ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް، މިވަގުތު އެމެރިކާ ޤައުމީ ޓީމުގެ ކޯޗުކަމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވެއްޖެކަމަށް، ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.
މިކަން ހާމަކޮށް އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ފަބްރީޒިއޯ ބުނެފައިވަނީ ޖޫން، 2029 ގެ ނިޔަލަށް ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާން ޕޮޗެޓީނޯ އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުން މިކަމާ ގުޅިގެން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުން ޓީމާ ހަވާލުވާން ޕޮޗެޓީނޯ، މެންޗެސްޓާއަށް ދާނީ އަންނަ ހަފުތާގެ ތެރޭއެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ މީގެ ކުރިން އެޓީމުގެ ކޯޗުކަމުގައި ހުރި ކުލަބް ލެޖެންޑް، މައިކަލް ކެރިކް، އެ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ސީޒަނެއް ފެށި އެންމެ ދަށް ނަތީޖާތަކާއެކު، ލީގު ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގައި ޓީމު އޮތުމުން ކްލަބުގެ ވެރިން މި ނިންމުން ނިންމާފައިވަނީ އިއްޔެއެވެ.
އުމުރުން 45 އަހަރުގެ ކެރިކް ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ހަމަޖެއްސީ ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ހޯދި ކާމިޔާބީތަކަށްފަހު، 2028 ވަނަ އަހަރުގެ ނިޔަލަށް ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް މި ސީޒަނުގެ ލީގުގައި މިހާތަނަށް އެންމެ މެޗަކުން މޮޅުވެފައިވާއިރު، ހުރިހާ މުބާރާތެއްގައި ވެސް މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. އަދި ސެޕްޓެމްބަރު މަހު ބްރައިޓަން އަތުން ބަލިވެ ކަރަބާއޯ ކަޕުން ވެސް ޔުނައިޓެޑް ވަނީ ކަޓާފައެވެ.
ކެރިކް މަގާމުން ވަކިކުރުމަށް ކްލަބުގެ ސީއީއޯ އޮމަރު ބެރާޑާ އާއި ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް ލަފާދެއްވާފައިވާއިރު، މޮނާކޯގައި ކްލަބުގެ ހިއްސާދާރު ސާ ޖިމް ރެޓްކްލިފްއާއެކު ބޭއްވި ބައްދަލުވުމަށްފަހު މި ނިންމުން ވަނީ ތަންފީޒުކޮށްފައެވެ.
ކެރިކްގެ އެއްބަސްވުމުގައި ހިމެނޭ ބްރޭކް ކްލޯޒްގެ ދަށުން އޭނާ މަގާމުން ވަކިކުރުމުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ތިން މިލިއަން ޕައުންޑް ޔުނައިޓެޑުން ދައްކަން ޖެހޭނެއެވެ.