މިހާރު ކުރަމުންމިދާ ވިއްސާރަ އިއްޔެއިން ފެށިގެން އަލިވާން ފަށާނެކަމަށް މީގެ ކުރިން ލަފާކޮށްފައިވީނަމަވެސް އަދިވެސް އަލިނުވާކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން، ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އުތުރަށް މޫސުން އަލިވާން ފަށާނެއެވެ، ނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އަދިވެސް ވިއްސާރަކުރާނެކަމަށް މެޓުން ލަފާކުރެއެވެ.
އެ އިދާރާއިން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން، ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ އުތުރުގެ އަތޮޅުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި މެދުރާއްޖެތެރޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
އުތުރުގެ އަތޮޅުތަކަށް އާދައިގެވަރަކަށް ކަނޑު މަޑުވިނަމަވެސް އެހެން ހިސާބުތަކަށް އާދައިގެވަރަކަށް ކަނޑުގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ.
މޫސުން އަދިވެސް އަލި ނުވާއިރު ޖުމްހޫރީ ދުވަހާއި ހަފުތާ ބަންދާއެކު ސަރުކާރު ހަތަރު ދުވަހަށް ވަނީ ބަންދު ކޮށްފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ ކައިރި ހިސާބުތަކަށް ދަތުރުތައް ކުރަމުންނެވެ.