އިންޑިއާގެ ފިލްމީ ދާއިރާގައި އެންމެ މަޤްބޫލު އެއް ޖޯޑު ކަމަށްވާ ވިޖޭ ދޭވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ ލީޑް ރޯލުން ފެނިގެންދާ ތާރީޚީ ޑްރާމާ ފިލްމު "ރަނަބާލީ"، މާދަމާ ނެޓްފްލިކްސްއިން ޕްރީމިއަ ކުރަން ނިންމައިފިއެވެ.
ނެޓްފްލިކްސްއިން ރަސްމީކޮށް އިއުލާންކުރި ގޮތުގައި، ހުސްވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމު ތެލުގޫ، ހިންދީ، ތަމަޅަ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.
އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު، އެތައް ލައްކަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ލާއިންސާނީ ޤަތުލުއާންމެއްގެ ހިތްދަތި ހާދިސާގެ މައްޗަށް ބިނާކޮށް ރާހުލް ސަންކްރިތިޔާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ވިޖޭ ފެނިގެންދަނީ އިނގިރޭސިންނާ ދެކޮޅަށް ނުކުންނަ ޖެހިލުންކުޑަ ހަނގުރާމަވެރިއެއްގެ ރޯލުންނެވެ.
ފިލްމު "ރަނަބާލީ"ގެ މަންޒަރެއްގައި ވިޖޭ އަދި ރަޝްމިކާ--ފޮޓޯ/ސްކްރީންފިލްމުގައި އޭނާގެ އަނބިމީހާގެ ރޯލުން ރަޝްމިކާ ފެނިގެންދާއިރު، މަޝްހޫރު "ދަ މަމީ" ފިލްމު ސީރީޒްގެ ނުބައިބައި ރޯލުން ވިދާލި އެކްޓަރު އާނޯލްޑް ވޮސްލޫ މި ފިލްމުގައި އަދާކުރަނީ އިނގިރޭސި އޮފިސަރެއް ކަމަށްވާ ސަރ ތިއޮޑޯ ހެކްޓަރުގެ ބައެވެ. މައިތުރީ މޫވީ މޭކާސްއިން ޕްރޮޑިއުސްކޮށް، މަޝްހޫރު އަޖޭ-އަތުލްގެ މިއުޒިކާއެކު ގެނެސްދޭ މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް "ޓެކްސީވާލާ" އަށްފަހު ވިޖޭ އާއި ޑައިރެކްޓަރު ރާހުލް ގުޅިގެން ގެނެސްދިން ދެވަނަ އުފެއްދުމެވެ.
ފިލްމު "ގީތާ ގޯވިންދަމް" އަދި 2019 ވަނަ އަހަރުގެ "ޑިއަ ކޮމްރޭޑް" އަށްފަހު ވިޖޭ އާއި ރަޝްމިކާ އަލުން އެކުގައި ސްކްރީނުން ފެނިގެންދާ މި ފިލްމަކީ ބެލުންތެރިންނަށް ޚާއްޞަ ފިލްމެކެވެ. އެއީ މި ދެ ތަރިންގެ ކައިވެންޏަށްފަހު އެކުގައި ކުޅުނު ފުރަތަމަ ފިލްމަށްވާތީއެވެ. އާއިލާ އާއި ގާތް ރަޙްމަތްތެރިންގެ ހާޒިރުގައި އުދޭޕޫރުގައި މި ދެ ތަރިން ކައިވެނި ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.