ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި 160 ބިލިއަން ބާތު (4.72 ބިލިއަން ޑޮލަރު)ގެ ބިޔަ ޕްރޮޕަޓީ މަޝްރޫއެއް ހިންގެވުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބިލިއަނަރު މުހައްމަދު އަލްއައްބާރު ހުށަހަޅުއްވައިފިއެވެ.
ތައިލެންޑުގެ ނޫސްތަކުގައިވާ ގޮތުން އަލައްބާރު ހުށަހަޅުއްވައިފައިވަނީ، އެ ގައުމުގެ ކުންފުންޏަކާއެކު ޖޮއިންޓްވެންޗާ މަޝްރޫއެއްގެ ގޮތުގައި ބެންކޮކްގައި އިންވެސްޓް ކުރުމަށެވެ. އެގޮތުން އިމާރާތް ކުރާ ތަނަށް ލިބެން ޖެހޭ ހުއްދަތައް ލިބިއްޖެ ނަމަ، އެއީ ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ބިނާކުރުން ވެސް އެކަށީގެންވާ ކަމަށް ޕްރޮޕޯޒަލްގައިވެއެވެ.
އެ މަޝްރޫއު ހިންގާނެ ބިމެއް އަދި ރަސްމީކޮށް ކަށަވަރުވެފައި ނުވި ނަމަވެސް، އަލައްބާރުގެ ކުންފުނިން ބަލަމުން އަންނަނީ، ކުރިން ޓެލެފޯން އޯގަނައިޒޭޝަން އޮފް ތައިލެންޑް (ޓީއޯޓީ)އިން ބޭނުންކުރި 2.9 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ކަމަށް ނޭޝަން ތައިލެންޑު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ޕްރޮޕަޓީ އެނަލިސްޓް ސުރަޗެތު ކޮންގްޗީޕްއާ ހަވާލާދީ އެ ނޫހުގައިވަނީ، އަލްއައްބާރުގެ މަޝްރޫއަށް 3.2 އާއި 4.8 ހެކްޓަރާ ދެމެދުގެ ބިމެއް ބޭނުންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބިން މިލްކުކުރުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ވެސް މި މަސައްކަތް ކުރިއަށްގެންދިޔުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރަތަކީ އަލައްބާރުގެ އީމާރު ޕްރޮޕަޓީޒްއިން ދުބާއީގައި ބިނާކޮށްފައިވާ 828 މީޓަރުގެ ބުރުޖު ޚަލީފާއެވެ. ނަމަވެސް ސައޫދީ އަރަބިއްޔާއިން އަންނަނީ 2028ގައި، 1،000 މީޓަރަށް ވުރެ އުސް ޖިއްދާ ޓަވަރު ހުޅުވަން މަސައްކަތްކުރަމުންނެވެ. އެހެންކަމުން، ދުނިޔޭގެ އެންމެ އުސް އިމާރާތް ބެންކޮކްގައި އަޅަން ބޭނުންވާނަމަ، އަލައްބާރުގެ ކުންފުނިން އަޅަން ޖެހޭނީ 1،000 މީޓަރަށްވުރެ އުސް އިމާރާތެކެވެ.
އެ އުއްމީދު އޮތް ނަމަވެސް، ތައިލެންޑުގައި އަޅާ އިމާރާތަކީ އެންމެ އުސް އިމާރާތަށް ނުވެދާނެ ކަމަށް އަލައްބާރު ވިދާޅުވެފައިވާ ކަމަށް ނޭޝަން ނޫހުގައިވެއެވެ. އެގޮތުން އެ ނިންމުން ބިނާވާނީ، އެފަދަ މަސައްކަތްތަކަށް ތައިލެންޑުން ހުއްދަ ދިނުމަށާއި، އެހެނިހެން ގޮންޖެހުންތަކަށް ވެސް ހައްލެއް ހޯދިއްޖެ ކަމަށްވާނަމަ ކަމަށް ޕްރޮޕޯޒަލްގައި ފާހަގަކުރި ކަމަށް ނޭޝަން ނޫހުގައިވެއެވެ.
