މަސް ދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޑޮލަރުން ލިބުނު އާމްދަނީ 24 ޕަސެންޓު ދަށްވެއްޖެއެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު، އެ އިދާރާއަށް ޑޮލަރުން ލިބިފައިވަނީ، 96.2 މިލިއަނެވެ. އެކަމަކު، އޭގެކުރިން ސެޕްޓެމްބަރުގައި، މީރާއަށް ވަނީ، 126.8 މިލިއަން ލިބިފައެވެ. އެހެންކަމުން މަހެއް ތެރޭގައި، މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ މި ވަނީ 24 ޕަސެންޓު ދަށްވެފައެވެ.
އެކަމަކު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ވަނީ، 85.9 މިލިއަންގެ އާމްދަނީއެއް ޑޮލަރުން ލިބިފައެވެ. އެހެން އެ މަހާ އަޅައިބަލާއިރު މިދިޔަ މަހުގެ ޑޮލަރުގެ އާމްދަނީއަކީ، ގާތްގަނޑަކަށް 12 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ދައުލަތަށް 2.28 ބިލިއަނުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 12 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، މިއީ މީރާއިން މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ 14 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ ދަށްވެފައި -- މީރާއިން ބުނި ގޮތުގައި އާމްދަނީ އިތުރުވީ، މިދިޔަ އަހަރާ އަޅާބަލާއިރު، ޓީޖީއެސްޓީއާއި ޖީޖީއެސްޓީން ލިބުނު ފައިސާ އިތުރުވުމުންނެވެ. އަދި، އެއާޕޯޓް ޓެކްސް ލިބުނު މިންވަރު އިތުރުވެ، ކޯޕަރޭޓް އިންކަމް ޓެކްސްއާއި ޓޫރިޒަމް ލޭންޑް ރެންޓްގައި ޑިއުސް ނެގުން ބޮޑުވުމުން 20 އަހަރުގެ ކަލެކްޝަން ވަރަށް ބޮޑަށް އިތުރުވުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެފައިވެއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، ޑޮލަރުގެ ތާށިކަމެއް އުޅޭ ނަމަ ތަކެތީގެ އަގު އުފުލެއެވެ. އަދި ގައުމުގެ ދަރަނި ބޮޑުވުމުންނާއި، މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރަށް އަރަމުން އަންނަ ލޮޅުންތަކުން ވެސް ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުންދެއެވެ.