ކުރުސި ލިޔެފައިވާ ގަހަނާއެއް އެޅި މައްސަލައިގައި ކަރީނާއަށް ގާނޫނީ ނޯޓިހެއް ފޮނުވައިފި

އިންޑިއާގެ ބަތަލާ ކަރީނާ ކަޕޫރު ޚާން--ފޮޓޯ/ޕިންކްވިލާ

އިންޑިއާގައި ފާހަގަ ކުރަމުން އަންނަ ދީވާލީގެ މުނާސަބަތުގައި އާންމުކުރި ފޮޓޯތަކެއްގައި އަޅާފައިވާ ތާރީޚީ ގަހަނާއެއްގައި ކީރިތި ޤުރުއާނުގެ އާޔަތެއް ލިޔެފައިވާ ކަމަށް ބުނެ، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން އާއި އޭނާގެ ސްޓައިލިސްޓް ރިއާ ކަޕޫރަށް ގާނޫނީ ނޯޓިހެއް ފޮނުވައިފިއެވެ.

ދީނީ ޝުޢޫރުތަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް އެ ގަހަނާ ބޭނުންކޮށްފައިވާ ކަމަށް ބުނެ، އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކޮންގްރެސް ޕާޓީގެ ތަރުޖަމާނު އައްބާސް ހަފީޒް ފޮނުވި މި ނޯޓިހުގައި، މި މައްސަލައިގެ ޒިންމާދާރުންގެ ގޮތުގައި ކަރީނާ އާއި ރިއާގެ ނަން ވަނީ ހިމަނާފައެވެ.

މި މައްސަލައިގެ އަސްލަކަށް ވެފައިވަނީ، ކަރީނާގެ ސަގާފީ ހެދުމާއެކު އަޅާފައިވާ ފެހި ރަތުގެ (އެމެރަލްޑް) ފުލެއްގައި ކީރިތި ޤުރުއާނުގެ މާތް އާޔަތެއް ކަމަށްވާ އާޔަތުލް ކުރުސި ބިންވަޅު ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރުމެވެ. އެކަމާ ގުޅިގެން ފޮނުވި ގާނޫނީ ނޯޓިހުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ހިންދޫންނާއި، ސިކް ދީނުގެ މީހުންގެ އިތުރުން ނޭޕާލްގެ ނެވާރް ބުދު ދީނުގެ މީހުންދީނީ ހަފުލާއެއްގައި ފެޝަނެއްގެ ގޮތުގައި މިފަދަ މުޤައްދަސް ލިޔުމެއް ބޭނުންކުރުމަކީ މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އިހާނެތިކޮށް ހިތައި، އެތައް ބައެއްގެ ހިތުގައި ނުތަނަވަސްކަން އުފެއްދި ކަމެކެވެ.

ކަރީނާގެ ސަގާފީ ހެދުމާއެކު އަޅާފައިވާ ފެހި ރަތުގެ (އެމެރަލްޑް) ފުލުގެ ފޮޓޯއެއް--ފޮޓޯ/ޕިންކްވިލާ

އައްބާސް ހަފީޒް ފޮނުވި ނޯޓިހުގައި ވަނީ، ސޯޝަލް މީޑިއާގެ ހުރިހާ މަންސަތަކަކުން އެ ފޮޓޯތައް ވަގުތުން ނެގުމަށާއި، ކަރީނާ އާއި ރިއާ ޝަރުތެއް ނެތި އެކަމަށް މާފަށް އެދުމަށް ޑިމާންޑްކޮށްފައެވެ. މި ފިޔަވަޅު އަޅަނީ ކޮންގްރެސް ޕާޓީގެ ހައިސިއްޔަތުން ނޫން ކަމަށާއި، އެއީ މުސްލިމެއްގެ ހައިސިއްޔަތުން އަމިއްލަ ގޮތުން ކުރިއަށްގެންދާ ކަމެއްކަން ހަފީޒް ވަނީ ސާފުކޮށްދީފައެވެ. ހަމައެއާއެކު، މި އެދުމަށް އިޖާބަ ނުދީފިނަމަ، ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ކޯޓަށް މައްސަލަ ވެއްދުން ފަދަ އިތުރު ޤާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.

މި ބަހުސްގެ ތެރެއަށް ވަދެފައިވާ ގަހަނާއަކީ ތާރީޚީ ގޮތުން ވަރަށް ޚާއްޞަ އަގެއް ލިބިގެންވާ އާއިލީ ތަރިކައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ގަހަނާއަކީ ކަރީނާގެ ފިރިމީހާ، އެކްޓަރު ސައިފް އަލީ ޚާންގެ މަންމަ ފަރާތުގެ އާއިލާ ކަމަށްވާ ބޯޕާލްގެ ޝާހީ އާއިލާގެ ޒަމާންވީ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ޕުނިތު ބަލާނާ ފަރުމާކޮށްފައިވާ ރިހި ކުލައިގެ ކަފްތާން ހެދުމާއެކު ރިއާ ކަޕޫރު ތައްޔާރުކޮށްދިން މި ފުރިހަމަ ސްޓައިލްގައި، ބޯޕާލްގެ ބޭގަމްއާ ގުޅުންހުރި 30 ކެރެޓްގެ އެމެރަލްޑް ހާރަކާއި 200 އަހަރުވީ ތާރީޚީ ކަލްގީއެއް ވެސް ހިމެނެއެވެ.

މި ހާދިސާއާއެކު، ތާރީޚީ ފެޝަނާއި ދީނީ މުޤައްދަސް ލިޔުންތައް އާންމު ތަންތަނުގައި ބޭނުންކުރުމުގެ މިންގަނޑުތަކާ މެދު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. މި ބަހުސްގައި ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން މި ގަހަނާ އެޅި ގޮތާ މެދު ސުވާލު އުފައްދައި ފާޑުކިޔަމުންދާއިރު، އަނެއް ބަޔަކު ދަނީ އެއީ އާއިލީ ތާރީޚީ ތަރިކައެއްކަން ފާހަގަކޮށް އެކަމުގެ ދިފާއުގައި ވާހަކަދައްކަމުންނެވެ. އެހެންކަމުން، އާންމުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މި މައްސަލައަށް އަދިވެސް ވަނީ އެދެވޭ ހައްލެއް ނުލިބިއެވެ.

ގާނޫނީ ނޯޓިހާ ގުޅިގެން ކަރީނާ ކަޕޫރު ޚާން ނުވަތަ ރިއާ ކަޕޫރުގެ ފަރާތުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ހުރި އެ ފޮޓޯތަކާ މެދު އަމަލުކުރާނެ ގޮތާއި، ނޯޓިހުގައިވާ ކަންކަމަށް މި ދެ ފަރާތުން އިޖާބަދޭނެ މިންވަރެއް އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައެވެ.

comment ކޮމެންޓް