އެ ހުށަހެޅުމުގައި ވަނީ، އިމާރާތުގައި މީހުން ދިރިއުޅޭނެ ލަގްޒަރީ ޖާގައިގެ އިތުރުން، ޝޮޕިން ސެންޓަރުތަކާއި ވިޔަފާރިތަކަށް ޚާއްސަ ޖާގަ ހިމެނޭނެ ކަމަށެވެ. އަދި އޮފީސްތަކާއި، ބޭރުގެ ފަތުރުވެރިންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށް ހިންގާ ހޮޓެލްތައް ވެސް އެ ޕްރޮޕަޓީގައި ހިމެނުނަށް ހުށަހަޅައިފައިވެއެވެ.
ތައިލެންޑުގެ ގާނޫނުތަކުގެ ދަށުން ބިދޭސީންނަށް ބިން މިލްކުކުރުން ވަނީ ހިފެހެއްޓިފައެވެ. އެ ގައުމުގެ ގާނޫނުތަކުން ބިދޭސީންނަށް ކޮންޑޮމިނިއަމްއެއްގެ 49 އިންސައްތަ މިލްކުކުރުމުގެ ހުއްދަ ދިން ނަމަވެސް، ބިން ލިބެނީ އާންމުކޮށް 30 އަހަރަށް ނުވަތަ ވިޔަފާރި މަޝްރޫއުތަކަށް ގިނަވެގެން 50 އަހަރަށް ކުއްޔަށެވެ.
މީގެ ކުރިން 2024ވަނަ އަހަރު ވެސް އަލްއައްބާރު ބެންކޮކަށް ވަޑައިގެން މަޝްރޫއެއް ފަށަން އޭރުގެ ސަރުކާރާ އެކު މަޝްވަރާ ކުރެއްވި ނަމަވެސް، މަޝްރޫއެއް ފެށިފައެއް ނުވެއެވެ.
ސިއެޓަލް ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި، ދުބާއީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ފުރަތަމަ ޑިރެކްޓަރު ޖެނެރަލްކަން ކުރެއްވި އުމުރުފުޅުން 70 އަހަރުގެ އަލްއައްބާރަކީ 1997ގައި އީމާރު ޕްރޮޕަޓީޒް އަދި 2014ގައި އީގަލް ހިލްސް އުފެއްދެވި ބާނީއެވެ.
ފޯބްސް މިޑްލް އީސްޓުން މި އަހަރު ވަނީ އޭނާގެ މިލްކިއްޔާތު ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށް އަންދާޒާކޮށް، އަރަބި ދުނިޔޭގެ 14ވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު އޭނާއަށް ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަލްއައްބާރުގެ އީގަލް ހިލްސް ކުންފުނިން ވަނީ ރާއްޖޭގައި 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ'ގެ ނަމުގައި ބިޔަ މަޝްރޫއެއް ހިންގުމަށް މިދިޔަ ސެޕްޓެންބަރު 21ގައި ދިވެހި ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ މަޝްރޫއުގެ އަގު 20 ބިލިއަން ޑޮލަރަށް އަރާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މަޝްރޫއު ހިންގަނީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައެވެ. އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރީނާއަކާއި، ލަގްޒަރީ ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން މަތީ ފަންތީގެ ގެދޮރު ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ.
އެއީ ރާއްޖޭގެ ތާރީޚުގައި ހިންގަން ނިންމާ އެންމެ ބޮޑު އިންވެސްޓްމެންޓް މަޝްރޫއު ކަމަށްވާއިރު، އެ މަޝްރޫއުގެ ދަށުން އީގަލް ހިލްސްއަށް ދިގު މުއްދަތަކަށް ބިން ދޫކުރުމާއި، އޭގެ ފަހުން ޕްރޮޕަޓީތައް ވެސް ދިގު މުއްދަތަކަށް ދޫކުރުމާ ދެކޮޅަށް އިދިކޮޅުން އަޑު އުފުލަމުންދެއެވެ.