'މާތުރުބޫމީ'ގެ ޓްރެއިލާ އާންމުކޮށްފި: ސަލްމާން ޚާން ދައްކުވައިދެނީ ހަނގުރާމައިގެ ބަދަލުގައި ސުލްހައިގެ މުހިންމުކަން

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ލީޑް ރޯލުން ފެނިގެންދާ ހަނގުރާމަމަތީ ފިލްމު "މާތުރުބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު، ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައި މިހާތަނަށް 1.2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ޓްރެއިލާ ބަލާފައެވެ. އަޕޫރުވާ ލަކިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާގެ ސިފައިންގެ ދެމެދުގައި 2020 ވަނަ އަހަރު ގަލްވާން ވާދީގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކުގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ފެނިގެންދަނީ ޤައުމީ ވާޖިބަށް ފުރިހަމައަށް ވަފާތެރިވާ ހިތްވަރުގަދަ އަސްކަރީ ސިފައިންގެ އޮފިސަރެއްގެ އިތުރުން، އާއިލާއަށް އިންތިހާއަށް އަޅާލާ އޯގާތެރި ފިރިއެއް އަދި ލޯބިވާ ބައްޕައެއްގެ ގޮތުގައެވެ.

ދިގުމިނުގައި ހަތަރު މިނެޓާއި 35 ސިކުންތު ހިމެނޭ މި ޓްރެއިލާ ފެށިގެން އަންނަނީ އިރުމަތީ ލަދާކްގެ ފިނިގަދަ، ސްނޯއިން ފޮރުވިފައިވާ ފަރުބަދަތަކުގެ ރީތި މަންޒަރުތަކާއެކު، އިންޑިއާ ސިފައިންގެ 16 ވަނަ ބިހާރު ރެޖިމެންޓުގެ އޮފިސަރެއްގެ ގޮތުގައި ސަލްމާންގެ ކެރެކްޓާ ތައާރަފުވަމުންނެވެ. އާއިލާގެ ކަންބޮޑުވުންތަކާ އެކުވެސް ޤައުމީ ވާޖިބު އަދާކުރުމަށް އޭނާ އިސްނަގާއިރު، މަޖާޒީ މިޒާޖަކުން އަނބިމީހާ (ޗިތުރަންގަދާ ސިންގް)ގެ ހިތްހަމަޖައްސައިދޭ މަންޒަރު ފެނިގެންދެއެވެ.

އާއިލީ މަންޒަރުތަކަށްފަހު ދެން ފެނިގެންދަނީ ބޯޑަރު ސަރަހައްދުގައި ޗައިނާ ސިފައިން ޓެންޓު ޖަހައި ޕޯސްޓުތައް ގާއިމުކުރުމާ ގުޅިގެން އުފެދޭ ވަރުގަދަ ނުތަނަވަސްކަމެވެ. މި ހާލަތުގައި ސަލްމާންގެ ކެރެކްޓާ އިސްކަންދެނީ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށެވެ. އަދި ޙަޤީޤީ ހިތްވަރަކީ ހަމައެކަނި ހަނގުރާމަކުރުން ނޫން ކަމަށާއި، ހަނގުރާމައެއް ހުއްޓުވުމަކީވެސް ވަރުގަދަ ހިތްވަރެއްކަން އޭނާގެ ސިފައިންނަށް ވިސްނައިދެއެވެ. އެހެންނަމަވެސް، އިދިކޮޅު ސިފައިންގެ ބާރު ގަދަވެ އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް އެންގުމުން އޭނާ އެކަމަށް އިންކާރުކޮށް، ސިފައިން ތިބީ މިފަދަ ހާލަތްތަކާ ކުރިމަތިލާން ކަމަށް ބުނެ ހިތްވަރު ދައްކައެވެ. އެއާއެކު ދެފަރާތުގެ ދެމެދުގައި ހިނގާ ކުރިމަތިލުންތައް ވަރުގަދަވެ، ހަނގުރާމައިގެ ހޫނުކަން އިންތިހާއަށް މައްޗަށް ދެއެވެ.

