"އިންސާނާ ދުނިޔޭގައި އުޅޭ ކުރު މުއްދަތުގައި ނުޙައްޤުން މުދަލާއި ފައިސާ ހޯދައި ޚިޔާނާތްތެރިވުމަކީ ދުނިޔެއާއި އާޚިރަތުގެ ގެއްލުން ލިބިގެންދާ ކަމެކެވެ.ކޮރަޕްޝަނަކީ ހަމައެކަނި ޤާނޫނީ ކުށެއް ނޫނެވެ. އެއީ ﷲ ގެ ހަޟުރަތުގައި އިންތިހާއަށް ބޮޑުވެގެންވާ ފާފައެކެވެ. އެހެންމީހެއްގެ ޙައްޤަކަށް އަރައިގަތުމާއި ލިބިފައިވާ މަޤާމުގެ ނުފުޒު ނަހަމަގޮތުގައި ބޭނުންކޮށްގެން މުދާ ހޯދުމަކީ މުޅި މުޖުތަމަޢު ހަލާކުކޮށްލާ ކަމެކެވެ.ހަނދާންކުރަންވީ މުހިންމު ކަމަކީ މިދުނިޔޭގައި ވައްކަމާއި ޚިޔާނާތުން ފައިސާ އެއްކުރެވުނު ނަމަވެސް ޤިޔާމަތް ދުވަހުން ﷲ ގެ ޢަދުލުވަންތަކަމުގެ ކުރިމަތީގައި އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވޭނެއެވެ.އަޅުގަނޑުމެންގެ ﷲއަށް ބިރުވެތިވެ ހަލާލު ރިޒްގުން ފުދި ޚިޔާނާތްތެރިކަމުން ދުރުވެ ތިބެމާ ހިނގާށެވެ.
***
"އާނ....ކެތުރިން..." ޖޯންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. "އަހަރެން މަރެއް ނުވޭ... ފިލައިގެން އުޅުމަށްފަހު މިއަދު އަހަރެން މިއައީ ކެތްރީން.......އަދި އަހަރެމެންގެ ދަރިފުޅު ޒާއިމް ހޯދަން ދިގު ދަތުރެއްކޮށްފައި...."
ޒާއިމްވެސް ކުއްލިއަކަށް ތެދުވެވަޑައިގެން އެ މީހާއަށް ބައްލަވާލެއްވުމާއެކު ހިތްޕުޅުގެ ހިންގުން އަވަސްވެގެންދިޔައެވެ.
ޖޯން ބޮލުގައި އަޅާފައި އޮތް ތޮފި ނަގާލިއެވެ. އެއާއެކު ނަޒަރު ސީދާވެގެންދިޔައީ ކުރިމަތީގައި ހުރި ޒާއިމްގެ މޫނުފުޅަށެވެ.
"މީ... މީ އަހަރެމެންގެ ދަރިފުޅު ޒާއިމް....." ޖޯންގެ ލޯ ކަރުނުން ތެމުނެވެ. އަދި ދަރިކަލުން ގެނެސް މޭގައި ޖެއްސިގޮތަށް މަޑުމަޑުން ފިރުމަމުން ދިޔައީ ދުރުކޮށްލަން ބޭނުންނުވެފައެވެ. އެއަށްފަހު ޒައިމްއާއި ވާހަކަދެއްކުމަށްފަހު ނަޒަރު ހުއްޓުނީ ކެތްރީންއަށެވެ.
އެތައް ޖަޒުބާތްތަކުން ވަކިވެފައިވާ ދެލޯބިވެރިންގެ ހިތް ބަންޑުންވަމުން ދިޔައެވެ. އެންމެ ކުރިން އިސްނެންގެވީ ކެތްރީންއެވެ. އެކަމަނާ ޖޯންގެ އަތްޕުޅުގައި ހިއްޕަވާފައި ވާހަކަފުޅު ދައްކަވަން ފެށްޓެވިއިރު ލޯފުޅުން ކަރުނަފޮދު ފައިބަމުން ދިޔައެވެ. މާޒީގެ ހިތާމައާއި ވޭނަށްފަހު ދެލޯބިވެރިންނަށް އަނެއްކާވެސް އެކީގައި އުޅުމުގެ ފުރުސަތު ހުޅުވިގެން ދިޔައީއެވެ.
ކެތުރިން ލޯބިން ފުރިގެންވާ ނަޒަރަކުން ޖޯންގެ އަތުގައި ހިއްޕަވައި، އަލުން އެކުގައި އުޅުމަށް އެއްބަސްވެ، މިއީ މާޒީގެ ހުރިހާ ހިތާމައަކާއި ވޭނަކަށް ފަހު ލިބުނު ފުރިހަމަ ހަމަޖެހުމެކެވެ. އިރުކޮޅެއްފަހުން ހާލާ ޖަޒީރާ އަދި ރާބިއާވެސް ނުކުމެވަޑައިގެންނެވިއެވެ. އެންމެން އެކަކު އަނެކަކަށް ތައާރަފު ވުމަށްފަހު އެކީގައި ފަރިއްކުޅުއްވަން ތިއްބެވިއިރު އެއްވެސް ޚިޔާލެއް ފިކުރެއްނެތް ފަދައެވެ.އާއިލީ ގުޅުން އަލުން އާލާވިއެވެ.
***
ޒާއިމް ކޮޓަރިކޮޅު ތެރޭގައި ނަމާދުކުރައްވަން ހުންނެވިއިރު ޖޯންއައި ކެތްރީން އެ މަންޒަރުދެކެން ތިއްބެވެ. ޒާއިމް ސަލާމްކުރެއްވުމަށްފަހު އެކީގައި ވަޑައިގެން ބަގީޗާތެރޭގައިވާ ގޮނޑިކޮޅުގައި އިށީދެވަޑައިގަތެވެ. މެތިއުއާއި ތާރިގުވެސް އެތަނުގައި ތިއްބެވިއެވެ. ކޮންމެވެސް ވަރަކަށް ސިޔާސީ،ހަނގުރާމަ އަދި ދުނިޔަވީ ވާހަކަތަކެއް ދެކެވުމަށްފަހު ޒައިމް ބޭނުންފުޅުވީ ހިތްޕުޅުގައިވި އުއްމީދެއް ހިއްސާކޮށްލެއްވުމަށެވެ. އެއީ އެމަނިކުފާނުގެ މައިންބަފައިންނަށް ހިދާޔަތް ލިބުމެވެ. މި މާތް އިސްލާމްދީންމަތީގައި ހުރެ ދުނިޔެއާއި ވަކިވެގެން ނޫނީ އާޚިރަތުގައި އެކީގައި ވުމެއްނެތެވެ.
