ވަޒީފާގެ ދަތުރަށް އަހުލުވެރިކުރުވުން: މަރުޙަބާއިން ފެށިގެން ކާމިޔާބީއާ ހަމައަށް

މުވައްޒަފަކު ތަނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަކީ، އެހާ އާދައިގެ ކަމަކަށް ވެގެންނުވާނެއެވެ.

ވަޒީފާއެއް ހޯދުމުގެ މަރުޙަލާއަކީ ފަސޭހަ ދަތުރެއް ނޫނެވެ. އެތައް މަސައްކަތަކުން އިންޓަވިއު ކާމިޔާބުކޮށް، ވަޒީފާގެ ފުރުޞަތު ލިބުމުން ކޮންމެ މީހަކަށްވެސް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބެއެވެ. ނަމަވެސް، ވަޒީފާގެ ފުރަތަމަ ދުވަހު އޮފީހަށް ވަދެގެންދާއިރު ހިތުގައި އުފެދޭ ނުތަނަވަސްކަމާއި ސުވާލުތައް މަދެއް ނޫނެވެ.

"އަހަރެން އިންނަންޖެހޭނީ ކޮންތަނެއްގައި ބާވައެވެ؟ މިއަދު ބައްދަލުވާނީ ކޮން ބަޔަކާ ހެއްޔެވެ؟ އަހަރެންގެ ފަރާތުން ހަގީގަތުގައި ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ ކަމެއް ނޭނގިއްޖެނަމަ އަހާނީ ކާކު ކައިރީގައި ހެއްޔެވެ؟ އަދި ކުށެއް ކުރެވިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"

މިއީ ވަޒީފާއަށް މީހަކު އެއްބަސްވާ ހިސާބުން ފެށިގެން، ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން އެންމެ ވިސްނަންޖެހޭ އެއްމަރުޙަލާއެވެ. އޮންބޯޑިންގ ނުވަތަ ވަޒީފާއަށް މަރުހަބާކިޔުމަކީ ފުރަތަމަ މަސައްކަތު ދުވަހު ފެށޭ ކަމެއް ނޫނެވެ. އެއީ އެ މީހަކު ވަޒީފާ ޤަބޫލުކުރާ ހިސާބުން ފެށޭ ކަމެކެވެ. މުހިންމު ސުވާލަކީ، އެ މުވައްޒަފަށް މަރުހަބާ ކިޔުމަށާއި، ތަނަށް އަހުލުވެރިކުރުވުމަށާއި، އުއްމީދުތައް ދެނެގަތުމަށާއި، އިތުބާރު ބިނާކޮށް ކުރިއަރައި ދިއުމަށް އަޅުގަނޑުމެން އެހީތެރިވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ވަޒީފާ ޤަބޫލުކުރުމާއެކު، އޮފީހުގެ ތައްޔާރީތައް ފެށެންވާނެއެވެ. އެ މީހަކު މަސައްކަތްކުރާނެ ތަނަކާއި، ބޭނުންވާ ސާމާނާއި، އެކްސެސް ހަމަޖެއްސުމުގެ ކަންތައްތައް އިންތިޒާމު ކުރަންވާނެއެވެ. އެ މުވައްޒަފު އަންނަ ދުވަހާއި ވަގުތު އޭނާ މަސައްކަތްކުރާނެ ޑިޕާޓްމަންޓަކަށާއި ރިސެޕްޝަނަށް އެނގެންވާނެއެވެ. އަދި ފުރަތަމަ ދުވަހު ކަންކަން ހިނގާނެ ގޮތުގެ މައުލޫމާތު ތަނާ އަލަށްގުޅޭ މުވައްޒަފަށް ކުރިން އެނގިފައިއޮތުމަކީ މުހިންމު ކަމެކެވެ.

މިއީ ކުދިކުދި ކަންކަން ކަމުގައި ހީވި ނަމަވެސް، މީހަކު ވަޒީފާއަށް ނުކުންނައިރު އެއްވެސް ކަމެއް ތައްޔާރުނުވެ އޮތުމުން މުއައްސަސާއިން އެ ދެވެނީ ނޭދެވޭ މެސެޖެކެވެ. އެއާ ޚިލާފަށް، ހުރިހާ ކަމެއް ފުރިހަމައަށް ހަމަޖެހިފައި ހުރުމުން ދޭހަކޮށްދެނީ، "އަހަރެމެން މިތިބީ އިންތިޒާރުގައި" ކަމުގެ މުހިންމު މެސެޖެވެ.

އާމުވައްޒަފަކަށް މަރުޙަބާ ކިޔުމުގައި އިޚްލާޞްތެރިކަން އޮންނަންވާނެއެވެ. އެކަމުގައި ދެއްކުންތެރިކަން ބޮޑު، އިސްރާފު ގޮތްތަކެއް ހުންނާކަށް ނުޖެހެއެވެ. ސާދާ ނަމަވެސް ހިތްހެޔޮ މަރުޙަބާއެއް ކިޔުމުން އެ މީހަކަށް ތިމާ ބަލައިގަންނަކަމުގެ އިޙްސާސް ކުރެވޭނެއެވެ. ޚާއްޞަކޮށް، މުއައްސަސާގެ އިސްވެރިއަކާ ބައްދަލުވެލުމުގެ ފުރުޞަތު ލިބުމަކީ، އެ މުވައްޒަފުގެ ދައުރުގެ މުހިންމުކަން ވިސްނައިދީ، އޭނާގެ ކާމިޔާބީއަށް މުއައްސަސާއިން އެދޭ މިންވަރު ހާމަކޮށްދޭނެ ކަމެކެވެ.

ރަނގަޅު އިންޑަކްޝަނަކީ ހަމައެކަނި ޤަވާޢިދުތަކާއި ފޯމުތަކެއް ފުރުވުމެއް ނޫނެވެ. ހާޒިރީއާއި، ރިޕޯޓްކުރާނެ ފަރާތްތަކާއި، އަޚްލާޤީ މިންގަނޑުތައް އެނގުމުގެ އިތުރުން، އޮފީހުގެ މަސައްކަތުގެ ސަގާފަތް ދެނެގަތުމުގެ ފުރުޞަތުވެސް އިންޑަކްޝަންގެ ތެރެއިން ފަހިވާންޖެހެއެވެ.

ގުޅިގެން މަސައްކަތްކުރާނީ ކިހިނެއް؟ ރަނގަޅު ނަތީޖާއަކީ ކޮބާ؟ އަހަރެންގެ މަސައްކަތާ ގުޅިފައިވަނީ ކޮން ބަޔަކާ؟ އަހަރެން ބަރޯސާވާންޖެހެނީ ކޮން ބަޔަކަށް؟ އެހީތެރިކަމަށް އެދޭނީ ކިހިނެއް؟ - މިފަދަ ސުވާލުތަކުގެ ޖަވާބު ލިބޭ ތަޖުރިބާއަކަށް އިންޑަކްޝަންވުމަކީ މުވައްޒަފު ތަނަށް އަހުލުވުރި ކުރުވުމުގެ މުހިންމު ފިޔަވަޅެކެވެ.

ޒަމާނަށް އައި ބަދަލާއެކު ވީޑިއޯ އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށްވެސް މިފަދަ ބައެއް މަޢުލޫމާތު ދެވިދާނެއެވެ. ވަސީލަތް ބަދަލުވި ނަމަވެސް އޭގެ އަސްލު މަޤްޞަދު ބަދަލުވެގެން ނުވާނެއެވެ. އެއީ އެ މީހަކަށް އާދެވުނީ ކޮންތަނަކަށްކަން ސާފުކޮށް ބުނެދީ، އެތަނުގައި ކާމިޔާބު މީހަކަށްވާނެ މަގު ދައްކައިދިނުމެވެ.

ވަޒީފާގެ އިމްތިޙާނު މަރުޙަލާ (ޕްރޮބޭޝަން) ގައި، ކޮންމެ އާމުވައްޒަފަކަށްވެސް އެހީތެރިވާނެ މެންޓަރެއް ހުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ނުހަނު ފައިދާވާނޭ ކަމެކެވެ. މެންޓަރަކީ މުވައްޒަފުގެ މަސައްކަތް ރަސްމީކޮށް ވަޒަންކުރާ ސުޕަވައިޒަރާ ވަކިން ހުންނަ ފަރާތަކަށް ވާންޖެހެއެވެ. މެންޓަރަކީ ފާޑުކިޔައި ކުށް ހޯދާ މީހެއް ނޫނެވެ. އެއީ މަގުދައްކައި އެހީތެރިވާ މީހެކެވެ.

