ޝާހިދު ހައްޔަރުކުރި މައްސަލަ، ހައިކޯޓުގައި މިއަދު ފަށަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ: --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ، އިސްތިއުނާފު މިއަދު މެންދުރު ފަހު ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ޝާހިދުގެ ހައްޔަރުކުރީ މި މަހުގެ ކުރީކޮޅުއެވެ. ޝާހިދު ހައްޔަރުކޮށް، މިހާރު ހުރީ 30 ދުވަހަށް ބަންދު މުއްދަތު ޖަހައިފައެވެ. އެ މައްސަލަ ޝާހިދުގެ ފަރާތުން އިސްތިއުނާފު ކުރިތާ، ހަފްތާއެއްހާ ދުވަސް ފަހުން މިއަދު ފަށަން ތާވަލުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކަކީ އާއްމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދާ މައްސަލަތަކެކެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އުމުރުން 64 އަހަރުގެ ޝާހިދު، އެންމެ ފުރަތަމަ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަގުސަދެއް ނޯންނާނެ ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދުގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު އޭނާ ފައްޓަވާފައި ވަނިކޮށެވެ.

comment ކޮމެންޓް