"މަންމާ... ބައްޕާ..." ޒާއިމް ވިދާޅުވިއެވެ. "އަޅުގަނޑު ގެ ވަރަށް ބޮޑު އެދުމެއް އެބަައޮތް..."
"އަވަހަށް ބުނޭ ދަރިފުޅު..."ކެތްރީން ޒާއިމްގެ އަތްޕުޅުގައި ހިފެހެއްޓެވިއެވެ."ހަގުރާމައަށް ދާކަށް މަންމަގެ ހިތް ދުވަހަކުވެސް ނުރުހޭނެ.."
"އެއަށްވުރެ މާ ބޮޑު އަމާނާތެއް އަޅުގަނޑުގެ ކޮނޑުގައި އެބައޮތް. އެއީ ތިޔަ ދެބޭފުޅުންނަށްހ ހައްގު މަަގު އޮޅުން ފިލުވާދިނުން...މަންމަމެނަށްވެސް އެނގިވަޑައިގަންނަވާނެ..މިއީ ކުރު ދަތުރެއް...ވަގުތީ ފާލަމެއްގައި މިތިބެވެނީ..ކޮންމެ އިރަކުވެސް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރަން ޖެހިދާނެ.މަންމައާއި ބައްޕަގެ ލޯތްބާއި އަޅައިލުން ލިބެން މިފެށީ ޒުވާން އުމުރުގައި...އަޅުގަނޑު ބޭނުމީ ޖަންނަތުގައިވެސް މަންމައާއި ބައްޕައާއެކު ވުން ........"
"އާނ...ދަރިފުޅު..ކްރައިސްޓްއަށް އީމާންވީމަ ހުރިހާ ފާފައެއް ފޮހެވި ސުވަރުގެއަށް ދެވޭނެ... ކްރައިސްޓް އިންސާނުންގެ ހުރިހާ ފާފައަކަށް ޝަފާއަތެއްކަމުގައި ސަލީބަށް އަރާވަޑައިގަތީ...ދަރިފުޅު ނިސްބަތްވަނީ މުސްލިމުންނަކަށް ނޫން..ތިއީ އީސާއީ ޝާހީ ޚާންދަނުގެ އަލިގަދަ ބައްތިއެއް..މަންމަމެންގެ ހިތުގެ ނޫރު......."
"މަންމާ...އިސްލާމްދީން ފިޔަވާ އެހެން ދީނެއްގައި ގަބޫލުކުރެވޭފަދަ އެއްވެސް ދަލީލެއް ހެއްކެއް ނެތް..އިންސާނުންނާއި ޖަނަވާރަށާއި ބުދުތަކާއި އިރާއި މިހެންގޮސް މަޚުލޫގުންނަށް އަޅުކަން ކުރުމަކީ ކޮންފަދަ ކަމެއް؟ ހަމަޖެހޭކަމެއްކަމަށް ގަބޫލެއްނުކުރެވޭ..ކުރިން ޔަހޫދީންނައި ނަސާރާއިންވެސް އެއްކައުވަންތަ އިލާހަށް އަޅުކަން ކުރީ..އެކަމަކު އީސާގެ ފާނަކީ ދަރިކަލަކު ކަމުގައި އީސާއިން ނިންމި ހިސާބުން ފެށިގެން އެއޮތީ އެދީން މުޅިން ޖަހާލަތާއި އަނދިރިކަމުގެ ތެރެއަށް ވެއްޓިފައި......އީސާ އަލައިހިއްސަލާމްއަކީ މާތް ރަސްކަލާނގެ ދަރިކަލެއްނޫން..އެއީ ﷲ ތައާލާގެ މަތިވެރި ނަބިއްޔެއް އަދި ރަސޫލެއް..ބަލިކަަށި ނިކަމެތި އިންސާނުން އަޅުކަންކުރަން ޖެހެނީ އިންސާނަކަށް ނޫން.އެހެޔޮ ﷲ ތައާލާގެ ނަބިއްޔަކަށް އަދި ރަސޫލަކަށްވެސްވިޔަސް....ޚާލިގުވަންތަ އެންމެ ބާރުގަދަ އެއްކައުވަންތަ ފަރަތަކީ ހަމައެކަނި ﷲ ތައާލާ....."
ގުރުއާނުގެ އިޚުލާސް ސޫރަތުގައި ﷲ ތައާލާ ވަހީކުރައްވާފައިވަނީ ...قُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
ކަލޭގެފާނު ވިދާޅުވާށެވެ. އެއީ ﷲއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. ﷲއަކީ އެންމެހާތަކެތި އެކަލާނގެއަށް ބޭނުންވާ އަދި އެއްވެސް އެއްޗަކަށް އެކަލާނގެ ބޭނުންވެ ވޮޑިނުގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް އެއްވެސް އެއްޗެއް އުފަންވެގެން ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފެންވެ ވޮޑިގެންނުވެއެވެ. އަދި އެކަލާނގެއާއި އެއްފަދަ ވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ.
އެ މަތިވެރި އާޔަތްތައް ޒާއިމް ކިޔަވާ ވިދާޅުވި އަޑު އިވިވަޑައިގަތުމުން ކެތްރީންގެ ހިތްޕުޅަށްވެސް ފިނިވިއެވެ. އަދި މާނަ ވިދާލުވުމުން ހިތްތަކަށް ފުން އަސަރެއް ކުރުވިއެވެ.
"ޒާއިމް...ތިޔައީ ހަމަ ހެއްދެވިފަރާތުގެ ސިފަފުޅު.... ވަރަށް ބޮޑަށް ޤަބޫލުކުރެވޭ..... ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ....އީސާގެފާނަކީ އެކަލޭގެފާނުގެ ރަސޫލެއްކަން ކަމަށް ގަބޫލުކުރަނީ....."ޖޯންގެ ހިތުގައިވި ޝުއޫރު ފައުޅުކޮށްލުމުން ޒާއިމްގެ މޫނުފުޅު ކުރިއަށްވުރެ އަލިވިއެވެ.
