ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
މި ސަމިޓް ކުރިއަށްދާނީ މިއަދުން އަންނަ ހޮނިހިރު ދުވަހަށް ތުރުކީވިލާތުގެ އަންތާލިޔާގައެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވާނެ ކަމަށެވެ. މީގެއިތުރުން، ސަމިޓުގެ ހަވާސާގައި ކުރިއަށްދާ މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިންނާއެކު ދޭދޭ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ މުހިންމު ސަމިޓެކެވެ. މޫސުމީ މައްސަލަތަކަށް އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމާޢީ ޙައްލުތަކެއް ހޯދުމަށްޓަކައި، ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންގެ އިތުރުން މަދަނީ ޖަމުޢިއްޔާތަކުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ، އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް 2015 ވަނަ އަހަރު އެކުލަވައިލެވުނު މަޝްހޫރު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.