އެމެރިކާގެ ވާޖީނިއާގެ މަނާސަސްގައި ދިރިއުޅުނު މަމްތާ ކަފްލޭ ބަޓް ގަސްދުގައި މަރާލުމުގެ ކުށް އޭނާގެ ފިރިމީހާ ނަރޭޝް ބަޓްގެ މައްޗަށް އަންގާރަ ދުވަހު ޖޫރީން ސާބިތުކޮށްފިއެވެ.
ކޯޓު އޮފިޝަލުންނާ ހަވާލާދީ ފޮކްސް 5 ޑީސީން ބުނި ގޮތުގައި، އަނބިމީހާ މަރާލުމުގެ އިތުރުން އޭނާގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމާއި ހަށިގަނޑު ފޮރުވުމުގެ ދައުވާ ވެސް 39 އަހަރުގެ ނަރޭޝް ބަޓްގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން ނަރޭޝް ބަޓް ބުނީ، އަނބިމީހާ މަރުވީ އަމިއްލައަށް ކަމަށާއި އޭނާ މަރާލާފައި ނުވާނެ ކަމަށެވެ. ނަމަވެސް، ކޮޓަރި ތެރޭގައި ހޮޑާއި ލެޔާއެކު އަދި ސެލްފޯސް ނަމަކަށް ކިޔާ ވިހަ ބޭހެއްގެ ޕެކެޓެއް ކައިރީގައި އޮއްވައި އަނބިމީހާ ހޭނެތިފައި އޮތް ތަން ފެނުމުން ބިރުގަނެ ހާސްވެގެން ގޮސް، ހަށިގަނޑު ކޮށާލައި ކުނި ކޮތަޅުތަކަކަށް އަޅައިގެން އުކާލީ ކަމަށް އޭނާ އެއްބަސްވިއެވެ. އަދި އެ ދަތުރުތަކުގައި އޭރު 11 މަހުގެ ދަރިފުޅު ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިންސް ވިލިއަމް ކައުންޓީ އަދި މަނާސަސް ސަރަހައްދުގެ ކޮމަންވެލްތު އެޓާނީ އޭމީ އޭޝްވޯތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ނިންމުމަކީ މަމްތާ ކަފްލޭ ބަޓަށް ލިބުނު އިންސާފެއް ކަމަށާއި، ދެ އަހަރަށް ވުރެ ގިނަ ދުވަހު ހިތާމައިގައި ތިބި އޭނާގެ އާއިލާއަށް ކުރިއަށް ދިއުމަށް ލިބުނު ތަސައްލީއެއް ކަމަށެވެ. ހުކުމް އިއްވުމުން އާއިލާގެ މެންބަރުން އުފަލުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއިރު، މަމްތާގެ ގާތް އެކުވެރިޔާ ހޮލީ ވާތު ކޯޓު ބޭރުގައި ބުނީ، ހަގީގަތް ފާޅުވެއްޖެ ކަމަށާއި މަމްތާގެ ދަރިފުޅަށް އެންމެ ރަނގަޅު ދިރިއުޅުމެއް ހޯދައިދޭނެ ކަމަށެވެ. އަދި އަނެއް އެކުވެރިޔާ ސުނީތާ ބަސްނެތު ބުނީ، މި ނިންމުމާ މެދު އުފާވާ ކަމަށާއި ނަމަވެސް ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އުމުރުން 28 އަހަރުގެ ނަރުހެއް ކަމަށްވާ މަމްތާ އެންމެ ފަހުން ފެނިފައިވަނީ ޖުލައި 27، 2024 ގައި އޭނާ ވަޒީފާ އަދާކުރި ޔޫވީއޭ ހެލްތު ޕްރިންސް ވިލިއަމް މެޑިކަލް ސެންޓަރުން ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހަށިގަނޑު މިހާތަނަށް ވެސް ފެނިފައެއް ނުވެއެވެ.
މަމްތާ މަރާލުމުގެ ކުށުގައި ނަރޭޝް ބަޓަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްއިރު، ހަށިގަނޑާ މެދު އަމަލުކުރި ގޮތުގެ ދެ ދައުވާއިން ކުރެ ކޮންމެ ދައުވާއަކަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ނޮދަން ވާޖީނިއާ މެގަޒިނުން ރިޕޯޓުކޮށްފައިވެއެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި އޮތް އޮތުން ފަނޑިޔާރު ބާތިލުކުރައްވާފައިވާއިރު، އޭނާއަށް ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާޗް 12، 2027 އަށެވެ.