ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސްއިން، އެ ކުންފުނީގެ މިހާރުގެ އިންވެސްޓަރުންގެ އަތުން 6 ބިލިއަން ޑޮލަރާ ހަމައަށް ހިއްސާ އަނބުރާ ގަތުމަށް ރާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބައިނަލްއަގުވާމީ ޚަބަރު ފަތުރާ އިދާރާ "ރޮއިޓާސް" އިން "ދަ އިންފޮމޭޝަން" އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މުއާމަލާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ޖުމްލަ އަގު ގާތްގަނޑަކަށް 400 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބަލައިގެންނެވެ.
މި ނިންމުމާ ގުޅޭ މައުލޫމާތު ލިބިފައިވަނީ ބައިޓްޑާންސްއިން އެ ކުންފުނީގެ ހިއްސާދާރުންނަށް ފޮނުވި ސިޓީއަކާއި، މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ "ދަ އިންފޮމޭޝަން" އިން ޝާއިއުކުރި ރިޕޯޓަކުންނެވެ.
ނަމަވެސް، މި ރިޕޯޓުގައިވާ މައުލޫމާތުގެ ސައްހަކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށް ރޮއިޓާސްއިން ވަނީ ހާމަކޮށްފައެވެ.
ބައިޓްޑާންސްއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކްގެ އިތުރުން، ޗައިނާގައި ބޭނުންކުރާ "ޑޫޔިން" އާއި ޚަބަރު އެގްރިގޭޓަރު "ޓޫޓިއާއޯ" ފަދަ މަޝްހޫރު އެޕްލިކޭޝަންތައް ހިންގާ ކުންފުންޏެވެ. 2012 ވަނަ އަހަރު ޗައިނާގެ ވިޔަފާރިވެރިޔާ ޒާންގް ޔިމިންގް އުފެއްދި މި ކުންފުންޏަކީ، މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ޕްރައިވެޓް ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
އާންމުކޮށް ބައިޓްޑާންސް ފަދަ ބޮޑެތި ޕްރައިވެޓް ކުންފުނިތަކުން ހިއްސާ އަނބުރާ ގަތުމުގެ (ޝެއާ ބައިބެކް) ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ، ކުންފުނި ޕަބްލިކް ކޮށްގެން ހިއްސާގެ ބާޒާރަށް ނުނިކުމެ، ކުންފުނީގެ ކުރީގެ އިންވެސްޓަރުންނަށާއި މުވައްޒަފުންނަށް އެމީހުންގެ ހިއްސާ ވިއްކާލައި ނަގުދު ފައިސާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. މީގެ ކުރިންވެސް އެ ކުންފުނިން ވަނީ އެކި ފަހަރު މަތިން މިފަދަ ބައިބެކް ޕްރޮގްރާމްތައް ހިންގައި، ކުންފުނީގެ އަގު އުފުލެމުންދާ މިންވަރު ދައްކުވައިދީފައެވެ.
އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޓިކްޓޮކަށް ބޮޑެތި ފިއްތުންތަކާއި ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ބައިޓްޑާންސްގެ އާމްދަނީއާއި ވިޔަފާރި ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން އީ-ކޮމާސްއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއަށް އެ ކުންފުނިން ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު، ކުންފުނީގެ ޖުމްލަ އަގު ވަނީ އަނެއްކާވެސް ބޮޑުތަނުން އުފުލިފައެވެ.