ހަނގުރާމައިގެ ސަބަބުން ނިއުކްލިޔާ ހަތިޔާރާ ގާތަށް އީރާން ޖެހިލައިފި ކަމަށް ބެލެވޭ: ބްލިންކެން

ބްލިންކެން

ވޮޝިންޓަން (15 ނޮވެންބަރު 2026): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނަތީޖާ ނުކުތީ ދިމާއިދިކޮޅަށް ކަމަށާއި މި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް މަގްސަދު ހާސިލްނުކުރެވި ޓެކްނޮލޮޖީއާއި އަސްކަރީގޮތުން އީރާން އިތުރަށް ބާރުގަދަވެ އަމިއްލަ ނަފުސުގެ އިތުބާރު ކުރިޔަށްވުރެ ބޮޑަށް އީރާނަށް ލިބިގެން ހިނގައްޖެކަމަށް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންކެން އާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ޓްރަމްޕްގެ ސަރުކާރުން އީރާންއަށް އަސްކަރީ ގޮތުން ހަމަލާދީ އެގައުމަށް އަރައިގަތީ އީރާނަކީ ކިހާވަރެއްގެ ގައުމެއްކަމާއި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާއާމެދު އެއްވެސް ވަރަކަށް ދިރާސާއެއް ނަހަދައިކަން އެނގެނީ ހަނގުރާމައަށް އަހަރެއްވާން ކައިރިވެފައިވާއިރު އީރާންގެ މައްޗަށް އެއްވެސް ކާމިޔާބެއް ޓްރަމްޕްގެ ސަރުކާރަށް ހޯދިފައިނެތުމުންނެވެ. މިކަމުގެ ސަބަބުން މިހަނގުރާމައިން ނުކުންނާނެ މަގެއްވެސް އަދި ކޮރޮޑޯއެއް ޓްރަމްޕްގެ ނާގާބިލް ސަރުކާރަށް ނުހޯދި ޓްރަމްޕް މާޔޫސްވެފައިވާ މަންޒަރު ވަރަށް ބޮޑަށް ފެންނަމުންދާކަމަށް ބްލިންކެން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެމެރިކާގެ ކުރީގެ ސަރުކާރުތަކުންވެސް އީރާންއަށް އިސްވެ ހަމަލާދީ ހަނގުރާމަ ނުފެށީ އެކަމުން ހާސިލް ކުރެވޭނެ ކަމެއްނޯންނާނެކަން އެނގޭތީއެވެ. އީރާން ބަލިކޮށްލުމަކީ ނޫނީ އެމެރިކާ އެދޭގޮތަށް އީރާނުގެ ސިޔާސަތު އަނބުރާލުމަކީ ބާރުގެ ބޭނުންކޮށްގެން ކުރެވޭނެ ކަމެއްނޫންކަން އެމެރިކާގެ ކުރީގެ ވެރިންނަށް އެނގޭތީއެވެ.

"އީރާންއާ މުއާމަލާތް ކުރުމުގައި ޓްރަމްޕްގެ ސަރުކާރަށް މިހާރު ރަނގަނޅު އެއްވެސް ޗޮއިސް އެއްނެތް އަދި، ޓްރަމްޕް ފެށި ހަނގުރާމައިގެ ސަބަބުން ނިއުކްލިޔާ ހަތިޔާރާ ވަރަށް ގާތަށް އީރާން ޖެހިލައިފިކަމަށްވެސް މިހާރު އެބަ ބެލެވޭ" ބްލިންކެން ވިދާޅުވިއެވެ. ބްލިންކެން އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ ޚާރިޖީ ވަޒީރެވެ. ބްލިންކެންއަކީ އީރާންއާ ވާހަކަ ދައްކައިގެން ނޫންގޮތަކަށް އީރާންއާއެކު އެއްބަސްވުމަކަށް ނާދެވޭނެކަމަށް ގަބޫލުކުރާ ފިކުރުގެ ބޭފުޅެކެވެ.

މުހައްމަދު ބާގިރު ގަލީބާވް

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއެކު ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އާދެވި އަދި ކަމެއް ހާސިލް ވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އީރާނުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ގަލީބާވް ވިދާޅުވީ އެމެރިކާގެ މަސްއޫލުވެރިންނަކީ ބޮޑާ އަދި ދޮގުހަދާ ބައެއް ކަމުގައެވެ.

ނަމަވެސް އީރާން ކައިރީގައި ބޮޑާކަން ދައްކައިގެން އަދި ދޮގުހަދައި ހަގީގަތް އޮޅުވާލައިގެން ޓްރަމްޕްގެ ސަރުކާރަށް ހާސިލް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން އިއްޔެ ނޫން ކުރީދުވަހު ދައްކާލި މިސައިލް އައު ސިޓީއަކީ އެމެރިކާގެ ހަރުކަށިކަމާއި ޖައްބާރުކަމަށް އީރާނުންދިން ވަރަށް ބޮޑުރައްދެއްކަމަށްވެސް ގަލީބާވް ވިދާޅުވިއެވެ. އީރާނުން މިހާރު މިސައިލް އުފައްދަނީ އީރާން ބޭނުންވާ ކޮންމެތަނަކަށް ހަމަލާދެވޭނެ ދުރުރާސްތާގެ ރޭންޖްތަކުގައި ކަމަށާ އީރާނަށް ހަމަލާދޭންފަށައިފިނަމަ ޔޫރަޕްގައިވާ އެމެރިކާގެ މަރުކަޒުތަކަކީ އީރާނުގެ ލަނޑުދަނޑިތަކަކަށް ވާނެކަމަށް ގަލީބާވް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުގައި މިހާރު އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައިވާ އެމެރިކާގެ ބޭސްތަކާއި ފޯޅަވަހީގައިވާ އެމެރިކާގެ އަސްކަރީ ބޭސްއަށް ހަމަލާދެވޭ ވަރުގެ ދުރުރާސްތާގެ ބަލިސްޓިކް މިސައިލް އެބަހުއްޓެވެ. އީރާނުގެ ނިއުކްލިޔާ ޑޮކްޓްރިން އަލުން މުރާޖައާކުރުމުގެ މަޝްވަރާތައްވެސް އެގައުމުގެ ދީނީ މުރުޝިދު އާއި ރައީސްއާއި އަސްކަރިއްޔާ މިތިން ފަރާތުގެ މެދުގައި ހިނގަމުންދާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އީރާނުން ނިއުކްލިޔާ ޑޮކްޓްރިން އަލުން މުރާޖައާކުރަނީ އީރާނުގެ އަމިއްލަ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމާބެހޭގޮތުން ގޮތެއް ނިންމުމަށް ކަމަށްވެއެވެ.

އީރާނުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ އަމީންއާންމު އަދި އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކުރީގެ ވެރިޔާ ޖެނެރަލް މުހްސިން ރިޒާއީ ވިދާޅުވިގޮތުގައި އީރާނުން ފައްކާކޮށްފައިވާ ޔޫރޭނިއަމް އެގައުމުން ބޭރަށް ގެންދިޔުމުގެ އެއްވެސް ފުރުސަތެއް އީރާން ނުދޭނެއެވެ. ނިއުކްލިޔާ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިޔާ ހައްސާސް މަރުކަޒެއް ހަލާކުވިނަމަ ނިއުކްލިޔާ ރޭޑިއޭޝަން ބޭރުވީހެވެ. އެމެރިކާއާއި އިސްރާއީލުން ހަމަލާދިން އީރާނުގެ ނިއުކްލިޔާ އެއްވެސް މަރުކަޒަކުން ރޭޑިއޭޝަން ބޭރުނުވާކަމަށް އިންޓަނޭޝަލް އެޓަމިކް އެނާޖީ އެޖެންސީންވަނީ ކަށަވަރުކޮށްދީފައެވެ.

ގިނަ މުހައްލިލުންގެ ނަޒަރުގައި އީރާން މިހާރު އެދަނީ ނިއުކްލިޔާ އެންބިގިއުޓީ ނުވަތަ ނިއުކްލިޔާ ހަތިޔާރުގެ މައްސަލާގައި ގޮތްނޭންގޭ ހާލަތެއް އުފެއްދުމާ ދިމާއަށެވެ. މިއީ ނިއުކްލިޔާ ހަތިޔާރު އުފައްދާކަންވެސް އަދި ނުއުފައްދާކަންވެސް ނޭންގޭ ހާލަތެކެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށްފަހު އީރާނުގެ ނިއުކްލިޔާ ހާލަތު އެމެރިކާއާއި އިސްރާއީލަށްވެސް އަދި ނިއުކްލިޔާ ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާއަށްވެސް ނޭންގޭކަމަށް ރިޕޯޓްތައް ބުނެއެެވެ. އީރާނުގެ ނިއުކްލިޔާ ހާލަތާބެހޭ މައުލޫމަތު ފޯރުކޮށްދިން ފަރާތަކަށް 20 މިލިޔަން ޑޮލަރު ގެ އިނާމެއް އެމެރިކާ ހުށަހެޅީވެސް މި ސަބަބާ ގުޅިގެންކަމަށްވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް