ފިރިހެންވަންތަކަން މާނަކުރަން ޖެހޭނީ ރުޅިވެރިކަމާއި ބޮޑާކަމުގެ ބަދަލުގައި ލީޑަޝިޕް ނުވަތަ އިސްނެގުމުގެ ސިފަތަކުން ކަމަށާއި، ފިލްމުތަކުގައި "އަލްފާ މޭލް" ސިފަކޮށްދޭ ބޯދާ ގޮތް ބަތަލުން ދޫކޮށްލަން ޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕަންކަޖް ތުރިޕާތީ ބުނެފިއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ތުރިޕާތީ ފާހަގަކުރި ގޮތުގައި، "އަލްފާ"ގެ ތެރެއިން ބޮޑާކަމާއި ކިބުރުވެރިކަން އުނިކޮށް، އެއީ ޒިންމާދާރު ލީޑަރެއްގެ ސިފައިގެ ގޮތުގައި ބަލައިފިނަމަ އެއީ ގޯސް ކަމެއް ނޫނެވެ. އެހެންނަމަވެސް، ސިނަމާތަކުން އުފައްދާފައިވަނީ މުޅިން ތަފާތު ތަސައްވުރެއް ކަމަށާއި، އެއީ މޭގައި އަތްޖަހައި ބާރުދެއްކުން ފަދަ ސިފަތަކެއް ކަމަށް އޭނާ ބުންޏެވެ.
ފިލްމުތަކުގައި ފިރިހެންވަންތަކަމުގެ އެންމެ މާނައަކަށް ބަރޯސާވުމުގެ ބަދަލުގައި، އޭގެ ތަފާތު ނަޒަރިއްޔާތުތައް ދައްކުވައިދޭން ޖެހޭ ކަމަށް ތުރިޕާތީ ޤަބޫލުކުރެއެވެ. ތުރިޕާތީ ދެކޭގޮތުގައި ވާހަކަ ކިޔައިދިނުމުގެ އަސްލު މަގުސަދަކީ މުޖުތަމައަށް އަލްފާގެ އެންމެ މާނައެއް ދެއްކުމުގެ ބަދަލުގައި، އެކި ގޮތްގޮތް ހުށަހަޅައިދީ، އަމިއްލަ ދިރިއުޅުމުގައި ވާން ބޭނުންވާ ކަހަލަ މީހަކު އިޚްތިޔާރު ކުރުމުގެ ފުރުސަތު މީހުންނަށް ފަހިކޮށްދިނުމެވެ.
ޕަންކަޖްގެ ކެރިއަރުގެ އެންމެ މަޤުބޫލު އުފެއްދުން ކަމަށް "މިރްޒާޕޫރު: ދަ މޫވީ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާފިލްމުތަކާއި ސީރީޒްތަކުން އާންމުންގެ ދިރިއުޅުމުގެ ނިންމުންތަކަށް ނުފޫޒު ފޯރުވާ މިންވަރާ ގުޅޭގޮތުން ވާހަކަދައްކަމުން ތުރިޕާތީ ވަނީ މަޝްހޫރު ވެބް ސީރީޒް 'މިރްޒާޕޫރު'ގެ މިސާލެއް ނަގާފައެވެ. އެ ސީރީޒްގައި ކަޅު ކުލައިގެ ސްކޯޕިއޯ އެސްޔޫވީ ކާރު ފެނުމާ ގުޅިގެން، ޕޫރްވަންޗަލް ސަރަހައްދުގައި އެ ކާރަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވި ކަމަށް ކާރު އުފައްދާ ކުންފުންޏަކުން އޭނާ ގާތު ބުނި ކަމަށް ތުރިޕާތީ ކިޔައިދިނެވެ. މިކަމަށް އިޝާރާތްކޮށް އޭނާ ބުނީ، ސިނަމާ އުފެދެނީ މުޖުތަމައުން އިންސްޕަޔަ ވެގެންތޯ ނުވަތަ މުޖުތަމައު ބަދަލުވަނީ ސިނަމާގެ ސަބަބުންތޯ ބުނަން ބައެއް ފަހަރު އޮޅޭހާ ބޮޑަށް އެ ދެބައި ގުޅިފައިވާ ކަމަށެވެ.
'މިރްޒާޕޫރު'އިން ތުރިޕާތީއަށް އާދަޔާ ޚިލާފު މަގުބޫލުކަމެއް ލިބުނު ނަމަވެސް، އޭނާގެ އަމިއްލަ ޝައުގުވެރިކަން ހުންނަނީ އާންމު ދިރިއުޅުމުގެ ހާލަތްތައް ދައްކުވައިދޭ އާދައިގެ ވާހަކަތަކާއި ކޮމެޑީ ފިލްމުތަކަށް ކަމަށް އޭނާ ހާމަކުރިއެވެ. 'މިރްޒާޕޫރު' ފަދަ އުފެއްދުންތަކަކީ ހަމައެކަނި ފަންނީ ޒިންމާއެއްގެ ގޮތުން ކުރާ މަސައްކަތްތަކެއް ކަމަށާއި، އަމިއްލަ އިޚްތިޔާރެއް ލިބިއްޖެނަމަ ބެލުންތެރިއެއްގެ ހައިސިއްޔަތުންވެސް އޭނާ ޚިޔާރުކުރާނީ ދިރިއުޅުމާ ގުޅުންހުރި ސާދާ ވާހަކަތައް ކަމަށް ތުރިޕާތީ ބުންޏެވެ.
ޕަންކަޖް ތުރިޕާތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ވަރުން ވީ ޝަރްމާ ޑައިރެކްޓްކޮށް، އަދިތީ ރާއޯ ހައިދަރީ މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު 'ޕަރިވާރިކް މަނޫރަންޖަން'އިންނެވެ. ސޮނީލިވްއިން މާދަމާ ޕްރީމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ބާނުޝާލީ ސްޓޫޑިއޯސް ލިމިޓެޑްގެ ވިނޯދް ބާނުޝާލީ އާއި ހިމާންޝޫ މެހެރާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މީގެ އިތުރުން، މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަލީ އައްބާސް ޒަފަރުގެ އޭއޭޒެޑް ފިލްމްސްގެ ދަށުން އޭނާ މި ފިލްމުގެ ކްރިއޭޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައިވެއެވެ.