އިންޑިއާއަށް އަރުވާލެވިގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ގައުމަށް އެނބުރި ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓަކާއި ގައުމީ އައިޑެންޓިޓީ ކާޑެއް ހޯއްދެވުމަށް މިއަދު ރަސްމީކޮށް އެދިވަޑައިގެންފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 2024 ވަނަ އަހަރު ވެރިކަން ވެއްޓުމުން ގައުމު ދޫކުރައްވައި ވަޑައިގެންނެވި ފަހުން އެކަމަނާ މިފަދަ ހުށަހެޅުއްވުމެއް ހުށަހެޅުއްވި ފުރަތަމަ ފަހަރެވެ. ލަންޑަންގެ މެޓްރިކްސް ޗެމްބާސްގައި ތިއްބެވި ހަސީނާގެ ގާނޫނީ ވަކީލުން މިކަމަށް އެދި ސިޓީ ފޮނުއްވާފައިވަނީ ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ އެކްޓިން ހައި ކޮމިޝަނަރު ޕްރީތީ ރަހްމާންއަށެވެ.
އެ ސިޓީގައި ވަކީލުން ވިދާޅުވެފައިވަނީ، ވަގުތީ ސަރުކާރުން ހަސީނާގެ ޕާސްޕޯޓާއި އައިޑީ ކާޑު ބާތިލުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތެއްގެ ހައިސިއްޔަތުންނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކުގެ ދަށުން ލިބިދޭ ހައްގުތަކަށް ރިއާޔަތްކޮށް އަވަސް ގޮތެއްގައި އާ ލިޔެކިޔުންތައް ދޫކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަންނަ ޑިސެންބަރު މަހު ގައުމަށް އެނބުރި ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ހަސީނާ ވަނީ ރޮއިޓާސްއަށް ވިދާޅުވެފައެވެ. އަދި އިދާރީ ކަންކަން ނިމުމުން ވަޑައިގަންނަވާނެ ތާރީހެއް އިއުލާންކުރައްވާނެ ކަމަށް އެކަމަނާގެ އެހީތެރިން މިއަދު ވިދާޅުވިއެވެ.
ދަރިވަރުން އިސްވެ ކުރިއަށްގެންދިޔަ މުޒާހަރާތައް ހުއްޓުވުމަށް ދިން ހަމަލާތަކާ ގުޅިގެން، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ކުށް ސާބިތުވެ ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ވަނީ ނޮވެންބަރު 17، 2025 ގައި ހަސީނާގެ ޣައިރު ހާޒިރުގައި އެކަމަނާއަށް މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް ހަސީނާ ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ.
ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އެކަމަނާގެ އަވާމީ ލީގު ޕާޓީ މަނާކޮށްފައިވާއިރު، އެ ޕާޓީގެ ގިނަ އިސްވެރިން ވަނީ ޖަލަށް ލާފައި ނުވަތަ ގައުމުން ބޭރަށް ވަޑައިގެންފައެވެ. ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދިނުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ.
ހަސީނާގެ މި ހުށަހެޅުއްވުމާ ގުޅޭގޮތުން ނިއު ދިއްލީގައި ހުންނަވާ ޕްރީތީ ރަހްމާން އަދި ޑާކާގައި ހުންނެވި ބޮޑުވަޒީރު ތާރިގް ރަހްމާންގެ ތަރުޖަމާނުންވެސް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.