތަސާމާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން އޭނާއާ ގާތަށް ތަސާމާ ދަމައިލިއެވެ. ތަސާމާގެ ތުންފަތަށް ލޯބިވެތި ހަދިޔާއެއް ދިނެވެ. އަޔާދުގެ އެ އަމަލުގައި ތަސާމާއަށް ވެސް ބައިވެރިވެވުނެވެ. އޭނާއަށް ވެސް އިތުރަށް އަޔާދުއާ ގާތްވެވުނެވެ. ލޯބިވާ ފިރިމީހާގެ ފިރުމުންތަކަށް ފެންބޮވައިގަނެފައިވާ ހާލުގައެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ތަސާމާ އަޔާދު ދުރުކޮށްލިއެވެ. އަޔާދު ތަސާމާ އިތުރަށް ގާތްކޮށްލަން އުޅުނު ނަމަވެސް ތަސާމާ އަޔާދުގެ މޭގައި އަތް ޖައްސައިލީއެވެ.
"ވެއިޓް." ތަސާމާ ބުނެލިއެވެ. އޭނާ ގޮސް ކައިރިވީ އެނދުގެ ސައިޑްކަބަޑާއެވެ. ގުދުވެލާފައި އޭގެ ވަތްގަނޑު ހުޅުވައިލިއެވެ. ތަސާމާ އޭގެ ތެރެއިން ނެގީ ސިޓީ އުރައެކެވެ. އޭނާ އެ ހިފައިގެން އައިސް އަޔާދުއަށް ދިއްކޮށްލިއެވެ. އަޔާދު ތަސާމާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ތަސާމާ އެދުނީ ސިޓީ އުރަ ހުޅުވައިލުމަށެވެ.
"ސަޕްރައިޒެއްތަ؟" އެހެން ބުނެލާފައި އަޔާދު ސިޓީ އުރަ ހުޅުވައިލާފައި އޭގެ އެތެރޭގައި އޮތް ކަރުދާސްގަނޑު ނެގިއެވެ. އެއީ ތަސާމާގެ މެޑިކަލް ރިޕޯޓެކެވެ. އޭނާއަށް އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިލެވުމާ އެކު، ތަސާމާއަށް ބަލައިލެވުނެވެ.
(ނުނިމޭ)