މެންޗެސްޓާ ޔުނައިޓެޑަކީ އަހަރެންގެ ދިރިއުޅުމުގެ ބައެއް؛ އެކަމެއް ދުވަހަކުވެސް ބަދަލެއް ނުވާނެ: ކެރިކް

މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް އަދި ކުރީގެ ކޯޗު، މައިކަލް ކެރިކް--

މެންޗެސްޓާ ޔުނައިޓެޑަކީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަމަށާއި ދުވަހަކުވެސް އެކަމަކަށް ބަދަލެއް ނާންނާނެކަމަށް، މެންޗެސްޓާ ޔުނަިއޓެޑުގެ ކޯޗުކަމުން އިއްޔެ ވަކިކޮށްފައިވާ އެ ކުލަބުގެ ލެޖެންޑު، މައިކަލް ކެރިކް ބުނެފިއެވެ.

ފާއިތުވި 40 އަހަރުތެރޭ މެންޗެސްޓާ ޔުނައިޓެޑުން ސީޒަނެއް ފަށާފައިވާ އެންމެ ދަށް ނަތީޖާތަކާއެކު ރެލިގޭޝަން ޒޯނުގައި އޮތް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ކެރިކް ވަކިކުރުމާއެކު، ކުލަބުގެ ސަޕޯޓަރުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދިން މެސެޖެއްގައި ކެރިކް ބުނެފައިވަނީ، އޭނާ އެންމެ ލޯބިވާ ކުލަބުގެ ކޯޗުކަން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެއީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ ޝަރަފެއް ކަމަށެވެ. އެހެންކަމުން އޭނާއަށް އެ ޝަރަފު ލިބުނުކަމަށްޓަކައި އިންތިހާއަށް ޝުކުރުވެރިވާކަމަށް ކެރިކްގެ މެސެޖުގައި ބުނެފައިވެއެވެ.

ކެރިކްގެ މެސެޖުގައި ބުނެފައިވަނީ، މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމާއެކު ވަރަށް ބޮޑެތި ޒިންމާތަކެއްވެސް އުފުލަންޖެހޭ ކަަމަށާއި އެ މަގާމުގައި ދެމިހުރުމަށްޓަކައި އެ ޒިންމާތަކުގެ އިހުސާސް، އޭގެ އެންމެ ފުން މިނުގައި ކުރެވެންޖެހޭ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑަކީ އެހެން ހުރިހައި ކުލަބަކަށްވުރެ ތަފާތު، ތާރީޚީ ކުލަބެއްކަމަށް ބުނެ، ކެރިކްގެ މެސެޖުގައި ވަނީ ބަލި ގަބޫލުކުރުމަކީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މި ކުލަބުގައި އޮވެގެންވާނެ ކަމެއް ނޫންކަމަށާއި، މެޗު ނިމެންދެންވެސް މޮޅުވެވޭތޯ މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރި ދުވަސްވަރު އައި ހުރިހާ އަޑިގުޑަންތަކުގައިވެސް އޭނާ އާއެކު ތިބި ސަޕޯޓަރުންނަށް ކެރިކް ވަނީ ފަށްފަށުން ޝުކުރުއަދާކޮށްފައެވެ. ފަހަކަށް އައިސް ޓީމަށް އެހައި އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާކަން ގަބޫލުކުރާކަމަށާއި އެވަގުތުތަކުގައިވެސް ސަޕޯޓަރުން ދީފައިވާ ލޯތްބަށް ކެރިކް ޝުކުރުއަދާކޮށްފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކެރިކް ވަނީ ޖުމްލަ 18 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެތެރޭ، އިނގިރޭސި ލީގު ފަސް ފަހަރު، ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔޫރޮޕާ ލީގު، ފީފާ ކުލަބް ވޯލްޑް ކަޕް އަދި އެފްއޭ ކަޕު އެއްފަހަރު، ކަރަބާއޯ ކަޕު ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ހަފަހަރު ކާމިޔާބުކޮށްފައިވެއެވެ.

އޭނާ ރަސްމީކޮށް ކުޅުން ހުއްޓާލާފައިވަނީ 18-2017 ސީޒަނަށްފަހު، 2018 ވަނަ އަހަރުގެ މެއި މަހުއެވެ.

comment ކޮމެންޓް