އެންވީޑިއާގެ ސީއީއޯއަކަށް ޓިމް ކުކް؟

ޓިމް ކުކް-- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފައްދާ އެންވީޑިއާގެ އާ ސީއީއޯއަކަށް އެޕަލްގެ ކުރީގެ ސީއީއޯ ޓިމް ކުކް އައްޔަންކުރުމަށް އިއްޔެ ހުށަހަޅުއްވައިފިއެވެ.

ކައިވެނިން ބޭރުން އަންހެނުންތަކަކާ ބޭއްވި ގުޅުންތަކެއްގެ މައްސަލައިގައި، އެންވީޑިއާގެ ބޯޑުން އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގްއާ ވަކިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެ މަގާމަށް އެންމެ އެކަށީގެންވަނީ ޓިމް ކުކް ކަމަށެވެ. އެ ކުންފުންޏަށް ދާއިމީ ސީއީއޯއަކު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ކުންފުނީގެ އެތެރެއިންނާއި ބޭރުން ކުރިމަތިލާ ފަރާތްތަކަށްވެސް ބޯޑުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެންވީޑިއާއިން ބުންޏެވެ.

https://www.sun.mv/230438

އެންވީޑިއާގެ ވަގުތީ ސީއީއޯއަކަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކޮލެޓް ކްރެސް އިއްޔެ ވަނީ އައްޔަންކޮށްފައެވެ. ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދަވާ ކޮލެޓް ކްރެސް ވަނީ މީގެ ކުރިން މައިކްރޯސޮފްޓާއި ސިސްކޯ އަދި ޓެކްސަސް އިންސްޓްރޫމަންޓްސްގައިވެސް މަސައްކަތްކުރައްވާފައެވެ.

މީގެ އިތުރުން، 2004 ވަނަ އަހަރު އެންވީޑިއާއާ ގުޅިވަޑައިގެން، އެ ކުންފުނީގެ ސީޔޫޑީއޭ ސޮފްޓްވެއާ ޕްލެޓްފޯމް ތަރައްގީކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އިއާން ބަކްއަކީވެސް މި މަގާމަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޕްރެޑިކްޝަން މާކެޓް ވެބްސައިޓެއް ކަމަށްވާ ޕޮލީމާކެޓްގައި ވިޔަފާރިކުރާ ފަރާތްތަކުން ދާއިމީ ސީއީއޯއަކަށް އެންމެ ބޮޑަށް ފުރުސަތު އޮތް ކަމަށް ބަލަނީ އިއާން ބަކްއަށެވެ. އޭގެ ފަހަތުން ދެން އެންމެ ކުރީގައި އުޅުއްވަނީ ކޮލެޓް ކްރެސްއާއި، އާމް ހޯލްޑިންގްސް (އާމް) ގެ ސީއީއޯ ރެނޭ ހާސް އަދި ޓިމް ކުކްއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗިޕް ސިނާއަތް ދިރާސާކުރާ ފަރާތްތަކުން މި މަގާމަށް އެންވީޑިއާއިން ބޭރުގެ އިތުރު ބޭފުޅުންތަކެއްގެ ނަންތައްވެސް ދަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި ކުރިން އެންވީޑިއާގައި ހަތް އަހަރު ހޭދަކުރެއްވި އާމްގެ ސީއީއޯ ރެނޭ ހާސްއާއި، އިންޓެލްގެ ކުރީގެ ސީއީއޯ ޕެޓް ގެލްސިންގާ ހިމެނިވަޑައިގަންނަވައެވެ. އަދި އެންވީޑިއާގެ ވާދަވެރި އޭއެމްޑީގެ ސީއީއޯ ލީސާ ސޫއަކީވެސް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށާއި، އޭއެމްޑީން ވަނީ ޗައިނާގެ އޭއައި ޗިޕް މާކެޓުގެ ހަތަރު އިންސައްތަ ހިއްސާ ހޯދާފައި ކަމަށް އެ ނޫހުން ބުންޏެވެ. މީގެ އިތުރުން، އެއް ޓްރިލިއަން ޑޮލަރުގެ އަގުހުރި މައިކްރޮންގެ ސީއީއޯ ސަންޖޭ މެހްރޯތުރާއާއި، މާވެލް ޓެކްނޮލޮޖީގެ ސީއީއޯ މެޓް މާފީ އަދި އެޕަލްގެ ޗީފް ހާޑްވެއާ އޮފިސަރު ޖޮނީ ސްރޫޖީވެސް މި ލިސްޓުގައި ހިމެނިވަޑައިގަންނަވައެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެޕަލްގެ ކޯ-ފައުންޑަރު ސްޓީވް ޖޮބްސް އަވަހާރަވުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯކަމާ ހަވާލުވެވަޑައިގެންނެވި ޓިމް ކުކް ވަނީ، 15 އަހަރުގެ ތެރޭގައި އެ ކުންފުނީގެ މާކެޓް އަގު 350 ބިލިއަން ޑޮލަރުން 4.5 ޓްރިލިއަން ޑޮލަރަށް އުފުއްލަވާފައެވެ. މިދިޔަ ސެޕްޓެންބަރު މަހު ޖޯން ޓާނަސް އެޕަލްގެ ސީއީއޯކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޓިމް ކުކް މިހާރު ހުންނެވީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައެވެ. އެޕަލްގެ އުފެއްދުންތައް ތައްޔާރުކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ޗައިނާ ބޭނުންކުރެއްވި ޓިމް ކުކް ވަނީ، ފޯނު މެދުވެރިކޮށް ގަވާއިދުން ވާހަކަދައްކަވައި، ހާއްސަ ކެއުންތަކުގައި ބައިވެރިވެވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގާތް ގުޅުމެއް ބާއްވަވާފައެވެ.

comment ކޮމެންޓް