މެންޓަރަކަށް ހަމަޖައްސަންވާނީ ތަޖުރިބާހުރި، އޯގާތެރި، މީހުންނާ ގުޅޭ އަދި ކުންފުންޏާމެދު ހެޔޮވިސްނުން ގެންގުޅޭ މީހެކެވެ. އަދި އެފަދަ ފަރާތްތަކަށް އެކަމުގެ ތަމްރީނު ލިބެންވާނެއެވެ. އައު މުވައްޒަފަކަށް، "މިކަން އަޅުގަނޑަކަށް ނުވިސްނުނު"، "އަޅުގަނޑަށް ކުށެއް ކުރެވިއްޖެ"، ނުވަތަ "މިކަން ވަރަށް އުނދަގޫ" ކަމަށް، އިތުބާރާއެކު ބުނެލާނެ މީހަކު ހުރުމަކީ، ވަޒީފާގެ ފަށާ މަރުހަލާގައި ވަރަށް މުހިންމު ކަމެކެވެ. އެމީހަކީ އަޅުގަނޑު ދެކޭގޮތުގައި މެންޓަރ އެކެވެ.

ވަޒީފާގެ އިމްތިޙާނު މަރުޙަލާއަކީ ބިރުދައްކައި ކުށްހޯދުމުގެ ދުވަސްތަކަކަށް ވެގެން ނުވާނެއެވެ. ރަނގަޅު އިޖުރާއަތަކުން ހޮވުނު މީހެއްނަމަ، އެމީހެއްގެ ކިބައިގައި ޤާބިލުކަން ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ. ދެން އޮތް ޒިންމާއަކީ އެ ޤާބިލުކަން އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަށް އެހީތެރިވުމެވެ. އެއީ އިސްމުވައްޒަފުންނާއި އެމީހަކު ހިމެނޭ ޓީމުގެ ޒިންމާއެކެވެ.

މިގޮތުން 15 ވަނަ ދުވަހު، 45 ވަނަ ދުވަހު އަދި 75 ވަނަ ދުވަހު މުވައްޒަފުގެ ކުރިއެރުން ވަޒަންކޮށް، މަޝްވަރާކުރުމުގެ އިންތިޒާމެއް ހަމަޖެއްސުން މުހިންމެވެ. ކަންކަން ރަނގަޅުކުރަންވީ ގޮތުގެ އިރުޝާދު ކުރީކޮޅުގައި ލިބެންވާނެއެވެ. ވަޒީފާ ދާއިމީކުރާ ދުވަހު، ކުއްލިއަކަށް ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެން ނުވާނެއެވެ. ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ ސާފު ހެކިތަކާއި ހިއްސާކުރެވިފައިވާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށެވެ.

މުވައްޒަފަކު ތަނުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަކީ، އެހާ އާދައިގެ ކަމަކަށް ވެގެންނުވާނެއެވެ. އޭގެ މާނައަކީ ސާފު މަގު ދައްކައި، އެހީތެރިކަންދީ، ކާމިޔާބުވުމަށް އިންސާފުވެރި ފުރުޞަތެއް ފަހިކޮށްދިނުމެވެ. އެމުވައްޒަފަކަށް، ޒިންމާދާރުކުރުވާނެ ސުޕަވައިޒަރަކާއި، ފައިތިލަ ސާބިތުކުރަން އެހީވާނެ މެންޓަރެއްގެ އެހީތެރިކަން އެކުއެކީގައި ފަހިކޮށްދީގެންނެވެ.

މުއައްސަސާއަކުން ރަނގަޅަށް ތައްޔާރުވެ، އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔައި، ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދީ، އޯގާތެރިކަމާއެކު އެހީތެރިވެދޭނަމަ، މުވައްޒަފުގެ ހިތުގައި އުފެދޭނީ ހިތްވަރާއި ސާބިތުކަމެވެ. "އަހަރެންގެ ފަރާތުން ބޭނުންވާ ކަންކަން އަހަންނަށް އެނގެއެވެ. އެހީތެރިކަމަށް އެދޭނެ ގޮތްތައް އެނގެއެވެ. އުނގެނި ކުރިއަރާދިއުމުގެ ފުރުޞަތު އެބައޮތެވެ. އަހަންނަށް ލިބިފައިމިވަނީ ރަނުގެ ފުރުޞަތެކެވެ." މުއައްސަސާއަކަށް މީހުންގެ ވަފާތެރިކަމާއި ލޯބި ލިބެން ފަށަނީ މި އިހުސާސަތަކުގެ ތެރެއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް