ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާން، ކައިވެނިން ބޭރުން ގުޅުންތަކެއް ބޭއްވިކަން ބޭޒާރުވެ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ހުއާން ވަނީ މެގަސްޕީޑްގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންއާ އެކު ގުޅުމެއް ބޭއްވެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެލިސް ހުއާންއަކީ ޗައިނާގެ ޖާސޫސެއް ކަމަށް ކަނޑައަޅާފައިވާއިރު، ޗައިނާއިން ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
އެންވިޑިއާއިން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ހުއާން އިތުރު އަންހެނަކާ ވެސް ގުޅުން ބޭއްވިކަން ވަނީ ހާމަވެފައެވެ. އެގޮތުން ހުއާންގެ ދަށުން މަސައްކަތްކުރައްވާ އެންވިޑިއާގެ ހެލްތުކެއާ ބައިގެ ވައިސް ޕްރެޒިޑެންޓް ކިމްބާލީ ޕަވެލްއާ އެކު، ކައިވެންޏުން ބޭރުން ލޯބީގެ ގުޅުމެއް ބޭއްވެވި ކަމަށް އެ ކުންފުނީގައި މަސައްކަތްކުރި ފަސް މީހަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ މީހުން ބުނި ގޮތުގައި، 1985 ވަނަ އަހަރުން ފެށިގެން ކައިވެނިބައްލަވައިގެން އުޅުއްވާ ހުއާން އާއި، ކައިވެނިބައްލަވައިގެން އުޅުއްވާ ޕަވެލް މިދިޔަ މާޗް މަހާ ހަމައަށްވެސް އެކުގައި ގާތްކޮށް އުޅުއްވާ ތަން ވަނީ ފެނިފައެވެ.
އެ މައްސަަލަތަކާ ގުޅިގެން ހުއާން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެ ކުންފުނީގެ ބޯޑުން ބައްދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭގެ ފަހުން، އެންވިޑިއާގެ ޑިރެކްޓަރުންގެ ބޯޑުން ނެރުނު ބަޔާނެއްގައި ވަނީ ހުއާން އިސްތިއުފާ ދެއްވައިފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް، އެއީ ކޮން ސަބަބަކާ ހެދި ކަމެއް ބުނެފައިނުވެއެވެ.
ހުއާންގެ މަގާމު ވަގުތީ ގޮތުން ފުރުއްވާނީ، އެންވިޑިއާގެ ޗީފް ފައިނޭންޝަލް އޮފިސަރު ކޮލެޓް ކްރެސް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ހުއާންއަކީ އެންވިޑިއާގެ އެއް ބާނީ ކަމަށްވާއިރު، ދުނިޔޭގެ އެންމެ އަގުހުރި އެއް ކުންފުންޏަށް އެންވިޑިއާ ހެދުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ. އެ ކުންފުންޏަކީ، ޒަމާނީ ވީޑިއޯ ގޭމްތަކާއި ޑޭޓާ ސެންޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ތަމްރީނު ކުރުމަށް ގެންގުޅޭ ސިސްޓަމްތަކުގައި ބޭނުންކުރާ އެޑްވާންސްޑް ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) އުފެއްދުމުގައި އެންމެ ފާހަގަކޮށްލެވޭ ކުންފުންޏެވެ.
ހުއާން ކުންފުނި ވަކިވިއިރު، އެ ކުންފުނީގެ އަގު ހަތަރު ޓްރިލިއަން ޑޮލަރަށް އަރައެވެ.