"ތިޔައީ މުޅިން ތެދެއް ޒާއިމް. އަހަރެންވެސް މާކުރިންސުރެ މި ހަގީގަތާއިމެދު ވިސްނަމުން އައީމެވެ. އީސާގެފާނަކީ މާތް ރަސޫލެއް ކަމުގައި ދެކެވުނު....ނަސާރާ އަރަބިންވެސް ހެއްދެވި ފަރާތުގެ ނަންފުޅު ކިޔަނީ ހަމަ ﷲ...."
"ދަރިފުޅާ ޒައިމް...... ތިޔަ ވާހަކަތަކުގެ ތެދުކަން މަންމާގެ ހިތަށް ވެސް އިހުސާސްވޭ.... ނަމަވެސް... މަންމަގެ މުޅި ޙަޔާތް ވޭތުވެދިޔައީ އެހެން އަގީދާއެއްގެ މަތީގައި...ކުރިން އަދި މުސްލިމުންނަށް އިންތިހާއަށް ނަފްރަތުކުރަމުން އައީ.... މި ބޮޑު ބަދަލު ޤަބޫލުކުރުމަށް މަންމައަށް ކުޑަކޮށް ވިސްނާލަން ވަގުތުކޮޅެއް ބޭނުންވޭ.....އެކަމަކު ދަރިފުޅުގެ އަގީދާގެ ވަރުގަދަ ކަމާއި ތެދުވެރިކަމަށް މަންމަ އިޙްތިރާމްކުރަން....."
ޒާއިމް މަންމަގެ ކޮނޑުފުޅުގައި އޯގާތެރިކަމާއެކު އަތްޕުޅު ބާއްވާލެއްވިއެވެ. "މަންމާ... ހިތްޕުޅު ހަމަޖައްސަވާައިހެން ހުންނަވާ.....މައުރިފާ ކުރުމާއި ތައުހީދަކީ އިންސާނާ އަށް އުގެނެން އެންމެ މުހިއްމު ދެ އިލްމު ކަމަށް އަޅުގަނޑު ގަބޫލުކުރަން......ތެދު މަގު ޤަބޫލުކުރުމަކީ އިންސާނާގެ އާޚިރަތުގެ ނަސީބު..."
"އާނ ދަރިފުޅު...މާތް ރަސްކަލާނގެއަށް ދަރިކަލު ވާކަމަށް ގަބޫލުކުރުމަކީ ދެކޮޅު ޖެހޭކަމެއްނޫން...ހަގީގަތުގައި ކާބަފައިން ގޮތްދޫނުކޮށް އެމީހެއްގެ ދީނުގައި ސާބިތުވެ ތިބެ ދަރިންނަށްވެސް އެގޮތަށް ވިސްނާދީފައިވަނީ... މަސީހުއަށް އަޅުކަން ކުރަން ބާރު އަޅަނީ......"
"ދުނިޔެއަށް ފޮނުއްވި ފުރަތަމަ ނަބިއްޔަކީ އާދަމް އަލައިހިއްސަލާމް.. އެފަހުން އެތައް ނަބިއްޔުންނާއި ރަސޫލުންނެއް ދުނިޔެއަށް ފޮނުއްވި....ހުރިހާ ބޭކަލުން ގޮވައިލެއްވީ ހަމަ އެއްކައުވަންތަ އިލާހަށް އަޅުކަން ކުރަން.. އެތައް ރަސޫލުން ދުނިޔެއަށް ފޮނުއްވުމަށްފަހު އީސާގެ ފާނު ބައްޕާފުޅަކާއި ނުލައި ދުނިޔެއަށް ފޮނުއްވުމާއެކު ޝަރީކުރަންވެގެން ދަރިކަލަކު ކަމުގައި ހެދީ....އެކަމަކު މަންމައާއި ބައްޕައާއި ނުލާ އާދަމްގެ ފާނު ޚަލުގުކުރެއްވި ފަރާތަށް އަދި އީސާގެ ފާނު ބަފާކަލަކާއި ނުލާ ދުނިޔެއަށް ފޮނުއްވުން ކުޅަދުންވަންތަ..."
ޒައިމްއައި ތާރިގުވެސް އެކި ހުއްޖަތް ދައްކަވާ އިސްލާމް ދީނަށް ދައުވަތު ދެއްވިއެވެ. ޖޯން އިސްލާމްދީން ފައުޅުގައި ގަބޫލުކުރިޔަސް ކެތްރީންއަށް ދޫފުޅުން އެކަމަށް އެއްބަސްވާން ކެރިވޑައެއް ނުގެންނެވިއެވެ. ދަރިކަލުން މަންމާފުޅާއި ދިމާވެ ވަޑައިގަންނަވާ ކޮންމެ ވަގުތަކު އެވަހަކަ ފުޅު ދައްކަވައެވެ. މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅާއި ބެހޭގޮތުން އެކި ވާހަކަފުޅު ކިޔަވާ ދެއްވައެވެ. ކެތްރީން ޝައުގުވެރިކަމާއެކު އެވާހަކަތައް އަޑު އައްސަވައެވެ.
***
ދުވަސްތައް ފާއިތުވަމުންދިޔައެވެ. އިނގިރޭސިވިލާތުގައި އާއިލާއަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބުމުން ޒާއިމްގެ ހިތްޕުޅު ހަމަޖެހި ވަޑައިގަތެވެ. ހާލާ، ޖަޒީރާ، އަދި ރާބިޔާއައި އެހެން އާއިލާގެ މެމްބަރުންނާއެކު އެމީހުންގެ އާދިރިއުޅުން ކިތަންމެހާވެސް އުފާވެރިއެވެ. ކެތުރިން އިނގިރޭސި ރާނީގެ މަޤާމުގައި ހުންނަވައިގެން ޤައުމު ހިންގަވަމުންދިޔައެވެ. ޖޯންއާއި މެތިއުވެސް ޒާއިމްގެ ޚިޔާލުތަކަށް ތާއީދުކޮށް ސުލްޙަވެރިކަމާއެކު އުޅުއްވިއެވެ.
އަންދަލުސްގައި ރޮޑްރިގޯއާއި އާލަމްގެ އަނިޔާވެރި ވެރިކަން ދެމިއޮތް ނަމަވެސް ޒާއިމްއާއި އޭނާގެ ލޮބުވެތި އާއިލާއަށް ވަނީ ތެދުމަގާއި ހަމަޖެހުމާއި އަދި ހަގީގީ މިނިވަންކަން ލިބިފައެވެ.
***
ހާލާ ދަރިކަނބަލުންނާއިގެން ރައްކާވެ ވަޑައިގަތް ދުވަހަކީ ޒާއިމްގެ ހަޔާތްޕުޅުގެ އެންމެ އުފާވެރި ދުވަހެވެ. މަލެއްފަދަ ނާޒުކް ދަރިކަނބަލުން ޒާއިމްގެ އަތްޕުޅަށް އެރުވުމާއެކު މަޑުމައިތިރިކަމާއެކު ދަރިކަނބަލުންގެ ކަންފަތް ކައިރީ ވަރަށް ފުރިހަމައަށް ބަންގި ވިދާޅުވިއެވެ.
"މިއީ ދެއްވި އެންމެ ބޮޑު އެއް ނިއުމަތް.....ހުރިހާވެސް ހަމްދެއް ﷲ ތައާލާއަށް..." ޒާއިމްގެ ދެލޯފުޅުން ކަރުނަ ފޮދު ފައިބައިގެން ދިޔުމާއެކު އެ މަޑު ކޯތާފަތުގައި އެތައް ފަހަރު ބޮސްދެއްވިއެވެ. މަލެއްގެ ފިޔަފަދައެވެ."ބައްޕަގެ ފުރާނަ...."
ހާލާ އެނދުކޮޅުގައި އޮންނެވިއިރު ކިތަންމެ ވަރުބަލިވިޔަސް ފިރިކަލުންނާއި ދަރިކަނބަލުންނަށް ބައްލަވަން އޮންނެވީ އުފާފުޅުން ފުރިފައެވެ. ޖަޒީރާ އާއި ކެތްރީން ވެސް ހާލާގެ ނިތްކުރީގައި ބޮސްދެއްވާ ލޯބިން ފުރިގެންވާ ބަސްތަކަކުން ހިތްވަރު ދެއްވިއެވެ.
އާއިލާގެ އެންމެންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނަ އޮހުނެވެ.އެ އުފާވެރި މުނާސަބަތުގައި ޝުކުރުވެރިވުމުގެ ގޮތުން ބަކަރިއެއް ކަތިލައިފޮނި އެއްޗެއް ތައްޔާރުކޮށް ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް ސަދަގާތްކުރިއެވެ.
***
އަންދަލުސްގެ ޝާހީ ގަނޑުވަރަށް ބިރުވެރިކަމާއިއެކު މަރުގެ ހިޔަނިތައް ވަށައިލިއެވެ. ރޮޑްރިގޯއަށް އާލަމްގެ ހުރިހާ މަކަރުވެރި ރޭވުންތަކާއި ވެރިކަން ފޭރިގަތުމަށް ކުރައްވަމުންދިޔަ މަސައްކަތްތަކުގެ ޙަޤީޤަތް ފަޅާއެރީއެވެ. ބުތައިނާއާއިމެދުވެސް ބޮޑު ތުހުމަތުތަކާއި ޝައްކުތައް އުފެދުނީ އާލަމްގެ ނުބައި ނިޔަތް ހާމަވުމުންނެވެ.
ރޮޑްރިގޯގެ ކޯފާގެ ކޮޅެއްނެތް ވަރަށް ކޯފާ އިސްކުރެއްވިއެވެ. އެމަނިކުފާނު ނިންމެވީ ޚިޔާނާތްތެރިވި ކަމުގެ ކުށުގައި އާލަމްއާއި ބުތައިނާއަށް ދުނިޔެއަށް އިބުރަތަކަށްވާވަރުގެ ސަޒާއެއް ދިނުމަށެވެ.
"ތާރީޚުގެ ސަފުހާތަކުގައި ލިޔެވިގެން ދަނީ ޚިޔާނަތްތެރިން ފަޟީހަތް ވި ވާހަކަތަކެވެ. އާއްމުންގެ ކުރިމަތީގައި ޝާހީ މައިދާނުގައި އާލަމްއާއި ބުތައިނާ ސަލީބަށް އަރުވައި ގާނޫނުގެ ނަމުގައި އަނިޔާވެރި ސަޒާ ދިނުމަށް ރޮޑްރިގޯ އަމުރުކުރެއްވިއެވެ.
***
ޝާހީ މައިދާނަށް އަންދަލުސްގެ ރަށްވެހިން އެއްވަމުން ދިޔައެވެ. އާލަމާއި ބުތައިނާ ސަލީބަށް އެރުވުމުގެ މަސައްކަތް ފެށުނެވެ. އެދެބޭފުޅުންގެ މޫނުމަފުޅުމަތިން ފެންނަމުންދިޔައީ މާޔޫސްކަމާއި ބިރުވެރިކަމެވެ.
އިނގިރޭސިވިލާތުގައި ޒައިމް ހުންނަވަނިކޮށް އެ ޚަބރު ލިބިވަޑައިގަތުމުން ހިތްޕުޅުގައި އޯގާތެރިކަން އުތުރިއެރިއެވެ. ތާރިގުއަށްވެސް ކޮއްކޯފުޅާއި ދަރިކަލުން އެހާ އަނިޔާވެރިގޮތަކަށް ދުނިޔެއާއި ވަކިވެވަޑައިގަންނަވަން ދޫކޮށްލެވޭކަށް ނެތެވެ. ޤާތިލުންކަމުގައި ވިޔަސް، ބުތައިނާއަކީ އާއިލާގެ މެމްބަރަކަށްވުމުން ސަލާމަތްކުރެއްވުމަށް ދެބޭފުޅުންވެސް ގަސްތުކުރެއްވިއެވެ. ދެބޭފުޅުން އަންދަލުސްގެ ސަރަހައްދަށް ވަޑައިގަތީ އީސާއީ ހަނގުރާމަވެރިންގެ ސިފައިގައެވެ. މައިދާނުގެ ވަށައިގެން ފާރަވެރިން ތިއްބާ އެދެބޭފުޅުން މޫނު ނިވާކޮށްގެން ތިއްބަވާ އެތަނަށް ވެދެވަޑައިގެންނެވިއެވެ.
"ހުއްޓާލާ...." ތާރިގު އަޑުހަރުކޮށް އަމުރުކުރެއްވިއެވެ. "ރަސްގެފާނުގެ ޚާއްސަ އަމުރަކަށް، މި ގައިދީން މިވަގުތު އަހަރެމެންނާ ހަވާލުކުރަންޖެހޭނެ..... މިއީ އިތުރު ތަޙުޤީޤަކަށް ގެންދަންޖެހޭ ބައެއް....."
ފާރަވެރިންނަށް އެއީ ކޮންބައެއްކަން ނޭނގި އޮޅުން އަރާ ހައިރާންވެފައި ތިއްބެވެ. ޒާއިމާއި ތާރިޤް ކުއްލިއަކަށް ޙަމަލާދެއްވާ ފާރަވެރިން ބަލިކޮށްލެއްވުމަށްފަހު ސަލީބަށް އަރުވަން ތައްޔާރުކޮށްފައި ތިބި ބުތައިނާއާއި އާލަމް އެތަނުން މިނިވަންކުރައްވާ އަވަހަށް އަސްތައް ކައިރިކޮށްލެއްވިއެވެ.
"އަވަހަށް އަރާ...." ޒާއިމް އާލަމަށް ގޮވާލެއްވިއެވެ.
އާލަމާއި ބުތައިނާއަށް ޤަބޫލުފުޅުކުރައްވަންވެސް ދަތިވިއެވެ. އެބޭފުޅުން ޒައިމްގެ ފުރާނަފުޅަށް ނުރައްކާކޮށް އެތައް ރޭއްވެވުމެއް ރޭއްވިނަމަވެސް ޒާއިމް މިއަދު އެތަނަށް ވަޑައިގެން އެމީހުންގެ ފުރާނަ ސަލާމަތްކޮށްދެއްވީއެވެ.
ރޮޑްރިގޯގެ ލަޝްކަރު އެބޭފުޅުންގެ ފަހަތުން އައިސް ހަމަލާދިން ނަމަވެސް ޒާއިމާއި ތާރިޤް ވަނީ އާލަމާއި ބުތައިނާ ގޮވައިގެން ޖަންގަލީގެ ތެރެއަށް ވެދެވަޑައިގެންފައެވެ.
***
ރޮޑްރިގޯގެ އަނިޔާވެރި މަރުގެ އެތިފަހަރުން ސަލާމަތްކުރައްވާ ޒާއިމްއާއި ތާރިގުގެ އެހީތެރިކަމާއެކު ބުތައިނާމެން އިނގިރޭސިވިލާތުގައި ހުރި ޒާއިމްމެންގެ ހިމޭން އަދި އަމާން ގެކޮޅަށް ވަޑައިގެންނެވިއެވެ.
މާޒީގައި ހިންގި ކަންތައްތަކާއި ކުރެވުނު ކުށްތަކާއި ހަވާނަފުސަށް ހެއްލެވުނު ވޭންދެނެވި ހަނދާންތަކާއެކު އާލަމާއި ބުތައިނާ އެ ގެއަށް ވަދެވަޑައިގަތީ ކުށްވެރިކަމާއި ލަދުވެތިކަމުގެ ައިޙްސާސަކާއެކުގައެވެ. ނަމަވެސް، ކަން ހަނދާކޮށް ދިނުމެއްނެތި މަރުޙަބާ ކިޔަނީ ބަދަލުހިފުމުގެ ރޫހަކުން ނޫނެވެ. ބަދަލުގައި އޯގާތެރިކަމާއި އާއިލީ ލޯތްބެވެ.
ހާލާ އިންނެވީ އެކަމަނާގެ ތުއްޕުޅު އަންހެންދަރިކަނބަލުން އުނގުފުޅުގައި ވަޑުވައިގެންނެވެ.އެ ތުއްޕުޅު މޫނުމަތިން ފެންނަނީ މައުސޫމްކަމެވެ.
އާލަމާއި ބުތައިނާ އެ ކޮޓަރިކޮޅަށް ވަދެވަޑައިގަތުމާއެކު ހާލާ ހިނިފުޅުވަޑުވައިލެއްވިއެވެ.
"މަންމާ..ބޭބޭ......" ހާލާ އޯގާތެރި އަޑަކުން ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންގެ ކުޑަ ދަރިފުޅު....."
އާލަމްގެ ލޯފުޅުން ކަރުނަ ފާއްދާލިއެވެ. މާޒީގައި ވެރިކަމާއި ބާރަށްޓަކައި ހަނގުރާމަކޮށް އާއިލާއާ ދެކޮޅަށް މަސައްކަތްކުރެވުނު ހަނދާންތައް އާވެ މަނިކުފާނުގެ ހިތްޕުޅު މަޑުމައިތިރިވެގެންދިޔެވެ. ބުތައިނާވެސް ޤަބޫލުކުރަން ދަތި ފުން އަސަރަކާއެކު އެ ދަރިކަނބަލުން ނަންގަވާ މގައި ޖައްސަވާލެއްވިއެވެ. އެތައް ފަހަރަކު ބޮސްދެއްވިއެވެ.
ދަރިކަނބަލުން މޫނުފުޅަށް ބަލަހައްޓައިގެން ތިއްބެވި ހިނދު އާލަމާއި ބުތައިނާގެ ހިތްތަކުގެ ފުންމިނުގައި ވަނީ މުޅިން އާ އިހުސާސެއް އުފެދިފައެވެ. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ވިލާގަނޑު ނެގި އެ ހިތްޕުޅުގައި ހަގީގީ ލޯތްބާއި، އޯގާތެރިކަމާއި އަދި އާއިލީ ގުޅުމުގެ ނޫރު ފާޅުވާން ފެށިއެވެ.
"ދަރިފުޅާ... މަންމައަށް މާފުކުރޭ..." ބުތައިނާގެ އަޑުފުޅު ތުރުތުރުއެޅިއެވެ. "މާޒީގައި ކުރެވުނު ކަންތައްތަކަށްޓަކައި... މިއަދު މިފަދަ ނިޢުމަތެއް ފެނުމުން މަންމަގެ ހިތުގެ ކުދިކުދިވެފައިވާ ބައިތައް ހަމައަކަށް އެޅިއްޖެ...މަންމަ ހިޔެއް ނުކުރަން ޒައިމްއާއި އަދި ބޭބެވެސް ފުރާނައާއި ކުޅެގެން ސަލާމަތްކުރަން އަންނާނެކަމަށް..އެންމެފަހު ވަގުތު މާތްރަސްކަލާނގެ ރަހުމަތެއްފަދައިން ޒައިމް މެން ފޮނުއްވީ..."
ޒާއިމް ބުތައިނާއަށް ބައްލަވާލެއްވިއެވެ.
"މާޒީ އެ ނިމުނީ....މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އާ އުއްމީދަކާއި ސުލްޙަވެރިކަން... އާއިލާއަކީ އެންމެ ބޮޑުއެއް ނިއުމަތް...."
***
ޒާއިމް އަލަމްއާއި ބުތައިނާ ދިރިއުޅުއްވުމަށް ވަކިން ޚާއްސަ ގެކޮޅެއް ހަމަޖެއްސެވިއެވެ. މާޒީގެ ހުރިހާ ހަސަދައަކާއި ރުޅިވެރިކަމެއް ފޮހެލައި އާއިލާގެ އެންމެހާ ބޭފުޅުން އެކުގައި ގުޅިގެން އުޅުއްވުމަށް ޒާއިމް ދެއްކެވީ ނަމޫނާއެކެވެ. ޒާއިމް ޑެނިއަލްއަށް ޝިކާރަކުރުމާއި ހަނގުރާމައިގެ އުކުޅުތައް އަދި އަސް ދުއްވުންފަދަ ކަންތައްތައް ދަސްކޮށްދެއްވަން ފެށްޓެވިއެވެ. އެކަމުގައި އާލަމްއާއި އުވައިސްވެސް އާއްމުކޮށް ބައިވެރިވެ ވަޑައިގަންނަަވައެވެ.
ބުތައިނާ އާއިލާގެ މެމްބަރުންނަށް ދައުވަތު ދެއްވީ އެންމެން އެކީގައި ވާހަކަދައްކައިލާ ގުޅުން ބަދަހިކުރެއްވުމަށެވެ. ކެތްރީންއާއި ޑެނިއަލްވެސް ވަޑައިގެންނެވިއެވެ. އެންމެން އެކީ ސައިފޮދު ހިއްޕެވުމަށްފަހު އެކި ވާހަކަތަކުގައި ތިއްބެވިއެވެ. ބުތައިނާ މެތިއުގެ ފައިތިލަ ކައިރީ އިށީދެވަޑައިގެންނެވިއެވެ.
"ބައްޕާ..އަޅުގަނޑުގެ ހަޔާތުގައި އެއްވެސް އިރެއްގައި... ބައްޕަ އަޅުގަނޑަށް ދެއްވި ލޯތްބާއި އޯގާތެރިކަމުގެ އަގު ވަޒަންނުކުރެވި ބާރާއި ތަޚުތުގެ ދަހިވެތިކަމުގައި މޮޔަވެވުނީތީ މިއަދު އިންތިހާއަށް އަމިއްލަ ނަފުސުދެކެ ރުޅި އާދެވިއްޖެ....
މެތިއު ބުތައިނާގެ އިސްތަށިފުޅުގައި ފިރުމާލެއްވިއެވެ." އަޅުގަނޑު ދުވަހަކުވެސް ހަނދާންނުނެތޭ ބައްޕަ އަޅުގަނޑަށް ދެއްވި ޚާއްޞަ ހިމާޔަތާއި އޯގާތެރިކަން..... އެކަމަކު ވެރިކަމާއި ނުފޫޒަށް ކައިރިވެވުނުވަރަކަށް އޭގެ ދަހިވެތިކަމުގައި މޮޔަވެ އާއިލާވެސް ރޫޅާލެވުނީ..... އަޅުގަނޑަށް މާފުކޮށްދެއްވާ..."
"ދަރިފުޅާ ބުތައިނާ... މާޒީގައި ހިނގާދިޔަ ކަންތައްތަކަކީ އަހަރެމެންގެ ހަނދާނުން ފޮހެލަންޖެހޭ ކަންކަމެވެ. މިއަދު ބައްޕަގެ ހުރިހާ ދަރިން މިތާ ތިބުމަކީ ބައްޕައަށް ލިބުނު އެންމެ ބޮޑު އުފާ..އެންމެ ކުޑަވެގެން ކެތްރީންއާއި ދިމާވިފަހުން އެއީވެސް އަމިއްލަ ދަރިއެއްކަމުގައި ދެކެވުނީ....."
އެވަގުތު ބުތައިނާގެ ލޯފުޅުން އޮހެމުންދިޔަ ކަރުން ފެނިވަޑައިގެން ތާރިގު ލޯބިން ފުރިގެންވާ ނަޒަރަކުން ކޮއްކޮއަށް ބައްލައިލެއްވިއެވެ.
"ބުތައިނާ...ނުރޮއި....."
"އެދުވަހު ބޭބެއާއި ޒާއިމްއަށް ވަޑައިނުގެންނެވުނުނަމަ ވޭންދެނިވިގޮތަކަށް މަރުވާނެ.."
"އެއީ ﷲގެ ރަހުމަތް.....އެ ދުވަހު އެ ރޭވުން ކާމިޔާބުވީތީ ބޭބެމެންވެސް އުފާވި.....ﷲއަށް ހުރިހާވެސް ހަމްދެއް......މިއަދު އަޅުގަނޑުމެން އެންމެން މިތާ މި ތިބީ އެކުވެރިކަމާއި އުފާވެރިކަމުގައި...."
ތާރިގު އާލަމްގެ ކޮނޑުފުޅުގައި ހިފެހެއްޓެވިއެވެ.
"އަޅުގަނޑަށްވެސް ކުރެވުނު ކުށްތަކަށް ވިސްނިއްޖެ.......މިއަދު ލިބުނު މި އަމާންކަމާއި، އާއިލީ ލޯތްބަށްވުރެ ބޮޑު މުއްސަދިކަމެއް ދުނިޔެއަކު ނެތް...ހަގީގީ މުއްސަދިކަން ވަނީ ހިތުގައި...އެކަމަކު ގިނަމީހުން މިދުވަނީ ގެއްލިގެންދާނެ ފަދަ ދުނިޔަވީ އެއްޗިއްސާއިހެދި...."
"ކޮއްކޮއަށް ވިސްނުނީތީ ވަރަށް އުފާކުރަން...ކޮއްކޮ ތިގޮތުގައި ހުންނާތި..."
"އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ... މި ދުނިޔޭގެ ވަގުތީ ޙަޔާތަށްފަހު ސުވަރުގޭގައި—ޖަންނަތުގައިވެސް އަޅުގަނޑުމެންގެ މުޅި އާއިލާ އަލުން ބައްދަލުވުން..... އެކަކު އަނެކަކަށް ގެއްލުމެއް ނުލިބި އަބަދަށްޓަކައި އުފާވެރިކަމުގައި އުޅުން........"ބުތައިނާ ކަރުނަފޮދު ފޮހެލައްވަމުން، އުފަލުން ފުރިގެންވާ ހިނިތުންވުމަކާއެކު ވިދާޅުވިއެވެ.
***
އޮލީވިއާ އިންނެވީ ކޮޓަރިކޮޅުގެ ކުޑަދޮރު ކައިރީގައެވެ. އެކަމަނާގެ ދެލޯފުޅުގައިވީ ކަރުނައިގެ މުތީތަކެވެ.
އާލަމްގެ ކައިވެނީގެ ހުށަހެޅުމާއެކު އެކަމަނާގެ ހިތްޕުޅުގައި ދިއްލުނު ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅު މިއަދު ވަނީ މުޅިން ނިވިފައެވެ. އާލަމް އެކަމަނާއާއި ކައިވެނިބައްލަވައިގަތީ ލޯބިން ނޫންކަމާއި ހަމައެކަނި ތަޚުތާއި ބާރުގެ ދަހިވެތިކަމުގައި އެކަމަނާގެ ބޭނުންހިފައި އަދި އެކަމަނާގެ ފުރާނަ ދުއްވާލަން ރޭވިކަން އެނގިވަޑައިގަތުމުން ބަޔާންކުރަން ދަތި ފުން އަސަރެއްކުރިއެވެ.
"އަހަރެންގެ ކުށަކީ ކޮބައިތޯއެވެ؟" އޮލީވިއާއަށް ގިސްލެވޭގޮތްވިއެވެ."މަންމަ ގެއްލި، ޒާއިމްގެ ލޯބި ނުލިބި އެންމެ ފަހުން އަހަރެންގެ އިތުބާރުކުރި މީހާވެސް އަހަރެންނަށް ދިނީ ކެހީގެ ވިހަ........"
އޮލީވިއާ އަމިއްލަ ދެއަތްޕުޅު މޫނުގައި އަޅުއްވަމުން ކީރިތި ކުރައްވަންފެށްޓެވިއެވެ. އެކަމަނާގެ ހިތްޕުޅުގައި އުފެދުނީ ފުން ވޭނާއި މާޔޫސްކަމެވެ. ދުނިޔޭގެ އެއްވެސް އުފަލެއްގެ ރަހައެއް އެކަމަނާއަށް ލިބިވަޑައިނުގަންނަވާނީހެއްޔެވެ؟
މުޅި އަންދަލުސް ރޮޑްރިގޯގެ ބާރުގެ ދަށަށް ދިޔުމުން އޮލީވިއާ ނިންމެވީ ސިޔާސީ ކަންކަމާއި މީހުންގެ މަކަރުވެރިކަމާ މުޅިން ދުރުވެ ގަނޑުވަރުގެ ކޮޓަރިކޮޅުގައި ހިތާމައިގާ ހަޔާތްޕުޅުގެ ދުވަސްތައް ވޭތުކުރެއްވުމަށެވެ.އެކަމަނާގެ ހިތްޕުޅުގައި މީހުންނަށް އޮތް އިތުބާރު މުޅިން ގެއްލިި އެކަހެރިކަން އެކަމަނާގެ ޙަޔާތުގެ ބައިވެރިއަކަށްވިއެވެ.
***
ސްޕޭނުގެ ރަސްގެފާނު ފެޑިނާންޑުއާއި ރާނީ އިސަބެއްލާއަށް ސިޓީފުޅަކުން އަމާންދެއްވާ އަލްހަމްބްރާ ގަނޑުވަރުު ހަވާލުކުރެއްވީ މުހިއްމު ޝަރުތުތަކާއެކުގައެވެ. މުސްލިމުންގެ ދީނީ މިނިވަންކަން ހިފެހެއްޓުމާއި (މިސްކިތްތަކާއި އަޅުކަންކުރުމުގެ ޙައްޤު ދިނުން). މުސްލިމުންގެ މުދަލާއި، ގެދޮރާއި، އަދި ބަހަށް ރައްކާތެރިކަން ދިނުން، ބޭނުންވާ މީހަކަށް އުސްމާނީ ޚިލާފަަތުއަށް ނުވަތަ އުތުރު އެފްރިކާއަށް ސަލާމަތްތެރިކަމާއެކު ހިޖުރަކުރުމުގެ ފުރުސަތު ދިނުންފަދަ ކަންކަމަށެވެ.1492 ވަނަ އަހަރު އަލްހަމްބްރާގެ ތަޅުދަނޑި ފެޑިނަންޑާއި ހަވާލުކުރުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި އީސާއީ ވެރިން އެ އެއްބަސްވުންތަކަށް މުޅިން ޚިޔާނާތްތެރިވިއެވެ.މުސްލިމުން ގަދަކަމުން އީސާއީ ދީނަށް ބަދަލުކުރިއެވެ. ދީން ބަދަލުނުކުރި މީހުން މަރައި، ނުވަތަ ޤައުމުން އަރުވާލިއެވެ. އިސްލާމީ ޢިލްމީ ޚަޒާނާތަކާއި ޢަރަބި ފޮތްތައް މައިދާންތަކަށް އެއްކޮށް އަންދާ އަޅިއަށް ހެދިއެވެ.އަލްހަމްބްރާގެ މަޝްހޫރު މިސްކިތްތަކާއި އަންދަލުސްގެ އެހެން މިސްކިތްތައް ފައްޅިތަކަށް ބަދަލުކުރިއެވެ.
އަންދަލުސް ބޮއްސުންލައިގެން ދިޔުމާއެކުބަދުރ ބިން މުޣީރާ އަދި އަބޫ ދާއޫދު ފަދަ ވަފާތެރި ހަނގުރާމަވެރިން އަންދަލުސްގެ ފަހު ކިއްލާތައް ސަލާމަތްކުރަން ގުޅިގެން ވަރުގަދަ ޙަމަލާތަކެއް ދިނެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި އޮތް ބައިބައިވުމާއި އުސްމާނީ ކަނޑުގެ ލަޝްކަރަށް އެކަށީގެންވާ ވަގުތަށް ސީދާ އެހީތެރިކަން ނުފޯރުކޮށްދެވުމުގެ ސަބަބުން އެންމެ ފަހުން އަންދަލުސްގެ ބިން މުޅިން ގެއްލުނީއެވެ.
އަންދަލުސްގެ މުސްލިމުންގެ ރަންޒަމާން އޮއްސި އަރްނާޠާގެ އަލްހަމްބްރާ ގަނޑުވަރު އީސާއީންގެ އަތްދަށަށް ދިޔުމުގެ ހިތާމަވެރި ޚަބަރު އިނގިރޭސިވިލާތުގައި ތިބި މުސްލިމުންގެ ހިތްތަކަށް ގެނައީ ފުން އަސަރެކެވެ.
އަންދަލުސްގައި ބަދްރު ބިން މުޣީރާ އާއި ހިތްވަރުގަދަ ލަޝްކަރާއި ވަފާތެރި މުޖާހިދުން އަންދަލުސްގެ ފަހު ފަސްގަނޑު ދިފާއުކުރަން ހިތްވަރާއެކު ހަނގުރާމަކުރެއްވިއެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި އުފެދުނު އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި ކާފަރުންގެ ބޮޑު ލަޝްކަރުގެ ކުރިމަތީގައި އެ ބިން މުސްލިމުންގެ އަތުން ދޫވިއެވެ.
އެވަރުންވެސް އަދި ޖިހާދުގެ ހުޅުކޮޅެއް ނުނިވެއެވެ. އުސްމާނީ ޚިލާފަތުގެ ބާރުގަދަ ކަނޑުގެ ލަޝްކަރު އުތުރު އެފްރިކާގެ ކަނޑުގެ ސަރަހައްދުގައި އެއްވެ އީސާއީންގެ ނުބައިކަމުން މުސްލިމުން ސަލާމަތްކުރުމަށާއި ދީން ޙިމާޔަތްކުރުމަށް ވަރުގަދަ ޖިހާދެއް ފެއްޓިއެވެ.
އިނގިރޭސިވިލާތުގައި ޒަާއިމްމެންގެ އާއިލާއަށް އަމާންކަމާއި ރައްކާތެރިކަން ލިބި، ހާލާއާއި ތުއްތު ދަރިކަނބަލުން އަދި މަންމަ ކެތްރީންއާއި ޖަޒީރާ މާމާފުޅު ރާބިޔާ އަމާންކަމާއެކު ތިބުމުން، ޒާއިމް ނިންމެވީ އެމަނިކުފާނުގެ ހަގީގީ ވާޖިބައިގެން ކުރިއަށް ދިޔުމަށެވެ.
"އަންދަލުސް ގެއްލުނު ކަމުގައި ވިޔަސް، އިސްލާމީ އުންމަތުގެ ދިފާއުގައި އަދިވެސް އަޅުގަނޑުމެންގެ ކަނޑިތައް އުފުލަންޖެހޭ........" ޒާއިމް ވިދާޅުވިއެވެ.
ތާރިގު ޒާއިމްގެ ކޮނޑުގައި އަތްޕުޅު ޖައްސަވާލެއްވިއެވެ. "އަހަރެންވެސް ތިޔަ މަތިވެރި ދަތުރުގައި ބައިވެރިވާނަން އިންޝާﷲ.... އަހަރެމެންގެ ހަޤީޤީ ތަނަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދުގެ މައިދާން....."
މާޒީގައި ފާފަތައްކުރެއްވި ނަމަވެސް މިހާރު ތައުބާވެ ހަމަމަގަށް އެނބުރި އެނބުރި ވަޑައިގެންފައިވާ އާލަމްގެ ވާހަކަފުޅުން ޒާއިމްއަށްވެސް ހައިރާންކަމެއް ލިބިވަޑައިގަތެވެ.
"ޒާއިމް... ބޮޑުބޭބޭފުޅު......." އާލަމްގެ ދެލޯފުޅުން ފެނުނީ ސާބިތުކަމެވެ. "މާޒީގައި އަޅުގަނޑުގެ ހަވާނަފުސަށް ހެއްލި ކުރެވުނު ފާފަތަކަށް ކައްފާރާއެއްގެ ގޮތުން އަޅުގަނޑުވެސް ތިޔަބޭފުޅުންނާއެކު ޖިހާދުގެ މައިދާނަށް ނުކުންނަން ބޭނުން... ﷲ ގެ މަގުގައި ޖިހާދުކޮށް އުންމަތް ދިފާއުކުރުމުގައި ފުރާނަ ޤުރުބާންކުރަން އަޅުގަނޑުވެސް ތައްޔާރު..."
ޒާއިމް އުފަލާއެކު އާލަމްގެ ގައިގައި ބައްދާލެއްވިއެވެ. "އަލްޙަމްދުﷲ...ވަރަށް އުފާވެއްޖެ....."
އާއިލާއާ ވަދާޢީ ސަލާމްކުރެއްވުމަށްފަހު އެބޭފުޅުން ކުޑަ ލަޝްކަރަކާއިއެކު އިނގިރޭސިވިލާތުން ފުރައިގެން ދަތުރުކުރެއްވީ އުތުރު އެފްރިކާގެ ކަނޑުގެ ސަރަހައްދަށެވެ. އެ ހިސާބުން ގުޅިވަޑައިގަތީ އުސްމާނީ މުޖާހިދުންގެ ކަނޑުގެ ވަރުގަދަ ލަޝްކަރާއެކުގައެވެ.
އެތައް ހަނގުރާމަތަކެއްގައި އެ ބޭފުޅުންގެ ހިތްވަރުގަދަކަމާއި މޮޅު ރޭވުންތަކުން އީސާއީ ކަނޑުގެ ލަޝްކަރުތައް ބަލިކޮށް އަނިޔާލިބެމުންދިޔަ އެތައް ހާސް މުސްލިމުންނެއް ސަލާމަތްކޮށްދެއްވިއެވެ.
އަންދަލުސްގެ ބިން ގެއްލުނު ކަމުގައި ވިޔަސް، އިސްލާމްދީނުގެ ނޫރާއި ޖިހާދުގެ ރޫޙު އެ މުޖާހިދުންގެ ހިތްތަކުގައި އަބަދަށްޓަކައި ދެމިއޮތެވެ.
ނިމުނީ