ޔުނައިޓެޑް ބޯންމަތު އަތުންވެސް ބަލި؛ ސީޒަން ނިމެންދެން ކެރިކް ބަހައްޓާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތުއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެ، ސީޒަން ނިމެންދެން އެ ޓީމުގެ މެނޭޖަރު މައިކަލް ކެރިކް ބަހައްޓަފާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ފެނާންޑޭޒް ބެންޗަށް ލާފައިވަނީ ޓެކްޓިކަލް ބަދަލެއްގެ ގޮތުން ކަމަށް ކެރިކް ބުނި ނަމަވެސް ކޯމޯ އަތުން ބަލިވި މެޗަށްފަހު ފެނާންޑޭޒް ބުނެފައި ވަނީ އެ މެޗުން ޓީމު ބަލިވެފައި ވަނީ ކެރިކްގެ ޓެކްޓިކްސް ގޯސްވުމުން ކަމަށެވެ.

ބޯންމަތުން މި މެޗުގައި ޔުނައިޓެޑްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 38 ވަނަ މިނިޓުގައި ރަޔާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ބޯންމަތަށް ލިބުނު ހިލޭ ޖެހުމެއް ޖަސްޓިން ކްލައިވަޓް ނަގައިދިންއިރު އޭރިޔާ ތެރޭގައި ހުރެ ރަޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑްގެ ލެނީ ޔޯރޯ އަތުން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު މާކަސް ޓެވޭނިއާ ވަނީ އިތުރު ލަނޑެއް ޖަހައި ބޯންމަތުގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގައި ބޯންމަތުން ޖެހި ތިންވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެވަނިލްސަންއެވެ.

މި މެޗުން ޔުނައިޓެޑް ބަލިވުމާއެކު އެ ޓީމަށް އަށް މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ވަނީ ތާވަލުގެ 16 ވަނައަށް ވެއްޓިފައެވެ. ބޯންމަތަށް ލިބިފައިވާ ނުވަ ޕޮއިންޓާއެކު އެ ޓީމު ވަނީ 13 ވަނައަށް ޖެހިލާފައެވެ.

މި މެޗުން ޔުނައިޓެޑް ބަލިވިއިރު، މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އިޓަލީގެ ކޯމޯ އަތުންވެސް 1-4 ގެ ނަތީޖާއަކުން ބަލިވުމާއެކު ކޯޗު މައިކަލް ކެރިކަށް، ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ. އަދި މި ނަތީޖާ އާއިއެކު އޭނާއަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކޯމޯ އަތުން ބަލިވި މެޗަށްފަހު ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ފާޑުކިއުންވެސް ކެރިކަށް އަމާޒުވުމުން މި މެޗުގެ އެއްވެސް ހިސާބަކުން އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ.

comment ކޮމެންޓް