ސަލްމާން ޚާން ލީޑް ރޯލުން ފެނިގެންދާ ހަނގުރާމަމަތީ ފިލްމު "މާތުރުބޫމީ: މޭ ވޯ ރެސްޓް އިން ޕީސް"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ހަނގުރާމަ އިއުލާނުކުރާ ވެރިން އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަން ޖެހޭނަމަ ދުވަހަކުވެސް ހަނގުރާމައެއް ނުހިނގާނެ ކަމަށް ބުނެ، މި ފިލްމުން ހަނގުރާމައިގެ ޙަޤީޤަތާމެދު ފުން ސުވާލުތަކެއް އުފައްދައެވެ. ޓްރެއިލާ އެއްކޮށް ނިމިގެންދަނީ އިންސާނިއްޔަތުކަމާއި ޤައުމީ ލޯތްބަކީ ދުޝްމަނުން ނައްތާލުން ނޫން ކަމަށާއި، އަދާވާތްތެރިކަން ނައްތާލުން ކަމަށް ބުނެދޭ އިބުރަތްތެރި މެސެޖަކުންނެވެ.

މުމްބާއީގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މީޑިއާއާ ވާހަކަދައްކަމުން ސަލްމާން ވަނީ މިއީ ވަކި ޤައުމަކާ ދެކޮޅަށް އުފައްދާފައިވާ ފިލްމެއް ކަމަށް ދެކެވޭ ވާހަކަތައް މުޅިން ދޮގުކޮށްފައެވެ. މިއީ ސީދާ ބަޔޯޕިކެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ، މި ފިލްމުގައި ދައްކުވައިދެނީ ހަމައެކަނި ދެފަރާތުގެ އަސްކަރީ ސިފައިންގެ ކުރިމަތިލުންތައް ކަމަށެވެ. އެހެންކަމުން، މިފަދަ ފިލްމެއްގެ ސަބަބުން ދެ ޤައުމުގެ ހާރިޖީ ގުޅުމަށް އަސަރުކުރާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރިއެވެ.

މީގެއިތުރުން ފިލްމުގެ ވާހަކަ ބަދަލުކުރުމަށް ސަރުކާރުން ނުވަތަ އެހެން އިދާރާއަކުން ޕްރެޝަރު ކުރި ކަމަށް ބުނެ ފެތުރުނު އަޑުތައްވެސް ސަލްމާން ވަނީ ދޮގުކޮށްފައެވެ. ފިލްމު ރިލީޒްކުރުން އެކި ފަހަރު މަތިން ފަސްކުރަން ޖެހުނު މައިގަނޑު ސަބަބުތަކަށް އަލިއަޅުވާލަމުން ސަލްމާން ބުނީ، ވިޝުއަލް އިފެކްޓްސް (ވީއެފްއެކްސް) އެންމެ ފުރިހަމަ ފެންވަރަކަށް ގެނައުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ. އޭގެ އިތުރުން ޝޫޓިން ތެރޭގައި ބަތަލާ ޗިތުރަންގަދާ ސިންގްއަށް ލިބުނު އަނިޔާއާ ގުޅިގެން ފަރުވާ ހޯދަން ޖެހުމުން ތާވަލުތަކަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ސެންސަރު ބޯޑާ ގުޅޭގޮތުން ދެކެވުނު ވާހަކަތައް ސާފުކޮށްދެމުން ސަލްމާން ބުނީ، ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ)އިން އެއްވެސް މަންޒަރެއް އުނިކުރުމެއް ނެތި ފިލްމަށް ފުރިހަމަ ހުއްދަ ދީފައިވާ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވި ކަމާބެހޭ ވުޒާރާތަކަށާއި ސެންސަރު ބޯޑަށް އޭނާ ޚާއްޞަ ޝުކުރެއް އަދާކުރިއެވެ. ކުރިން "ބެޓްލް އޮފް ގަލްވާން"ގެ ނަމުގައި މަސައްކަތް ފެށި ނަމަވެސް، ފަހުން "މާތުރުބޫމީ"ގެ ނަމަށް ބަދަލުކުރީ ފިލްމުގެ މައުޟޫއާ އެންމެ ގުޅެނީ ފިލްމުގައި ހިމެނޭ ލަވައަކުން ނެގުނު އެ ނަން ކަމަށް ވާތީ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ޚާން ފިލްމްސްގެ ދަށުން އުފައްދާފައިވާ މި އުންމީދީ ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް