މެގަސްޕީޑްގެ ކުންފުންޏަކުން އެތެރެކުރި އޭއައި ޗިޕްތަކެއް ބޭރުކުރިތޯ މެލޭޝިއާއިން ބަލަނީ

ސިންގަޕޫރުގެ ކްލައުޑް ކޮމްޕިއުޓިން ކުންފުންޏެއް ކަމަށްވާ މެގަސްޕީޑްގެ ދަށުން ހިންގާ ސްޕީޑްމެޓްރިކްސްއިން މެލޭޝިއާއަށް އެތެރެކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތަކެއް އެހެން ގައުމުތަކަށް އަލުން އެކްސްޕޯޓްކޮށްފައިވޭތޯ މެލޭޝިއާއިން ދަނީ ބަލަމުންނެވެ.

މެލޭޝިއާގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓްރީ (އެމްއައިޓީއައި) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޗިޕްތައް އެހެން ގައުމުތަކަށް ބޭރުކޮށްފައިވޭތޯއާއި އެކަން ކޮށްފައިވަނީ ގާނޫނާ އެއްގޮތަށްތޯ ކަސްޓަމްސްއާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އަދި މެގަސްޕީޑަށާއި މެލޭޝިއާގެ ޑޭޓާ ސެންޓަރުތަކުގައި ތަންތަން ކުއްޔަށް ހިފައިގެން ސާވާތަކާއި އޭއައި ޗިޕްތައް އެތެރެކުރި ސްޕީޑްމެޓްރިކްސްއަށް އެ މިނިސްޓްރީން ދުވަހަކުވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފެންމަތިވީ، ޒަމާނީ ސެމީކޮންޑަކްޓަރުތަކަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށް މެގަސްޕީޑް ބޭނުންކޮށްފައިވެދާނެ ކަމަށް އެމެރިކާގެ ސެނެޓަރަކު ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެމެރިކާއިން ވަނީ ޗައިނާއަށް އޭއައި ޗިޕް އެކްސްޕޯޓްކުރުން ހަރުކަށިކޮށް، މިދިޔަ ޖެނުއަރީ 13 ގައި އެންވިޑިއާ އެޗް200 ފަދަ ޗިޕްތަކުގެ ލައިސަންސް އުސޫލުތައް މުރާޖައާކޮށްފައެވެ.

މީގެ އިތުރުން، މެގަސްޕީޑްގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންގްއާއި އެންވިޑިއާގެ އޭރުގެ ސީއީއޯ ޖެންސެން ހުއާންގްއާ ދެމެދު އޮތް ގުޅުންތަކާ ބެހޭ ރިޕޯޓުތަކަކާ ގުޅިގެން އެ ކުންފުންޏަށް ވަނީ ސަމާލުކަން ހުއްޓިފައެވެ. އެލިސް ހުއާންގް ޗައިނާއަށް ޖާސޫސްކޮށްދިން ކަމަށް އެމެރިކާއިން ތުހުމަތުކުރާއިރު، ޗައިނާއިން އެކަން ދޮގުކުރެއެވެ. އަދި މެގަސްޕީޑުން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށެވެ.

މެލޭޝިއާއިން ޖުލައި 14، 2025 އިން ފެށިގެން ވަނީ އެމެރިކާގެ އުފެއްދުންތައް ކަމަށްވާ މަތީ ފެންވަރުގެ އޭއައި ޗިޕްތައް އެ ގައުމުން ބޭރުކުރުމަށާއި ޓްރާންސްޝިޕްކުރުމަށް ސްޓްރެޓީޖިކް ޓްރޭޑް އެކްޓުގެ ދަށުން ހާއްސަ ހުއްދައެއް ނަގަން މަޖުބޫރުކޮށްފައެވެ. އެމްއައިޓީއައިއިން ބުނީ އެމެރިކާއާއި ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށާއި، ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ވިސްނަމުންދާ ކަމަށެވެ. އެހެން ގައުމުތަކުން އަމިއްލައަށް އަޅާ ފިޔަވަޅުތައް މެލޭޝިއާއިން ތަންފީޒު ނުކުރި ނަމަވެސް، އެ ގައުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބައިނަލްއަގުވާމީ ވިޔަފާރީގައި އެފަދަ ފިޔަވަޅުތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނޫސް އޭޖެންސީ ބަރްނާމާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިންގަޕޫރުން ނުވަތަ އެމެރިކާއިން އެހީތެރިކަމަށް އެދިފައި ނުވި ނަމަވެސް، ކޮންމެ ތަހުގީގަކަށްވެސް މެލޭޝިއާއިން އެއްބާރުލުން ދޭނެއެވެ. މެލޭޝިއާއަކީ ވިޔަފާރީގެ ގައުމެއް ކަމަށާއި، އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާއިރު ގަވާއިދުތަކަށް އަމަލުކުރޭތޯ ކަށަވަރުކުރަން ބޭނުންފުޅުވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މެގަސްޕީޑާ ގުޅުންހުރި އެއްވެސް އޭއައި ޗިޕެއް މެލޭޝިއާއިން ބޭރުކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އަންވަރު އިބްރާހީމް ވިދާޅުވިއެވެ.

comment ކޮމެންޓް